ޚަބަރު

"އާސްކް އޭޑީކޭ"ގެ މުޅިން އައު ސީޒަނެއް ޓީވީއެމްއަށް


ޕަބްލިކް ސަރވިސް މީޑިއާއިން އޭ.ޑީ.ކޭ ހޮސްޕިޓަލާއި ގުޅިގެން ގެނެސްދޭ "އާސްކް އޭޑީކޭ"ގެ ދެވަނަ ސީޒަން ފަށައިފިއެވެ. ކޮންމެ ހޮނިހިރު ދުވަހެއްގައި ޕީއެސްއެމްގެ ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދޭ މިސީޒަންގެ ފުރަތަމަ ޕްރޮގްރާމް މިހާރުވަނީ ދައްކާފައެވެ.

މުޖުތަމަޢުގައި ހުރި އެކިއެކި ޞިއްޙީ މައްސަލަތަކާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމަށް "އާސްކް އޭޑީކޭ"ގެ ނަމުގައި ގެނެސްދޭ މިޕްރޮގްރާމް ތައްޔާރުކޮށް ޕްރޮޑަކްޝަންގެ ހުރިހާ މަސައްކަތެއް ކުރަނީ އޭ.ޑީ.ކޭ ހޮސްޕިޓަލުންނެވެ. ޕީ.އެސް.އެމްއާއެކު އޭ.ޑީ.ކޭއިންވަނީ މީގެ ދެސީޒަން ގެނެސްދިނުމަށް އެއްބަސްވެފައެވެ.

ފުރަތަމަ ސީޒަން ކާމިޔާބު ކަމާއެކު މިދިޔަ އަހަރުވަނީ ނިންމާލާފައެވެ. މިޕްރޮގްރާމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އޭ.ޑީ.ކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވީ، ފުރަތަމަ ސީޒަންއާއި ޚިލާފަށް ދެވަނަ ސީޒަންގައި އެކި ބަލިތައް ތަޙައްމަލުކޮށް، އެކަންކަމުން އަރައިގަތުމަށް ދެވުނު ފަރުވާއާއި، އޭގެ ކާމިޔާބީތަކުގެ ވާހަކަތައް މިސީޒަންގައި ޕޭޝަންޓުންނާއި ޢާއިލާތަކުގެ ފަރާތުން ހިއްސާކުރެވޭނެކަމަށެވެ.

"ރާއްޖޭގެ ޞިއްޙީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީނަމަވެސް އަސްލު މީހުން މިދާއިރާއާއި ދޭތެރޭ ދެކޭގޮތް އަދި އެހާ ރަނގަޅު ނޫން. މިޕްރޮގްރާމްގައި އަޅުގަނޑުމެން ގެނެސްދޭން ބޭނުންވަނީ، އަސްލު ރާއްޖޭގައި އެބަހުރިކަން ފަރުވާދެވޭނެ ފެންވަރު. އެވިސްނުން ބަދަލުކުރަން ޢާއްމުންނަށް ފަރުވާގެ ކަންކަމުގައި ކުރިއަށްދިޔުމުގައި ހޭލުންތެރިކުރުވަން ބޭނުންވަނީ" އައްފާލް ވިދާޅުވިއެވެ.

މިޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދު ވިދާޅުވީ، މުޖުތަމަޢުގައި ހުރި ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ކަމާއި ބެހޭ ފަރާތްތަކާއި، ޢާއްމުންގެ ވިސްނުން ގެނެސްދިނުމަށް ޕީއެސްއެމްއިން އަބަދުވެސް އިސްކަންދޭކަމަށެވެ.


"ޕްރައިވެޓް ކުންފުނިތަކާއި ޢާއްމުންގެ ފަރާތުން އަންނަ، މިފަދަ އައު ކޮންސެޕްޓްތަކާއި، އައު ޚިޔާލުތަކަށް އަޅުގަނޑުމެން އަބަދުވެސް މަރުޙަބާ ކިޔަން. ކަންކަމުގައި އީޖާބީ ވިސްނުމެއްގައި މިގޮތަށް އަންނަ ޕްރޮގްރާމްތައް ޕީއެސްއެމްއާއި ގުޅިގެން ގެނެވޭނެ މަގުފަހިކުރަން ބޭނުން" ޢަލީ ޚާލިދު ވިދާޅުވިއެވެ.

"އާސްކް އޭޑީކޭ"ގެ 2 ވަނަ ސީޒަންގައި އޭޑީކޭ ހޮސްޕިޓަލުގެ ފަރާތުން އަންނަނީ އެކި ބަލިތައް ތަޙައްމަލުކުރި ފަރާތްތަކާއި، ބަލިން ސަލާމަތްވުމުގައި އެފަރާތްތަކުގެ ތަޖުރިބާ ގެނެސްދެމުންނެވެ. އަދި ފަރުވާގައި މެޑިކަލް ޕްރޮސީޖަރތަކާއި ޑޮކްޓަރުންގެ ވާހަކަތައްވެސް މީގެ ތެރޭގައިވަނީ ހިމަނާފައެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ސީޒަންގައި ރާއްޖެއިން ޢާއްމުކޮށް ފެންނަ އެކި ބަލިތަކާއި ގުޅޭގޮތުން ޑޮކްޓަރުން މެދުވެރިކޮށް މަޢުލޫމާތުވަނީ ގެނެސްދީފައެވެ. ޢާއްމުންގެ ޝައުގުވެރިކަމާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެ މިޕްރޮގްރާމްގެ ހުރިހާ ޝޫޓިންގއެއް ކުރިއަށްގެންގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.