ކުޅިވަރު

ސާފް ޗެމްޕިއަންޝިޕުގެ ހުރިހާ މެޗެއް ޔެސް ޓީވީން ވަގުތުން ގެނެސްދޭނެ


އިންޑިއާގެ ބެންގަލޫރުގައި މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް ހުރިހާ މެޗެއް ޕަބްލިކް ސަރވިސް މީޑިއާގެ ޔެސް ޓީވީން ވަގުތުން ގެނެސްދޭ ގޮތަށް ހަމަޖެހިއްޖެއެވެ.

މުބާރާތުގެ ހުރިހާ ރައިޓެސްއެއް ޕީއެސްއެމްއަށް ލިބިފަވާއިރު މުބާރާތުގެ މެޗުތަށް ޔެސްޓީވީން ގެނެސްދޭނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައީބީ) ގެ ހެޔޮއެދުންތަކާއެކުއެވެ. މުބާރާތުގެ ހުރިހާ މެޗެއްގެ ކަވަރޭޖް ގެނެސްދޭނީ "ސާފް ފޯރި" ނަމުގައި ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރުންނާއެކުއެވެ.

މި ކަވަރޭޖްގައި ޓީމުތަކުގެ މައުލޫމާތުގެ އިތުރުން އިންޑިޔާގައި ބެންގަލޫރުގައި މިވަގުތު ހަރަކާތްތެރިވަމުންދާ ސްޕޯޓްސް ޓީމުގެ ބައިވެރިން ކަމަށްވާ އަބްދުﷲ އަތޫފް އާތިފުގެ އިތުރުން ޖިމާހް ސިއްދީގުވެސް ބައިވެރިވާނެއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ. މި ފަހަރުގެ މުބާރާތުގެ ސާފް ސަރަހައްދުން ކުޅެވޭ ހަ ޤައުމުގެ އިތުރުން، ސަރަހައްދުން ބޭރުން ދެ ގައުމަކަށް ދައުވަތު ދީގެން، އަށް ޓީމުގެ މެދުގައި މުބާރާތް ބާއްވަން ވަނީ ނިންމާފައެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފޯމެޓް ރޭވިފައިވާ ގޮތުން މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭއިރު، ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި، ޕާކިސްތާނާއި، ކުވެއިތުގެ އިތުރުން ނޭޕާލެވެ. އަދި ރާއްޖެ އާއެކު ގްރޫޕް ބީގައި ހިމެނެނީ ލުބުނާނާއި، ބޫޓާން އަދި ބަންގްލަދޭޝްއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ މެންދުރުފަހު ތިނެއް ޖަހާއިރު ކުވެއިތު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އަދި މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ ހަތެއް ޖަހާއިރު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.

މުބާރާތުގައި ރާއްޖެ ވާދަކުރާ މެޗުތަކުގެ ދިވެހި ކޮމެންޓްރީ ދިވެހިރާއްޖޭގެ އަޑުން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ކަވަރޭޖް ކުރިޔަށްދާއަރު އަތޮޅުތެރެ ހިމެނޭގޮތަށް "ސާފް ފޯރި" ކަވަރޭޖް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމް އިން އަންނަނީ 2003 ވަނަ އަހަރުން ފެށިގެން ސާފްޗެމްޕިއަންޝިޕުގެ ހުރިހާ މެޗެއް ވަގުތުން ގެނެސްދެމުންނެވެ.