ޚަބަރު

އަޟްޙާ ޢީދު ފާހަގަކުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް


  • މާލެ ސަރަހައްދުގައި ޢީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް

  • މާލެ އާއި ވިލިމާލޭގައި 22 ގިޑިގެއާއި 2،224 ބޮކި ހަރުކޮށްފައިވޭ

  • ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢިދާއި ގުޅިގެން ދަނީ ހަރަކާތްތައް ބާއްވަމުން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ކުލަ ގަދަކޮށް، އަޟްޙާ ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް އެބަދެއެވެ.

އީދު ފާހަގަކުރުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށްދާއިރު، އެ ހަރަކާތްތަކުގައި ހުރިހާ އުމުރުފުރާއެއްގެ މީހުންވެސް ދަނީ ބައިވެރިވަމުންނެވެ.

މާލޭގައިވެސް ޢީދު ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބޮޑު ޢީދަށް މުޅި މާލެ ވަނީ ގިޑިގެއާއި ކުލަ ބޮކިތަކުން ދިއްލާލާފައެވެ. މާލެ އާއި ވިލިމާލޭގައި 22 ގިޑިގެ އާއި، 2،224 ބޮކި ހަރުކޮށްފާވާއިރު، ސިޓީ ކައުންސިލާއި އުރީދޫ ގުޅިގެން މާލޭ ބޮޑު ފަސްގަނޑުގައި ވަނީ އުލްޙިޔާ ކަތިލުމުގެ ހަރަކާތެއްވެސް ބާއްވާފައެވެ. އަދި ޢިދު ދުވަހުގެ ހަވީރު، ސަލްޓަން ޕާކުގައި ކުޑަކުދިންގެ ހަވީރެއްވެސް ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވިއެވެ.

ހުޅުމާލޭގައި، ޢީދު ފާހަގަކުރުމުގެ ގޮތުން ޢީދު އުފާ ޝޯވއެއް އާބަންކޯއިން އިސްނަގައިގެން ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ވަނީ ބާއްވާފައެވެ. މި ޝޯވގައި، ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ބޮޮޑުބެރު ގްރޫޕްތަކުގެ ހުށަހެޅުންތައް ފެނިގެންދިޔައެވެ.

މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް ޢީދު ފާހަގަކުރުމަށް ހަރަކާތްތަކެއް ވަނީ ހިންގާއެވެ. އެގޮތުން، ހދ.ކުޅުދުއްފުށީގައިވެސް ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އަދި އެމް.އެން.ޑީ.އެފްއާއި ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ގުޅިގެން އެ ރަށުގައި، ކުޑަކުދިންގެ ހަވީރެއްވެސް ވަނީ ބާއްވާފައެވެ.

ހއ.ދިއްދޫގައިވެސް ވަނީ ޢީދު ސައިގެ އިތުރުން، ކުޑަކުދިންގެ ހަވީރެއް ބާއްވާފައެވެ. މީގެއިތުރަށް، ށ. ކޮމަންޑޫގައި، ބޮޑު ހުޅުޖެހުމުގެ ހަރަކާތަކުން ޢީދުގެ ފަށައިފައިވާއިރު، އެ ރަށު ކައުންސިލުން އިންތިޒާމް ކޮށްގެން، އަންހެން ކަނބަލުންގެ އޮޕްސްޓިކަލް ރޭހެއް ބާއްވާފައިވެއެވެ. މީގެއިތުރުން، ބޮޑު ޢީދަށް ޚާއްސަކޮށް ލަވައެއްވެސް، އެ ރަށު ކައުންސިލުން އިސްނަގައިގެން ވަނީ ނެރެފައެވެ.

އުތުރުގެ ރަށްތަކުގެ އިތުރުން، މެދު ރާއްޖެތެރޭގައިވެސް މިއަހަރުގެ އަޟްޙާ ޢީދު، ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައިވެއެވެ. އެގޮތުން، ރ. މަޑުއްވަރީގައި ރަދުން ހިއްޗަށް ދިއުން ދައްކާލުމުގެ ހަރަކާތްތައް ބޭއްވިއެވެ. އަދި ޅ. ނައިފަރުގައި ވާދެމުމާއި، އެކި ކުޅިވަރު މުބާރާތްތައް ކުރިއަށްދިޔައެވެ. ހަމައެއާއިއެކު، ދ.ކުޑަހުވަދޫގައި ޢާއިލީ ހަވީރެއް ބޭއްވުމުގެ އިތުރަށް، އެ ރަށު ހިއްކިބިން ސަރަހައްދުގައި ސިފައިންގެ ކުލަބާއި ގުޅިގެން، އެ ރަށު ކައުންސިލުން ވަނީ، ހަވާ އެރުވުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގެ ދެކުނުގެ އެކި ރަށްރަށުގައި ވެސް އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ކުރިއަށް އެބަގެންދެއެެވެ. އެގޮތުން، ލ. ކަލައިދޫގައި ޢީދު ކަލަރ ރަންގެ އިތުރުން، ޢީދު ޝޯވ އެއް ބޭއްވިއެވެ. ވަން ޑޭ ފުޓްސަލް ކަޕެއް އެ ރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ވަނީ ބާއްވާފައެވެ.

ގދ. ގައްދޫގައި ޢީދު މަޅި ރޯކޮށް، ޢީދުގެ ޙަރަކާތްތައް ފަށައިގެން ކުރިއަށްދާއިރު ޢީދު ސައި ބޭއްވުމުގެ އިތުރަށް، ގައްދޫ ޒުވާނުންގެ ފަރާތުން ޢީދު މިޔުޒިކް ޝޯވއަކާއި، ކޯޑިއާއެކު، މާލި ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ޢީދު ފާހަގަކުރުމުގެ ގޮތުން، ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔައެވެ. އަދި މިއީ އެތައް ޒަމާނެއް ކުރިން ފެށިގެން ރާއްޖޭގައި އޮންނަ އާދަކާދަތަކެއްކަންވެސް ފާހަގަކޮށްލެވެއެވެ.