ޚަބަރު

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފި


  • ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީ އުފެއްދުމަށް 3650 ފޯމް ހުށައެޅި

  • ޕާޓީ އުފެއްދުމުގެ ހުއްދަ ދޭން ނިންމާފައިވަނީ ޖުލައި 2ވަނަ ދުވަހު

  • ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރުވެސް 11 ސިޔާސީ ޕާޓީއެއް އެބައޮތް

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ އަންނަ އާދީއްތަ ދުވަހު ދުވަހު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފަށެވެ. ޕާޓީ އުފެއްދުމަށް 3،600 މީހުންގެ ފޯމާއިއެކު އިލެކްޝަނަށް ހުށަހެޅީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން އަންނަނީ އެ ޕާޓީ ރަޖިސްޓްރީކުރުން ލަސްވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، ޖުލައި 2 ވާ އާދީއްތަ ދުވަހު ދިނުމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަމަށް ޙަސަން ލަޠީފަށް މިހާރު އަންގަވާފައިވާނެކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބަޔާންކުރާގޮތުން ސިޔާސީ ޕާޓިއެއް އުފެއްދުމަށް 3000 މެންބަރުންގެ ސޮއި ބޭނުންވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް އެ ޢަދަދަށް މެންބަރުންގެ ސޮއި ހަމަވާތީ، އެޕާޓީ ހުއްދަ ދޭން ހުރިހާ މެންބަރުންވެސް އެއްބަސްވެވަޑައިގަންނަވާކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީ އުފެއްދުމަށް ފޯމު ހުށަހެޅުމަށްފަހު ޙަސަން ލަޠީފް ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެއްވުމާއެކު ޕާޓީ އުފެއްދެވުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަ ކުރައްވާނެ ކެނޑިޑޭޓަކު ކަނޑައަޅުއްވާނެކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެވެ. ނަމަވެސް އެޕާޓީން ނެރޭނެ ކެނޑިޑޭޓެއް އަދި ކަނޑަނާޅުއްވާކަމަށް ޙަސަން ލަޠީފް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރުވެސް 11 ސިޔާސީ ޕާޓީއެއް އެބައޮތެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާގޮތުން ކޮންމެ ޕާޓިއެއްގައިވެސް މަދުވެގެން 3000 މީހުން ހަމަވާންޖެހެއެވެ.