ޔޫކްރެއިންގެ ވެރިރަށް ކީވްގައިވާ އެ ޤައުމުގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައިވާނެ ކަމަށް ރަޝިޔާއިން ބުނެފިއެވެ. ޔޫކްރެއިނުން ބުނީ އަސްކަރީ މަރުކަޒުތަކުގެ އިތުރުން ޢާންމު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ޢުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް އަމާޒުކޮށްފައިވާ ކަމުގައެވެ. ކީވްގެ އިތުރުން ޔޫކްރެއިންގެ ހުޅަނގު ފަރާތުގައިވާ ރަށްތަކަށް ވެސް ރަޝިޔާގެ ޙަމަލާތައް ވަނީ އަމާޒުކޮށްފައެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ ގިނަ ޙަމަލާތައް ދިފާޢީ ނިޒާމުތައް ބޭނުންކޮށްގެން ދިފާޢުކޮށްފައިވާ ކަމުގައެވެ. އަދި، ޙަމަލާދޭން ބޭނުންކުރި 30 އަށްވުރެ ގިނަ ޑްރޯން ވައްޓައިލާފައިވާ ކަމުގައެވެ. އޭނާ ވަނީ ރަޝިޔާގެ ޙަމަލާތައް ފޭލުކޮށްލަން މަސައްކަތް ކުރި ޔޫކްރެއިންގެ އަސްކަރިއްޔާއަށް ތަޢުރީފު ވެސް ކުރައްވާފައެވެ. ނަމަވެސް، ރަޝިޔާއިން ބުނީ ޔޫކްރެއިންގެ އަސްކަރިއްޔާގެ އަށް ހަތިޔާރު ގުދަން ނައްތައިލާފައިވާނެ ކަމުގައެވެ.
ރަޝިޔާގެ ޑްރޯން ޙަމަލާތަކުގައި ކީވްގެ ބައެއް ޢިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު، އޭގެ ތެރޭގައި ވިޔަފާރި ހިންގާ އޮފީސް ޢިމާރާތްތަކާއި ޢާންމުންގެ ގެދޮރާއި އެޕާޓްމަންޓް ޢިމާރާތްތައް ހިމެނޭ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. ނަމަވެސް، މި ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.
ރަޝިޔާއިން ކީވަށް ވަރުގަދަ ޙަމަލާތަކެއް ދީފައި މި ވަނީ، ޔޫކްރެއިންގެ ރަށްތަކަށް އަތްގަދަކޮށްފައިވާ ރަޝިޔާގެ ސިފައިންނާ ދެކޮޅަށް ޔޫކްރެއިނުން ފަށާފައިވާ ކައުންޓަރއޮފެންސިވް ނުވަތަ ރައްދު ޙަމަލާގެ ކެމްޕޭންގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ޔޫކްރެއިނުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. މި ކެމްޕޭންގެ ދަށުން ޔޫކްރެއިނުން އެންމެ ވަރުގަދަ ޙަމަލާތަކެއް ދެމުން ދަނީ އެ ޤައުމުގެ އިރުމަތީގައިވާ ޑޮނެޓްސްކާއި ދެކުނުގައިވާ ޒަޕޮރީޜިޔާގައި ތިބި ރަޝިޔާގެ ސިފައިންގެ އަމާޒުތަކަށެވެ. ޔޫކްރެއިންގެ ޙަމަލާތައް ދިފާޢު ކުރަމުންދާ ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.
ޔޫކްރެއިނުން ވަނީ އެ ޤައުމުގެ ދެކުނުގައިވާ ޚަރްސަންގެ ނޮވާ ކަޚޮވްކާގައި ތިބި ރަޝިޔާ ސިފައިންގެ އަމާޒުތަކަށް ވެސް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ އެ ޙަމަލާތަކުގައި އަންހެނެއް މަރުވެފައިވާ ކަމަށާއި، ޢާންމުންގެ އިތުރު ހަތަރު މީހަކު ޒަޚަމުވެފައިވާ ކަމުގައެވެ. ޔޫކްރެއިންގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރެއް ކަމުގައިވާ ޖެނެރަލް އަލެކްސާންދްރް ސިރްސްކީ ވިދާޅުވީ އިރުމަތީގައި ބަޚްމުތްގައި ތިބި ރަޝިޔާ ސިފައިންނަށް ވެސް ޔޫކްރެއިންގެ ފައުޖުތަކުން ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ކަމުގައެވެ.
ރަޝިޔާއާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ކެމްޕޭނުގެ ދަށުން މިހާތަނަށް 113 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް މިނިވަންކޮށްފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އޭގެ ތެރޭގައި ރަޝިޔާ ސިފައިން އަތްގަދަކޮށްފައިވާ އަށް އަވަށެއް ވެސް ހިމެނެއެވެ. މި ކެމްޕޭނާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ ރަޝިޔާ ސިފައިންގެ ކިބައިން އެ ޤައުމުގެ ރަށްތައް މިނިވަންކޮށް، ރަޝިޔާގެ ނުބައިކަމުން ޔޫކްރެއިން "ސާފުކުރުމުގެ" މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާ ކަމުގައެވެ.
"މިއީ ޓެރެރިސްޓުންނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ ކެމްޕޭނެއް. ޔޫކްރެއިނަށް އަރައި ރަށްތަކަށް އަތްގަދަކޮށްފައިވާ ހުރިހާ ޓެރެރިސްޓުން ނައްތައިލާނަން. އަދި، ރަޝިޔާގެ ޖައްބާރުކަމުން ޔޫކްރެއިން ސަލާމަތް ކުރާނަން،" ޒެލެންސްކީ ވިދާޅުވިއެވެ.
ރަޝިޔާގެ ފައުޖުތަކުން މިހާރު ދަނީ ޔޫކްރެއިންގެ އިރުއުތުރުގައިވާ ކުޕިއަންސްކަށް ޙަމަލާދީ، އެ ރަށް ހިފަން މަސައްކަތް ކުރަމުންނެވެ. ޔޫކްރެއިންގެ ދިފާޢީ ވަޒީރުގެ ނައިބު ހަނާ މަލިއާރް ވިދާޅުވީ ޔޫކްރެއިންގެ ފައުޖުތަކުން ހޯދަމުން ދަނީ ކުދި ކާމިޔާބީތަކެއް ކަމަށް ފެނިދާނެ ކަމުގައެވެ. ނަމަވެސް، މި ކެމްޕޭން ކާމިޔާބު ވާނެ ކަމުގައި ފުރިހަމަ ޔަގީން ކަން އޮތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ރަޝިޔާ ސިފައިން ޔޫކްރެއިން ފޮނުވައިގެން އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިން ހަނގުރާމަ ފައްޓަވާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ރަޝިޔާއިން އަތްގަދަކޮށްފައިވާ ބައެއް ސަރަޙައްދުތަކުގެ ތެރޭގައި އިރުމަތީގައިވާ ދޮންބާސްގެ ލުހާންސްކާއި ޑޮނެޓްސްކުގެ އިތުރުން ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ.