ޔޫކްރެއިންގެ ދެކުނުގައިވާ ޚަރްސަންގެ ނޮވާ ކަޚޮވްކާގައި އޮންނަ ކަޚޮވްކާ ޑޭމަށް ދިން ޙަމަލާގެ ފަހަތުގައި އޮތީ ރަޝިޔާ ކަމަށް ތުހުމަތުކޮށްފިއެވެ. ޑޭމަށް ދިން ޙަމަލާގައި އެ ތަން ގޮއްވައިލުމުގެ ސަބަބުން ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ތަނަށް ޙަމަލާދިން ކަމުގެ ތުހުމަތުގެ އިނގިލި ރަޝިޔާއަށް އަމާޒުކޮށްފައި މި ވަނީ އެމެރިކާގެ ނޫހެއް ކަމުގައިވާ ނިއު ޔޯކް ޓައިމްސްއިން ޢާންމު ކުރި ތަހުޤީޤީ ރިޕޯޓެއްގައެވެ.
މި ހާދިސާ ހިނގި ގޮތް ތަހުޤީޤު ކުރުމަށް އެ ނޫހުން ވަނީ ގޮވާތަކެއްޗާ ބެހޭ މާހިރުންނާއި އިންޖިނޭރުންނާ ސުވާލުކޮށްފައެވެ. އެ ނޫހުން ހިންގި ތަހުޤީޤަށް ހާމަވި ގޮތުގައި، ޖޫން މަހުގެ 6 ވަނަ ދުވަހު ހިނގި މި ހާދިސާގައި ޑޭމް ގޮއްވައިލާފައި ވަނީ އެ ތަނުގެ ތެރޭގައި ގޮވާތަކެތި ހަރުކޮށްގެންނެވެ. ގޮވާތަކެތި ހަރުކޮށްފައި ވަނީ ޑޭމްގެ ކޮންކްރީޓްގެ ތެރޭގައި ދަތުރުކުރެވޭ ގޮތަށް ހަދާފައިވާ ބިންގަރާހެއްގައި ކަމަށާއި، އެ ބިންގަރާހަކީ ރަޝިޔާގެ ސިފައިންގެ ބާރުގެ ދަށުގައި އޮތް ތަނެއް ކަމުގައި ވެސް އެ ނޫހުން ރިޕޯޓު ކުރެއެވެ.
މި ކަމުގެ ފަހަތުގައި އޮތީ ރަޝިޔާ ކަން ހާމަވާ ވަރަށް ހެކި ލިބިފައިވާ ކަމުގައި ޓައިމްސްއިން ތުހުމަތު ކޮށްފައިވާއިރު، މި ހާދިސާގެ ތަހުޤީޤު ކުރަމުންދާ ޔޫކްރެއިންގެ އޮފިޝަލުން ވެސް ވަނީ ޑޭމް ގޮއްވައިލާފައި ވަނީ ރަޝިޔާއިން ކަމަށް ތުހުމަތު ކޮށްފައެވެ. ޔޫކްރެއިނުން ކުރަމުންދާ ތަހުޤީޤުގައި ބައިނަލްއަޤުވާމީ މާހިރުންގެ ޓީމަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ނަމަވެސް ރަޝިޔާއިން އަދިވެސް ބުނަމުން ދަނީ ޑޭމުގައި ގޮވާތަކެތި ހަރުކޮށް އެ ތަން ގޮއްވައިލުމުގެ ފަހަތުގައި އޮތީ ޔޫކްރެއިން ކަމުގައެވެ. ރަޝިޔާއިން ބުނީ ކީވުން ޑޭމް ގޮއްވައިލާފައި ވަނީ، ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ފަށާފައިވާ ކައުންޓަރއޮފެންސިވް ނުވަތަ ރައްދު ޙަމަލާގެ ކެމްޕޭން ފޭލުވަމުންދާތީ ކަމުގައެވެ.
ޑޭމް ގޮއްވައިލުމާ އެކު ނޮވާ ކަޚޮވްކާގެ އިތުރުން ޚަރްސަންގެ ބޮޑު ސަރަޙައްދެއްގައި ފެން ބޮޑުވެފައިވާއިރު، އެ ހާދިސާއާ ގުޅިގެން ޔޫކްރެއިންގެ ދެކުނުގައި އޮންނަ ޒަޕޮރީޜިޔާގެ އިތުރުން ކްރައިމިޔާއަށް ފެން ލިބުމަށް ވަނީ ހުރަސް އެޅިފައެވެ. ކްރައިމިޔާއަކީ 2014 ވަނަ އަހަރު ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދެކެވެ.
ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ޔޫކްރެއިނުން ރައްދު ޙަމަލާގެ ކެމްޕޭނެއް ފަށާފައިވާ މި ދަނޑިވަޅުގައި ރަޝިޔާއިން ދަނީ ބަރު ހަތިޔާރު އުފައްދާ ދުވެލި އަވަސްކުރަން މަސައްކަތް ކުރަމުންނެވެ. އެ ޤައުމުގެ ދިފާޢީ ވަޒީރު ސަރްގޭ ޝޮއިގޫ ވަނީ ސައިބީރިޔާގައި ހުންނަ އަސްކަރީ ޓޭންކު އުފައްދާ ކާރުޚާނާއަކަށް ޒިޔާރަތް ކުރައްވައި، އެ ތަނުގެ މަސައްކަތްތައް ހަލުވި ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
އޭނާ ވިދާޅުވީ، ޔޫކްރެއިންގެ ރައްދު ޙަމަލާގެ ކެމްޕޭން ހުއްޓުވަން ރަޝިޔާއަށް އިތުރު އަސްކަރީ ޓޭންކުފަހަރު ބޭނުންވާނެ ކަމުގައެވެ. އަދި، ޔޫކްރެއިންގައި ހަނގުރާމަ ކުރަމުންދާ ރަޝިޔާގެ ފައުޖުތަކަށް ބޭނުންވާ އެހެނިހެން އަސްކަރީ ސާމާނު ވެސް ހުއްޓުމެއް ނެތި ފޯރުކޮށްދޭން ޖެހޭ ކަމުގައެވެ. ޔޫކްރެއިންގެ އަސްކަރީ ކެމްޕޭން ފޭލުވަމުންދާ ކަމަށް ރަޝިޔާއިން ތުހުމަތު ކުރި ނަމަވެސް، ޔޫކްރެއިނުން ބުނީ ރަޝިޔާއިން އަތްގަދަކޮށްފައިވާ ސަރަޙައްދުގެ ތެރެއިން 100 އަކަކިލޯމީޓަރުގެ ސަރަޙައްދެއް މިހާރު ވެސް މިނިވަންކޮށްފައިވާ ކަމުގައެވެ.