ވިޔަފާރި

އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރެއް ރާއްޖޭގައި ޤާއިމްކުރަނީ


ހުޅުމާލޭގައި އަލަށް އިމާރާތް ކުރައްވާ އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރުގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ލިބި، ފައިސާ ހޯދުމުގައި ރާއްޖެއަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލޭ ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، ހިއްކަވާފައިވާ ބިމުގައި އަލަށް ޤާއިމުކުރައްވާ އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރު އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ބައްލަވާލެއްވުމަށްފަހު، ޕީ.އެސް.އެމްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.

ހުޅުމާލެ ތަރައްޤީކުރެއްވުމަށް ސަރުކާރުން ރާއްވަވާފައިވާ ޕްލޭންގެ ދަށުން އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރ އިމާރާތްކުރުމަށް ހުޅުމާލެއިން ބޭނުންވާ ބިން ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ ފަރާތުން މިހާރުވަނީ ހަމަޖައްސަވައި ދެއްވާފައެވެ. ފިނޭންންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ވިދާޅުވީ ފައިނޭންސް ސެންޓަރ ތަރައްޤީކުރެވިގެންދާނެ ގޮތުގެ ޕްލޭން އެކުލަވާލައްވާ، ޑިޒައިނިންގ ހެއްދެވުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ. އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރގެ މަސައްކަތްތައް ހިންގެވުމަށް "ހަޒާނާ މޯލްޑިވްސް" އަދި "އިންޓަރނޭޝަނަލް އިސްލާމިކް ފައިނޭންސް ސެންޓަރ"ގެ ނަމުގައި ސަރުކާރުން 2 ކުންފުންޏެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ޖިހާދު ވިދާޅުވިއެވެ. އަދި މި 2 ކުންފުންޏަށް ބޭނުންވާ ބޯޑު އެކުލަވާލައްވާ، ކައިރި މުސްތަޤުބަލެއްގައި މި 2 ކުންފުނި ރަޖިސްޓްރީކުރެއްވުމަށްފަހު، މަސައްކަތްތައް ފެށިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14574343623452.jpg|އިންޓަރނޭޝަނަލް ފައިނެންސް ސެންޓަރ ޤާއިމްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު، ފިނޭންސް މިނިސްޓަރ ބައްލަވާލައްވަނީ- ފޮޓޯ: ޕީއެސްއެމް

މި ފައިނޭންސް ސެންޓަރުގެ ސަބަބުން ރައީސް ޔާމިންގެ މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިއްމު އެއް ވަޢުދުކަމުގައިވާ، ޒުވާޏުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދާދިނުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރ ޖިހާދު ވިދާޅުވިއެވެ. އަދި ބޭރު ފައިސާ ހޯދުމުގައި ރާއްޖެއަށް އިތުރު ލުއިފަސޭހަ ކަމެއް ލިބިގެންދާނެކަންވެސް މިނިސްޓަރ ފާހަގަކުރެވިއެވެ.

ސަރުކާރުގެ އަމާޒަކީ ބޭރުގެ ބޮޑެތި ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ފަހި މާހައުލެއް ޤާއިމުކޮށްދެއްވުންކަން ފާހަގަކުރައްވަމުން، ފައިނޭންސް ސެންޓަރުގެ ސަބަބުން މިކަމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ސެންޓަރު ތަރައްޤީކުރެވިގެންދާނީ ދުބާޢީ އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރ ނުވަތަ މޮރީޝަސް ފަދަ ބައިނަލް އަޤުވާމީ ދުނިޔެ ބަލައިގަނެ، އިންވެސްޓަރުންގެ އިތުބާރު ލިބިފައިވާ މަޤްބޫލު ފައިނޭންސް ސެންޓަރުތަކާއި އެއް ފެންވަރެއްގައި ކަމުން، ބޭރުގެ ބޭންކްތަކުންނާއި، ބޮޑެތި ކުންފުނިތަކުން ރާއްޖެއަށް ވަރަށް ބޮޑު ޝަޢުގުވެރިކަމެއް ފާޅުކުރައްވާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހުޅުމާލޭގައި އަލަށް އިމާރާތްކުރައްވާ އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރ ވެގެންދާނީ ރާއްޖޭގެ ބޭންކިންގ ނިޒާމަށްވެސް ލިބިގެންދާ އިތުރު ކުރިއެރުމަކަށެވެ. އަދި މިއީ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުޅުވިގެންދާ އިތުރު ދޮރެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.