ހުލުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިގައި މީހަކު ނިޔާވެއްޖެއެވެ،
ފުލުހުން ވިދާޅުވީ، ހުލުމާލޭ ފޭސް 1ގެ ހިތިގަސް މަގު ޕްލެޓިނަމް ކައިރީގައި ދެ ކާރެއްޖެހި، އެއްކާރު ކޮންޓްރޯލް ނުވެގެން ގޮސް މަގުގެ ޑިވައިޑާތަކުގައި ޖެހިފައިވާކަމުގެ މަޢުލޫމާތު ހަވީރު 17:47 ހާއިރު ލިބިފައިވާކަމަށެވެ.
މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާކަމަށާއި، އެމީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެތަނުން އެކަކު ނިޔާވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދެއްވާ ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ އެތަނުން އެއްކާރު ދުއްވަން އިން މީހާއެވެ. އެކާރުގައި އެވަގުތު އިނީ އެ ޑްރައިވަރު އެކަނިކަމަށާއި، ނިޔާވެފައިވަނީ 65 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓު ތަހްޤީޤްކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.