ޚަބަރު

ހަތް އަހަރަށްފަހު ޔަމަނުގެ ޙައްޖާޖީން ވައިގެ މަގުން މައްކާއަށް


ޔަމަނުގެ ޙައްޖާޖީންނަށް މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމަށް ވައިގެ މަގުން ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގެ ފުރުޞަތު ހަތް އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ފުރަތަމަ ފަހަރަށް ލިބިއްޖެއެވެ. 2014 ވަނަ އަހަރު ޔަމަނުގައި ފެށި ދާޚިލީ ހަނގުރާމައަށް ފަހު އެ ޤައުމުގެ ޙައްޖާޖީން ގޮވައިގެން ފުރަތަމަ ފަހަރަށް ފްލައިޓެއް ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ފުރާފައެވެ. މިއީ، ޔަމަނުގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްޙަ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ލިބިފައިވާ ކުރިއެރުމެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ހަތް އަހަރަށް ފަހު ޔަމަނުގެ ޙައްޖާޖީން ގޮވައިގެން ސަޢޫދީ ޢަރަބިއްޔާއަށް ފުރާފައިވާ މަތިންދާބޯޓުގައި 277 ޙައްޖާޖީން ދަތުރުކުރިއެވެ. ޔަމަނުގެ ވެރިރަށް ޞަންޢާ އަދިވެސް އޮތީ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ ހޫޘީންގެ ބާރުގެ ދަށުގައެވެ. އަދި ޞަންޢާގެ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޞަންޢާއަށް އަރައި ހޫޘީން އެ ރަށުގެ ކޮންޓްރޯލް ނަގާފައި ވަނީ 2015 ވަނަ އަހަރުއެވެ. އެ ކަމާ ގުޅިގެން، ރައީސް ޢަބްދުއްރައްބޫ މަންޞޫރު ހާދީ ވަނީ ފިއްލަވައިގެން ވަޑައިގަންނަވާފައެވެ. ހޫޘީންނަކީ ޔަމަނުގެ ކުރީގެ ރައީސް ޢަލީ ޢަބްދުالله ޞާލިޙަށް ވާގިވެރިވާ ޖަމާޢަތެކެވެ.

ހާދީގެ ސަރުކާރުގެ ދިފާޢުގައި ސަޢޫދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ) ގުޅިގެން އެކުލަވައިލި އަސްކަރީ ކޯލިޝަނަކުން ތެދުވެ ޞަންޢާ ބަންދުކޮށްލިއެވެ. އަދި، 2016 ވަނަ އަހަރުން ފެށިގެން ޞަންޢާގެ ވައިގެ ދަތުރުފަތުރު އޮތީ ބަންދުކޮށްފައެވެ. އޭގެ ފަހުން ޞަންޢާގެ ވައިގެ ބަނދަރަށް ދަތުރުކުރުމުގެ ހުއްދަ ދީފައި ވަނީ ހަމައެކަނި އެހީގެ ސާމާނު ހިފައިގެން ދަތުރުކުރާ މަތިންދާބޯޓުކަށް އެކަންޏެވެ.

މިއީ، ހަނގުރާމަ ފެށި ފަހުން ޞަންޢާއިން ފުރައިގެން ސަޢޫދީ ޢަރަބިއްޔާއަށް މަތިންދާބޯޓެއް ދަތުރުކޮށްފައިވާ ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޔަމަނުގެ ޙައްޖުވެރިންނާ އެކު އިތުރު ފްލައިޓުތައް ޖިއްދާއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، ޙައްޖުގެ އަޅުކަމުގައި ބައިވެރިވާން ބޭނުންވާ އެތަކެއް ބަޔަކަށް އެ ފުރުޞަތެއް ނުލިބޭނެއެވެ.

ހޫޘީންގެ މަސައްކަތާ ބެހޭ ވަޒީރު ޣާލިބް މުތްލަޤް ބުނީ އެ ޤައުމުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުންވާ 24,000 މީހުން އެބަތިބި ކަމުގައެވެ. އަދި، އެ އެންމެންނަށް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގެ ފުރުޞަތު ދިނުމަށް 200 އެއްހާ ފްލައިޓް އިންތިޒާމު ކުރަން ޖެހޭނެ ކަމުގައި އޭނާ ބުންޏެވެ.

"މިއަދު ފެނިގެން ގޮސްފައި މި ވަނީ ހެޔޮ ފާލެއް. ޔަމަނުގެ ވައިގެ ބަނދަރުތައް ހުޅުވިގެންދާ ދުވަހެއް ފެންނަން އެންމެން ވެސް ބޭނުން. ޚާއްޞަކޮށް ޞަންޢާގެ ވައިގެ ބަނދަރު. އަދި، ޔަމަނުގެ ރައްޔިތުންނަށް ދަތުރުކުރުމުގެ ފުރުޞަތު ހުޅުވެން ބޭނުން،" ހޫޘީންގެ ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރު ނަޖީބް އަލް-އަޖީ ބުންޏެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައާ ގުޅިގެން އެ ޤައުމަށް ވަނީ އިންސާނީ މުސީބާތެއް ކުރިމަތިވެފައެވެ. މި ހަނގުރާމައިގައި އެތަކެއް ހާސް ބަޔަކު މަރުވެފައިވާއިރު، ފެނާއި ކާބޯތަކެތި ހުސްވެ ބަނޑަށް ޖެހިގެން ވެސް އެތަކެއް ހާސް ބަޔަކު މަރުވެފައިވާ ކަމުގައި އ.ދއިން ބުނެއެވެ. ނަމަވެސް، ޔަމަނުގެ ބޮޑު ސަރަޙައްދެއް އަދިވެސް އޮތީ ހޫޘީންގެ އަތްދަށުގައި ކަން ފާހަގަކޮށްލަން ޖެހެއެވެ.

ވައިގެ މަގުން ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގެ ފުރުޞަތު ހުޅުވައިލުމުގެ ކުރިން ޔަމަނުގެ ރައްޔިތުން މައްކާއަށް ދަތުރުކުރަނީ އެއްގަމު މަގުން ބަހުގައެވެ. ނުވަތަ އަދަނުގެ ވައިގެ ބަނދަރުންނެވެ. ނަމަވެސް، އެއީ ބުރަ އަދި ދިގު ދަތުރެކެވެ. ޔަމަނުން ފުރައިގެން ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގެ ފުރުޞަތު ހުޅުވައިލާފައި މި ވަނީ، އެ ޤައުމުގެ ދާޚިލީ މަސްރަޙު ކޮންމެވެސް ވަރަކަށް ފިނިވެފައިވާ ދަނޑިވަޅެއްގައެވެ.

އ.ދގެ އިސްނެގުމުގެ ދަށުން ހޫޘީންނާއި ސަޢޫދީން އިސްވެ އުފައްދާފައިވާ ކޯލިޝަނާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލުކުރުންތައް މި ވަގުތު އޮތީ މެދުކަނޑައިލާފައެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައި ވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ. ޞަންޢާގެ ވައިގެ ދަތުރުތައް އަލުން ފެށުމަކީ އެ އެއްބަސްވުމުގައި ހިމަނާފައި އޮތް ކަމެކެވެ. މި ގޮތުން މޭ މަހުގެ ތެރޭގައި އުރުދުންގެ ވެރިރަށް އައްމާނަށް ވައިގެ ދަތުރުތައް ފަށާފައިވާ ކަން ފާހަގަކޮށްލެވެއެވެ.