ޚަބަރު

ސިފައިންގެ ބޯހިޔާވަހިކަމަށް ހުޅުމާލެއާއި މާލޭގައި އިތުރު މަޝްރޫޢުތަކެއް ހިންގަވަނީ


ދިވެހި ސިފައިންގެ ބޯހިޔާވަހިކަމަށް ހުޅުމާލެއާއި މާލޭގައި އިތުރު މަޝްރޫޢުތަކެއް ހިންގަވަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަަވަމުން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ސިފައިންގެ ވެލްފެއަރ ކަންތައް އިތުރަށް ހަރުދަނާކުރެއްވުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ މި ވަގުތުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ސިފައިންގެ ބޯހިޔާވަހިކަމަށްކަމަށެވެ. އަދި ހުޅުމާލޭގައި ހަދާ ސިފްކޯ ހިޔާ ޢިމާރާތްތަކުގެ މަސައްކަތް ހުއްޓިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވުމަށްފަހު، އެ ޢިމާރާތްތައް ނިންމުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޚިދުމަތުގައި ތިއްބަވާ ސިފައިންގެ ބޯހިޔާވަހިކަމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވައްސާއި، ކަޅުތުއްކަލާ ކޮށީގައި އިމާރާތްތަކެއް ބިނާކުރެއްވުމަށް ނިންމާފައިވާކަމަށެވެ.

"ހުޅުމާލޭ ފޭސް 2 ގައިވެސް، 138 ޔުނިޓްގެ ޢިމާރާތެއް ބިނާކުރަން މިހާރު ވަނީ ނިންމާފައި. އެ ޢިމާރާތުގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ. އަދި ކަޅުތުއްކަލާ ކޮށީގައިވެސް، ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް އިރާދަކުރެއްވިއްޔާ މިއަހަރު ބިޑްކުރެވޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ ސަރުކާރުން މިހާރު ކުރަމުން އަންނަ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ މުސާރައަށްވެސް، ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި ޕޭ ކޮމިޝަނުން މިހާރު އެ އަންނަނީ އެކަމާ ބެހޭ ދިރާސާތައް ކުރަމުންކަންވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ މިފަދަ ހުރިހާ ކަމަކީވެސް ސިފައިންގެ އޮޕަރޭޝަނަލް ޤާބިލުކަމާވެސް ގުޅިފައިވާ ކަންކަންކަމަށެވެ. އަދޮ މިފަދަ ކިތަންމެ ކަމެއް މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެބަ ކުރިއަށްދާކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ސިފައިންގެ ބޯހިޔާވަހިކަމަށް އިތުރު މަޝްރޫޢުތަކެއް ހިންގެވުމަށް ސަރުކާރުން ނިންމަވާފައިވާއިރު، ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސިފްކޯ ހިޔާ ފްލެޓް ލިބިފައިވާ ސިފައިންނަށް އަންނަމަހު އެތަަނަށް ވަދެވޭނެކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.