ޚަބަރު

ޖިނީންގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ފަހަކަށް


ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސިފައިން ހުޅަނގު އައްސޭރީގެ ޖިނީން ރެފިއުޖީ ކޭމްޕަށް ވަދެ ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީން މީހުންގެ ޢަދަދު ފަހަކަށް އަރައިފިއެވެ. ޔަހޫދީ ޓެރެރިސްޓު ސިފައިން ޖިނީނަށް އަރާފައި ވަނީ ޖޫން 19 ވަނަ ދުވަހުގެ ފަތިހުގެ ވަގުތުގައެވެ. އަދި، ފަލަސްޠީނުގެ ގެދޮރަށް ޙަމަލާދީ، ޢާންމުންނާ ދެކޮޅަށް ދަނީ ލާއިންސާނީ އުދުވާންތައް ހިންގަމުންނެވެ.

ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޖިނީނަށް ވަދެފައި ވަނީ ބަރު ހަތިޔާރާއި އެކު އަސްކަރީ އުޅަނދުފަހަރުގައެވެ. އަދި، މިހާރު އަސްކަރީ ހެލިކޮޕްޓަރުތައް ވެސް ވަނީ ފޮނުވާފައެވެ. މިއީ، 2002 ވަނަ އަހަރުގެ ފަލަސްޠީނުގެ ދެވަނަ އިންތިފާޟާއަށް ފަހު ޔަހޫދީ އަސްކަރިއްޔާއިން ހުޅަނގު އައްސޭރިއަށް ޙަމަލާދޭން އަސްކަރީ ހެލިކޮޕްޓަރުތައް ބޭނުންކޮށްފައިވާ ފުރަތަމަ ފަހަރު ކަން ފާހަގަކުރެވެއެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީ ޓެރެރިސްޓު ސިފައިން ހިންގަމުންދާ އުދުވާންތަކުގައި މިހާތަނަށް ފަސް މީހަކު ޝަހީދުކޮށްލާފައިވާ ކަމަށާއި އިތުރު 91 މީހަކު ޒަޚަމުކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރެއިން ގިނަ މީހުންގެ ހަށިގަނޑަށް ޔަހޫދީ ސިފައިން ވަނީ ބަޑިޖަހާފައެވެ.

މި އުދުވާންތަކުގައި ޒަޚަމުކޮށްލާފައިވާ މީހުންނަށް ފަރުވާ ދިނުމަށް ލޭ ބޭނުންވާ ކަމަށް ވިދާޅުވެ، ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވަޒީރު މައި އަލް-ކީލާ ވަނީ އެ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ލޭ ހަދިޔާކުރުމަށް ޢާންމުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. ފަލަސްޠީނުގެ ދާޚިލީ ވަޒީރު ޙުޞައިން އަލް-ޝައިޚް ވިދާޅުވީ، ޔަހޫދީ ޓެރެރިސްޓު ސިފައިންނަށް ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތްތަކުން ރައްދު ދެމުންދާ ކަމުގައެވެ.

ޔަހޫދީންގެ ޝިކާރައަކަށްވެ ޝަހީދުވެފައި ވަނީ އުމުރުން 15 އަހަރުގެ އަޙްމަދު ޞާޤިރާއި، 21 އަހަރުގެ ޚާލިދް އަސާސާއާއި ޤައިސް ޖަބަރީނާއި، 19 އަހަރުގެ އަޙްމަދު ދަރަޣުމާއާއި، 29 އަހަރުގެ ޤައްސާމް އަބޫ ސާރިޔާއެވެ. މީގެ ތެރެއިން އަބޫ ސާރިޔާއަކީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތެއް ކަމުގައިވާ އިސްލާމިކް ޖިހާދުގެ މެންބަރެކެވެ.

ޔަހޫދީ ޖައްބާރު ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ މަޢުލޫމާތު ޢާންމުންނާއި މުޅި ދުނިޔެއާ ހިއްސާކުރުމަށް މަސައްކަތް ކުރަމުންދާ ނޫސްވެރިންގެ އަޑު ކަނޑުވައިލަން ވެސް އެ މީހުން ދަނީ ޙަމަލާތައް ދެމުންނެވެ. ޔަހޫދީ ސިފައިން ދިން ބަޑީގެ ޙަމަލާތަކުގައި ޒަޚަމުވެފައިވާ ނޫސްވެރިންގެ ތެރޭގައި ހާޒިމް ނާޞިރު ހިމެނެއެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިހާރު އޭނާއަށް ދަނީ ފަރުވާ ދެމުންނެވެ.

ޖިނީންގެ ގަވަރުނަރުގެ ނައިބު ކަމާލް އަބޫ އަލް-ރޫބު ވިދާޅުވީ ފަތިސް ނަމާދަށް ބަންގި ގޮވުމުގެ ކުރިން ޔަހޫދީ ޓެރެރިސްޓު ސިފައިން ޖިނީނަށް ވަދެފައިވާ ކަމުގައެވެ. އަދި، މަގުމައްޗަށް ނުކުންނަ ކޮންމެ މީހަކަށް އަމާޒުކޮށް ބަޑީގެ ޙަމަލާތައް ދެމުންދާ ކަމުގައެވެ. ޖިނީންގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޖިނީނަށް އަރައި އުދުވާން ހިންގަން ފަށާފައި ވަނީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތަކަށް ނިސްބަތްވާ ދެ މީހަކު ހައްޔަރު ކުރުމަށް ކަމުގައި ޔަހޫދީ ދަޢުލަތުގެ އަސްކަރިއްޔާއިން ބުންޏެވެ. އޭގެ ތެރެއިން އެކަކަކީ ޔަހޫދީ ސިފައިން ހައްޔަރު ކޮށްފައިވާ ހަމާސް ޖަމާޢަތުގެ އިސްވެރިއެއްގެ ދަރިފުޅެވެ.
އ.ދގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާގެ އިސްވެރިޔާ ފޮލްކަރ ތުރްކު ވިދާޅުވީ ޖިނީންގެ ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމުގައެވެ. އަދި، ޔަހޫދީ ސިފައިން ޖިނީނަށް އަރައި ކުށެއް ނެތް ޢާންމު ރައްޔިތުން ގަތުލު ކުރަމުންދާ ކަމަށާއި، ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުވަމުންދާ ފަލަސްޠީނުގެ ރައްޔިތުން ޢަދަދު އިތުރުވަމުންދާ ކަމުގައެވެ.

ޔަހޫދީ ޖައްބާރު ސިފައިން ޖިނީނަށް އަރައި ލާއިންސާނީ ޖަރީމާތައް ހިންގަމުން މި ދަނީ، އެމެރިކާގެ ޚާރިޖީ ވުޒާރާގެ މެދުއިރުމަތީގެ ސިޔާސަތާ ބެހޭ އިސް މުޝީރު ބާބަރާ ލީފް ހުޅަނގު އައްސޭރީގެ ރާމަﷲއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކާ ދިމާކޮށެވެ. މި ދަތުރުފުޅުގައި އޭނާ ފަލަސްޠީން ސަރުކާރުގެ އެންމެ އިސްވެރިންނާ އެކު މަޝްވަރާތައް ބާއްވަވާނެއެވެ. ފަލަސްޠީނުގެ ހާލަތާ މެދު އީރާން ސަރުކާރުގެ އިސް އޮފިޝަލުންނާ މަޝްވަރާ ކުރުމަށް ހަމާސް ޖަމާޢަތުގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާއާއި އިސްލާމިކް ޖިހާދުގެ އިސްވެރިޔާ ޒިޔާދު އަލް-ނަޚާލާ މިހާރު ތިބީ ތެހެރާނުގައެވެ.

ފަލަސްޠީނުގެ ބިންތަކަށް އަރައި ޔަހޫދީ އިސްރާޢީލުން މި އަހަރުގެ ތެރޭގައި ހިންގާފައިވާ ލާއިންސާނީ ގަތުލުއާންމުތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 164 އަށްވުރެ މައްޗަށް އަރާފައެވެ. މީގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުށެއް ނެތް ކުޑަކުދިން ވެސް ހިމެނެއެވެ. އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެއެވެ. ޝަހީދުކޮށްލާފައިވާ މީހުންގެ ތެރެއިން 30 އަށްވުރެ ގިނަ މީހުންނަކީ މޭ މަހުގެ ތެރޭގައި ޔަހޫދީ ޖައްބާރު ސިފައިން ޢައްޒާގައި ހިންގާފައިވާ ލާއިންސާނީ އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ މީހުންނެވެ.