ޚަބަރު

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ފަޚްރުވެރި އެއްވަނަ ޝަހުބާއަށް


  • ބޭސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ އެއްވަނައަކީ އާމިނަތު ޝަހުބާ ޝަހީދު

  • ދެވަނައަކީ އައިޝަތު ޢަބްދުލް ކަރީމް އަދި ތިންވަނައަކީ މުޙައްމަދު ލިސާން

  • މުބާރާތަކީ ދިވެހިރާއްޖޭގެ އަޑުގެ އެހުންތެރިންގެ މެދުގައި މަޤުބޫލު މުބާރާތެއް

  • 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މި މުބާރަތް ބާއްވާ

ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދިޔަ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2023"ގެ ފަޚްރުވެރި އެއްވަނަ އާމިނަތު ޝަހުބާ ޝަހީދު ހޯދައިފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށް ގެނެސްދިން "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2023"ގެ ނަތީޖާ ފާޅުކުރުން ބާއްވާފައިވަނީ ފިނާލޭ ޝޯވއަކާއެކުގައެވެ. މުބާރާތުގެ ފިލާނޭގައި 5 ބައިވެރިންނާއި ވާދަކޮށް މިއަހަރުގެ މިމުބާރާތް ކާމިޔާބުކޮށްފައިވަނީ، ގދ. ގައްދޫ ކަފިދޫގޭ އާމިނަތު ޝަހުބާ ޝަހީދެވެ.

މުބާރާތުގައި "ބޮޓަމް 3" އަށް ނުގޮސް ފިނާލޭއަށް ދަތުރުކުރި ހަމައެކަނި ބައިވެރިއަކީވެސް ޝަހުބާއެވެ. މިއަހަރުގެ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ކާމިޔާބުކުރުމުން މުބާރާތުގެ ޓްރޮފީއާއެކު ޝަހުބާއަށްވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމުވެސް ދީފައެވެ. އަދި ކޮންޓްރެކްޓް އުޞޫލުން އެއް އަހަރު ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތުވެސް މިއާއެކު ޝަހުބާއަށްވަނީ ލިބިގެން ގޮސްފައެވެ.

މިމުބާރާތުގެ ދެވަނަ ލިބިފައިވަނީ ގދ. ވާދޫ ކެނެރީގޭ އައިޝަތު ޢަބްދުލް ކަރީމެވެ. ތިންވަނަ ލިބުނީ މާފަންނު ޕްލެޓިނަމް ކޮޓޭޖް މުޙައްމަދު ލިސާންއަށެވެ. މުބާރާތުގެ ދެވަނައަށް ދިޔަ ބައިވެރިޔާއަށް 15000 ރުފިޔާ އަދި ތިންވަނައަށް ދިޔަ ބައިވެރިޔާއަށް 10000 ރުފިޔާގެ ފައިސާގެ އިނާމުވަނީ ދީފައެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން، ޑރ.ޢަބްދުﷲ ރަޝީދެވެ. ޙަފްލާގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންދިޔައީ، މުބާރާތެއްނަމަވެސް އެއީ ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމަށް ހިންގި ވަރަށް މުހިންމު ޕްރޮގްރާމެއްކަމަށެވެ. އަދި މިމުބާރާތުގައި ބައިވެރިވި ކުދިން ރާއްޖޭގެ މީޑިއާ ދާއިރާއިން ފެނިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"މިއީ ވަރަށް ބޭނުންތެރި ޕްރޮގްރާމެއް. މިއީ މުބާރާތެއްނަމަވެސް ވަރަށް ގިނަ ހުނަރުތަކެއް މީގެތެރެއިން ތިޔަ ބައިވެރިންނަށް ދަސްވެގެން ތިދިޔައީ. މިދާއިރާގައި ރާއްޖޭގެ ހަމައެންމެ ތަޖުރިބާކާރު ބޭފުޅުންގެ ފަރާތުން ދަސްކުރުމުގެ ފުރުސަތުގައި ތިޔަ ލިބުނު ހުނަރުތައް ދޫކޮށްނުލާ، ތީގެ ބޭނުންހިފާ ކުރިއަށްދާން މަސައްކަތް ކުރޭ." ޑރ.ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

މިމުބާރާތާއި ގުޅޭގޮތުން މުބާރާތުގެ ޕްރޮޑިއުސަރ، ނާފިޒާ ޢަބްދުއްރަޝީދު ވިދާޅުވީ، އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު މުބާރާތުގައި ބައިވެރިވި ކުދިން ވަރަށް ބޮޑަށް ހުނަރުވެރިކަމަށެވެ. އަދި ބައެއް ކުދިންނަކީ މިހާރު ރޭޑިއޯގައި މަސައްކަތް ކުރަމުންދާ ކުދިންނާ އެއްފެންވަރެއްގައި މަސައްކަތް ކުރެވޭ ކުދިންކަމުގައިވެސް ނާފިޒާ ވިދާޅުވިއެވެ.

"މިމުބާރާތުގައި އެއްވަނަ އަށް ދިޔަ ބައިވެރިޔާއަކީވެސް، ހަމަ އަޅުގަނޑުމެންނާއެކީގައި މަސައްކަތް ކުރެވޭނެ ޤާބިލު ކުއްޖެއް. އުއްމީދުކުރަނީ މިމުބާރާތުން ދަސްވި ހުނަރުތައް މަސައްކަތުގެ މައިދާނުގައި މިކުދިން ބޭނުންކުރާނެކަމަށް." ނާފިޒާ ވިދާޅުވިއެވެ.

މުބާރާތުގެ ފަޚުރުވެރި އެއްވަނަ ޙާސިލުކުރި ޝަހުބާ ވަނީ އޭނާގެ ޝުޢޫރު ޕީއެސްއެމްނިއުސްއާއި ހިއްސާކޮށްފައެވެ. އެގޮތުން މުޅި މުބާރާތުގެ އެއްވަނަ ޙާސިލުކުރެވުނީ ވަރަށް ބުރާ މަސައްކަތުންކަން ޝަހުބާ ފާހަގަކުރިއެވެ.

"އަސްލު ވަރަށް ތަފާތު ވަރަށް ގިނަ ޓާސްކުތައް ފުރިހަމަކޮށްގެން ވަރަށް ބުރަމަސައްކަތުން މިހާހިސާބަށް އާދެވުނީ. މުބާރާތުން ދަސްވި ޕްރެޒެންޓްކުރުމުގެ އެކި ހުނަރުތަކާއެކު، އުއްމީދަކީ ކުރިޔަށް ހުރި އެކި ޕްރޮގްރާމްތަކާއި، އަދި ކޯވިޑްގެ ދުވަސްވަރު ފެނިގެންދިޔަ ފަދަ ބޮޑެތި ކަވަރޭޖްތަކުން ފެނިގެންދާނެކަމަށް." ޝަހުބާ ބުންޏެވެ.

ބައެއް ބަދަލުތަކާއެކު ކުރިއަށްގެންދިޔަ މިއަހަރުގެ މުބާރާތަށްވެސް އެހުންތެރިންގެ ބޮޑު މަޤުބޫލުކަމެއްވަނީ ލިބިގެން ގޮސްފައެވެ.

ދިވެހިރާއްޖޭގެ އަޑުން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ގެނެސްދެމުން އަންނަ މިމުބާރާތް އިތުރަށް ފުރިހަމަކޮށް ކުރިއަށް އޮތްތަނުގައިވެސް ގެނެސްދިނުމަށް އަޑުގެ ޓީމުން މަސައްކަތް ކުރާނެކަމަށް އެޓީމުން ވިދާޅުވެއެވެ.