ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުން ހުއްޓައިލަން ގުތެރޭޝް ގޮވައިލައްވައިފި


ހުޅަނގު އައްސޭރިއަކީ ފަލަސްޠީނުގެ ބިމެކެވެ. މުސްލިމުންގެ ބިމެކެވެ. ނަމަވެސް، އެ ބިމަށް ޔަހޫދީ އިސްރާޢީލުން ވަނީ ވެރިވެގަނެފައެވެ. އަތްގަދަކޮށްފައެވެ. އެ ތަނުގައި ދިރިއުޅޭ ފަލަސްޠީނުގެ މުސްލިމުން ވަނީ އަޅުވެތިކޮށްފައެވެ. ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސަރުކާރުން މިހާރު ދަނީ ފަލަސްޠީނު ރައްޔިތުންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަން މަސައްކަތް ކުރަމުންނެވެ.

ޔަހޫދީ ވަޒަންވެރިންނަށް ޚާއްޞަކޮށްގެން އިސްރާޢީލުން ދަނީ ހައުސިންގ ޔުނިޓުތަކާއި ގެދޮރު ޢިމާރާތްކޮށްދެމުންނެވެ. ޔަހޫދީންގެ ރައްކާތެރިކަން ކަށަވަރު ކުރަން އިސްރާޢީލުގެ އަސްކަރިއްޔާއިން ދަނީ އެ ބިންތަކުގެ ހަޤީޤީ މިލްކުވެރިންގެ ހައްޤުތަކަށް އަރައިގަންނަމުންނެވެ.

އެ މީހުންނަށް ޖެއްސުމާއި ފުރައްސާރަ ކުރަމުންނެވެ. އަދި، ޔަހޫދީން ވަޒަންވެރި ކުރުވަން ކުރަމުންދާ މަސައްކަތަށް ހުރަސްއަޅާ މީހުންނާ ދެކޮޅާށް ލާއިންސާނީ ޖަރީމާތަކާއި ގަތުލުޢާންމުތައް ހިންގައި، އެ މީހުންގެ ފުރާނަތައް ނަގައިލަމުންނެވެ. އެ މީހުންގެ ލޭ ހުޅަނގު އައްސޭރީގެ ބިންތަކަށް އޮހޮރައިލަމުންނެވެ.

ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީ ޖައްބާރު އިސްރާޢީލުން ހިންގަމުންދާ ނާތަހުޒީބު އަމަލެކެވެ. އެ ކަން ހުއްޓުވާނެ، އަދި ހުއްޓުވޭނެ އެއްވެސް ބާރެއް މި ދުނިޔެ މަތިން ފެންނާކަށް ނެތެވެ. ނަމަވެސް، އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް މި ވަނީ މި ކަމުގައި ޔަހޫދީ އިސްރާޢީލުގެ ސަރުކާރާ ދެކޮޅަށް ތެދުވެ ވަޑައިގަންނަވާފައެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވަން އިސްރާޢީލުން ކުރަމުންދާ މަސައްކަތްތަކާ މެދު ގުތެރޭޝް ވިދާޅުވީ އެ ކަމުގެ ސަބަބުން މަސްރަޙު ހޫނުވަމުންދާ ކަމުގައެވެ. އަދި، އެއީ ސުލްޙައަށް އޮތް ބޮޑު ހުރަހެއް ކަމުގައެވެ. އަދި، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ ނާތަހުޒީބު އަމަލެއް ކަމުގައެވެ. އޭނާ ވަނީ، އެ ކަން ހުއްޓައިލުމަށް ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަދި ޓެރެރިސްޓު ސަރުކާރަށް ގޮވައިލައްވާފައެވެ.

ނަމަވެސް، މި ގޮވައިލުމަށް ޔަހޫދީ އިސްރާޢީލުން ދޭނީ ބީރު ކަންފަތެކެވެ. އެއީ، އެ މީހުން ކުރިން ވެސް ކަން ކޮށްފައި އޮތް ގޮތެވެ. ކަން ކުރަމުންދާ ގޮތެވެ. ޔަހޫދީ އިސްރާޢީލަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާ ސަރުކާރެއް ނޫނެވެ. އެއީ، ޖައްބާރުކަމުގެ ހައްދުން ނެއްޓިފައި އޮތް ސަރުކާރެކެވެ. ޔަގީންވާ ހަމައެކަނި ކަމަކީ، ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ މި ނާއިންސާފުން ފުރިގެންވާ އަމަލުތައް ހުއްޓުވަން ބައިނަލްއަޤުވާމީ މުޖުތަމަޢަށް ތެދުވަން ނުރެކޭނެ ކަމެވެ. ނުވެސް ތެދުވާނެ ކަމެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވުން ހުއްޓައިލުމަށް ގުތެރޭޝް ގޮވައިލެއްވި ދަނޑިވަޅުގައި ވެސް، ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ދިޔައީ ފަލަސްޠީނުގެ މުސްލިމުންނާއި ދެކޮޅަށް ލާއިންސާނީ އުދުވާންތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުންނެވެ. ހުޅަނގު އައްސޭރީގެ ޖިނީން ރެފިއުޖީ ކޭމްޕަށް އަރައި ހިންގަމުންދާ ގަތުލުޢާންމުގައި ފަލަސްޠީނުގެ ފަސް މީހަކު މިހާތަނަށް ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

މި އުދުވާންތަކުގައި ޔަހޫދީ އަސްކަރިއްޔާއިން ދަނީ އަސްކަރީ ހެލިކޮޕްޓަރުތަކާއި ބަރު ހަތިޔާރު ވެސް ބޭނުން ކުރަމުންނެވެ. އެ މީހުން ދަނީ ފަލަސްޠީނުގެ ރައްޔިތުންނާއި އެ މީހުންގެ ގެދޮރަށް ނުރައްކާތެރި ޙަމަލާތައް ދެމުންނެވެ. ފަލަސްޠީނުގެ މުސްލިމުން ކަތިލައި، ޝަހީދު ކުރަމުންނެވެ. މިއީ، 2002 ވަނަ އަހަރުގެ ފަލަސްޠީނުގެ ދެވަނަ އިންތިފާޟާއަށް ފަހު ޔަހޫދީ އަސްކަރިއްޔާއިން ހުޅަނގު އައްސޭރިއަށް ޙަމަލާދޭން އަސްކަރީ ހެލިކޮޕްޓަރުތައް ބޭނުންކޮށްފައިވާ ފުރަތަމަ ފަހަރު ކަން ފާހަގަކުރެވެއެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީ ޓެރެރިސްޓު ސިފައިން ހިންގަމުންދާ އުދުވާންތަކުގައި މިހާތަނަށް ފަސް މީހަކު ޝަހީދުކޮށްލާފައިވާ ކަމަށާއި އިތުރު 91 މީހަކު ޒަޚަމުކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރެއިން ގިނަ މީހުންގެ ހަށިގަނޑަށް ޔަހޫދީ ސިފައިން ވަނީ ބަޑިޖަހާފައެވެ.

ޔަހޫދީންގެ ޝިކާރައަކަށްވެ ޝަހީދުވެފައި ވަނީ އުމުރުން 15 އަހަރުގެ އަޙްމަދު ޞާޤިރާއި، 21 އަހަރުގެ ޚާލިދް އަސާސާއާއި ޤައިސް ޖަބަރީނާއި، 19 އަހަރުގެ އަޙްމަދު ދަރަޣުމާއާއި، 29 އަހަރުގެ ޤައްސާމް އަބޫ ސާރިޔާއެވެ. މީގެ ތެރެއިން އަބޫ ސާރިޔާއަކީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތެއް ކަމުގައިވާ އިސްލާމިކް ޖިހާދުގެ މެންބަރެކެވެ.

ޔަހޫދީ ޖައްބާރު ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ މަޢުލޫމާތު ޢާންމުންނާއި މުޅި ދުނިޔެއާ ހިއްސާކުރުމަށް މަސައްކަތް ކުރަމުންދާ ނޫސްވެރިންގެ އަޑު ކަނޑުވައިލަން ވެސް އެ މީހުން ދަނީ ޙަމަލާތައް ދެމުންނެވެ. ޔަހޫދީ ސިފައިން ދިން ބަޑީގެ ޙަމަލާތަކުގައި ޒަޚަމުވެފައިވާ ނޫސްވެރިންގެ ތެރޭގައި ހާޒިމް ނާޞިރު ހިމެނެއެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިހާރު އޭނާއަށް ދަނީ ފަރުވާ ދެމުންނެވެ.

ފަލަސްޠީނުގެ ބިންތަކަށް އަރައި ޔަހޫދީ އިސްރާޢީލުން މި އަހަރުގެ ތެރޭގައި ހިންގާފައިވާ ލާއިންސާނީ ގަތުލުއާންމުތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 164 އަށްވުރެ މައްޗަށް އަރާފައެވެ. މީގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުށެއް ނެތް ކުޑަކުދިން ވެސް ހިމެނެއެވެ. އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެއެވެ. ޝަހީދުކޮށްލާފައިވާ މީހުންގެ ތެރެއިން 30 އަށްވުރެ ގިނަ މީހުންނަކީ މޭ މަހުގެ ތެރޭގައި ޔަހޫދީ ޖައްބާރު ސިފައިން ޢައްޒާގައި ހިންގާފައިވާ ލާއިންސާނީ އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ މީހުންނެވެ.