ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން މިވަގުތު އިސްތިއުފާދިނުމަކީ، ރާއްޖެއާއި، ސިޔާސީ ޕާޓީތައް އަދި ރައްޔިތުންގެ މަޖިލީހަށްވެސް އެންމެ ރަނގަޅު ގޮތް ނޫންކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 54 މެމްބަރުންގެ ސޮޔާއެކު އެމަނިކުފާނުގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓި މަޖިލީހުގެ އިތުރު ޖަލްސާއެއް މިދައުރުގައި ދެން ނުބޭއްވޭނެކަމަށް ބެލެވޭތީ މަޖިލިސް ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި އެކަން ހިއްސާ ކުރައްވާފައެވެ. މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ މަޖިލީހުގެ ރައީސާއި، ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ މަޖިލިސް ހުއްޓުވުމުގެ ނިޔަތުގައިކަމަށް ވިދާޅުވެފައެވެ. ރައިތުބާރު ނެތްކަމުގެމައްސަލަ ހުށައެޅުއްވުމާއި ގުޅިގެން ރައީސް ނަޝިދު ވަނީ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. އީސް ނަޝީދު ވިދާޅުވީ ރިޔާސަތާ ދުރަށް ވަޑައިގަންނަވަން ނިންމެވީ، ދުނިޔޭގެ ބެސްޓު ޕްރެކްޓިސްއަށް ބެއްލެވުމަށްފަހުގައި ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަކީ މިހާލަތަށް ބަލާއިރު ރަނގަޅު ކަމެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުގައި މިހާރު އޮތް މައްސަލަ ހައްލު ވާނީ މަޖިލިހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމު ވަކިކުރުމުގެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ މައްސަލަ އމްޑީޕީން އަނބުރާ ގެންދިއުމުންނެވެ.
"ވޯޓާ ހަމައަށް ދިޔައީމާ ނޫންތޯ އޭ އަޅުގަނޑަށް އެނގޭނީ އެ ބޭފުޅުން އަމަލު ކުރާނެ ގޮތް. އަޅުގަނޑު މިދަނވަޅުގައި އިސްތިއުފާ ދެއްވުމަކީ ޤައުމަށް އެހާ ރަނގަޅު ގޮތެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހައި ގުޅޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށްވެސް ރައީސް ނަޝީދު ވަނީ ޖަވާބު ދެއްވާފައެވެ. އެގޮތުން އެމްޑީޕީއަށް ފާޑުވިދާޅުވެ، އެމްޑީޕީގެ ސިޔާސަތުތައް ކަމުނުދާނަމަ އެޕާޓީން ވަކިވެ ވަޑައިގަންނަވާކަމުގެ ވިސްނުން ގެންގުޅުއްވަންތޯ ނޫސްވެރިއަކު ދެންނެވި ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގައި ދެމި ހުންނެވުމަކީވެސް އުދަނގޫ ކަމެއް ކަމަށެވެ. ނަމަވެސް އެމްޑީޕީން ވަކިވެ ވަޑައިގަންނަވަންވެސް ބޭނުން ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވަންތޯ ނޫސްވެރިއަކު ދެންނެވި ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމާއިހެދި އެހާވަރަށް އުޅުއްވުމަކީ އެއްގޮތަކަށްވެސް ރަނގަޅުކަމެއް ނޫންކަމަށެވެ. ވެރިކަމަށް ކުރިމަތި ލެއްވުމާއި ގުޅޭގޮތުންވެސް ރައީސް ނަޝީދުގެ ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ރައީސް ނަޝީދުގެ ގާތް ބޭފުޅުން އިސްކޮށް ތިބްވައިގެން އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންދާ ދަ ޑިމޮކްރެޓްސް އިން ބުނަމުންދަނީ އެބޭފުޅުންގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ވާދަކުރައްވާނެކަމަށެވެ.