ޚަބަރު

ރިޔާސީ އިންތިޚާބަށް ހުޅުވާލާނީ 23 ޖުލައިގައި، ނަން ތަރުތީބުކުރާ ތާރީޚަށް ބަދަލެއް ނާދޭ


  • - އިންތިޚާބަށް ހުޅުވާނީ ޖުލައި 23 އިން 7 އޯގަސްޓަށް

  • - ކެނޑިޑޭޓުންގެ ނަން ތަރުތީބު ކުރާނީ އޯގަސްޓް 9 ގައި

  • - މިހާތަނަށް 7 ބޭފުޅަކު އިންތިޚާބުގައި ވާދަކުރާނެކަމަށް އިއުލާން ކުރައްވާފައިވޭ

  • - ކެނޑިޑޭޓުން ކެމްޕެއިން ކުރުމުގެ މުއްދަތަކީ 10 އޮގަސްޓް އިން 08 ސެޕްޓެމްބަރ

ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު އަންނަ ޖުލައިމަހުގެ 23 ވަނަ ދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބޭއްވުމަށް އިއުލަން ކުރެއްވި ދުވަހު ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ ކެނޑިޑޭޓުންނަށް ކުރިމަތިލުމަށް ހުޅުވާލާ މުއްދަތަކީ ޖުލައި 23 އިން 3 އޮގަސްޓް އަށް ކަމުގައެވެ. ނަމަވެސް އިންތިޚާބާ ބެހޭ ޢާންމު ޤާނޫނަށް ގެނައި އިޞްލާޙާއިއެކު މިމުއްދަތު ވަނީ 10 ދުވަހުން، 14 ދުވަހަށް އިތުރުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިޚާބު 2023 އަށް ކުރިމަތިލާ ކެނޑިޑޭޓުންގެ އެޕްލިކޭޝަން، އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށް، އީސީ އިން ބަލައިގަންނާނީ، ޖުލައި 23 ވާ އާދީއްތަ ދުވަހުން ފެށިގެން، އޮގަސްޓް 7 ވާ ހޯމަދުވަހު ގެ ނިޔަލަށް ކަމަށެވެ.

އިންތިޚާބުގެ ޢާންމު ޤާނޫނަށް، (އެޕްލިކޭޝަން ބަލައިގަތުުގެ މުއްދަތަށް) ގެނައި ބަދަލުގެ ސަބަބުން، ކެނޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީޚަށް ބަދަލެއް ނާންނާނެ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބުގެ މުހިންމު ތާރީޚުތައް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ، ޤާނޫނަށް ބަދަލު އަތުވެދާނެ ކަމަށް ވިސްނައިގެން ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ މެދުގައި ގުރުއަތުލުން އޮންނާނީ، ކެމްޕޭން ކުރުމަށް 30 ދުވަސް ލިބޭގޮތަށް، އޮގަސްޓް 9 ވާ ބުދަދުވަހުއެވެ.

ރިޔާސީ އިންތިޚާބުގެ ޓައިމްލައިން:

* ވޯޓާސް ލިސްޓް އާންމުކުރުން - 02 މެއި
* ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުން - 02 މެއި އިން 02 ޖޫން
* ރީ-ރަޖިސްޓްރޭޝަން މުއްދަތު - 16 ޖުލައި އިން 05 އޮގަސްޓު
* ޓްރައިނަރުން ތަމްރީން ކުރުން - 16 ޖުލައި އިން 21 ޖުލައި
* ކެނޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުން - 23 ޖުލައި - 07 އޮގަސްޓް
* އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުޞަތު ހުޅުވާލުން - 25 ޖުލައި އިން 13 އޮގަސްޓް
* ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން - 09 އޮގަސްޓް
* ކެނޑިޑޭޓުން ކެމްޕެއިން ކުރުމުގެ މުއްދަތު - 10 އޮގަސްޓް އިން 08 ސެޕްޓެމްބަރ
* އިންތިޚާބު ބޭއްވުން (ފުރަތަމަ ބުރު) - 09 ސެޕްޓެމްބަރ
* ފުރަތަމަ ބުރުގެ ނަތީޖާ - 09 ސެޕްތެމްބަރުން ފެށިގެން
* އިންތިޚާބުގެ ދެވަނަ ބުރު - 30 ސެޕްޓެމްބަރ

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން:

ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެއެވެ. މިއީ މިފަހަރުގެ އިންތިޚާބުގައި އެތެރޭގެ ޕްރައިމަރީއެއް ބާއްވައި އިންތިޚާބުގައިވާދަކުރައްވާ ހަމައެކަނި ކެނޑިޑޭޓުވެސް މެއެވެ.

ރައީސް ޞާލިހާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކަކީ އެމް.ޑީ.އޭއާއި، އަދާލަތު ޕާޓީއެވެ. އެމަނިކުފާނުގެ ކެމްޕެއިން ދަތުރުތައް ޢީދު ބަންދަށްފަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯޯލިޝަންގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ރައީސް ޔާމީންނެވެ. އެކޯލިޝަނުން ވަނީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ޙަވާލު ކުރައްވާފައެވެ. އެމަނިކުފާނު ގެންދަވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުންނެވެ.

މި ހުކުމްގެ އިސްތިއުނާފް އަޑު އެހުންތައް ހައިކޯޓުގައި ދަނީ ކުރިއަށެވެ. މީގެ އިތުރުން ރ. ފުއްގިރި މައްސަލައިގެ ޝަރީއަތްވެސް ދަނީ ކުރިއަށެވެ. ރައީސް ޔާމީނަށް ކުރިމަތިލެވޭނީ ޖަލުހުކުމުން ސަލާމަތްވެވިގެންނެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީންވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާ ރިޔާސީ ޓިކެޓް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް އަރުވާފައެވެ.

ރިޔާސީ އިންތިޚާބުގައި ދެން ވާދަކުރައްވާ ކެނޑިޑޭޓުންނަކީ އެމް.އެން.ޕީގެ ފަރާތުން މުޙައްމަދު ނާޒިމްއާއި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި، އެލް.ޖީ.އޭގެ ކުރީގެ ނައިބް ރައީސް ޝުޖާއު ހުސެއިންގެ އިތުރުން ކުރީގެ ބަންޑާރަ ނައިބް ޑރ. މުހައްމަދު މުނައްވަރެވެ.

ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި 2 ވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.