ވިޔަފާރި

އީދު ބަންދާއި ދިމާކޮށް ޤައުމީ އެއަރލައިންގެ އިތުރު ދަތުރުތަކެއް


  • []

އީދު ބަންދާއި ދިމާކޮށް މޯލްޑިވިއަނުން އެތެރޭގެ އަދި ބައިނަލްއަޤްވާމީ ދަތުރުތަކުގައި އިތުރު ފްލައިޓްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

އީދު ބަންދަކީ ކޮންމެ އަހަރަކުވެސް ރާއްޖެއާއި އަދި ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ މީހުން ދަތުރުކުރާ ދުވަސްވަރެކެވެ. އެހެންކަމުން ޑިމާންޑް ބޮޑުވެ ޓިކެޓް ލިބުން އޮންނަނީ ދަތިވެފައެވެ.

މޯލްޑިވިއަންއިން ވަނީ ކުރިއަށްއޮތް އީދު ބަންދުގައި އެ އެއަރލައިނުން ކުރާ ދަތުރުތައް އިތުރުކުރާނެކަމަށް ބުނެފައެވެ. އެގޮތުން އީދު ބަންދުގައި އެތެރޭގެ އުދުހުންތަކުގައި އިތުރު 23 ފްލައިޓް ބާއްވާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މޯލްޑިވިއަންއިން އީދު ބަންދާއި ދިމާކޮށް އިތުރު ދަތުރުތައް ބާއްވަނީ މިމަހުގެ 22 އިން ފެށިގެން ޖުލައި 3 ގެ ނިޔަލަށެވެ. އިތުރު ދަތުރުތައް ބާއްވާ މަންޒިލްތަކުގެ ތެރޭގައި މާފަރު، ކައްދޫ، އިފުރު، ހޯރަފުށި، ފަރެސްމާތޮޑާ ފުވައްމުލައް، ފުނަދޫ، މާވަރުލު އަދި މަޑިވަރު ހިމެނެއެވެ.

ބައިނަލްއަޤްވާމީ ދަތުރުތަކަށް ބަލާއިރު އިންޑިއާގެ ޓްރިވެންޑްރަމް، ކޮޗިން އަދި ބަނގްލަދޭޝްގެ ޑާކާއަށްވެސް އީދު ބަންދާއި ދިމާކޮށް އިތުރު ދަތުރުތައް ކުރުމަށް ހަމަޖައްސައި މިހާރު ވަނީ ދުވަސްތައް އާންމުކޮށްފައެވެ.

ޢީދު ބަންދުގައި ބ. ފުޅަދުއަށް ސީ ޕްލޭން ދަތުރުތަކެއްވެސް ބޭއްވުމަށް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ. އެ ދަތުރުތައް ބާއްވާނީ މިމަހުގެ 26، 27، 29 އަދި ޖުލައި އެއްވަނަ ދުވަހުގައެވެ.