ޚަބަރު

ހަތް އަހަރަށްފަހު ސަޢޫދީ ޚާރިޖީ ވަޒީރު އީރާނަށް


ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް-ސަޢުދު އީރާނުގެ ވެރިރަށް ތެހެރާނަށް ވަޑައިގަންނަވައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އާމިރުޢަބްދުﷲހިއަންއާ ބައްދަލު ކުރައްވައިފިއެވެ. މިއީ، ހަތް އަހަރު ދުވަހަށް ފަހު ސަޢޫދީ ޚާރިޖީ ވަޒީރަކު ތެހެރާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ޕްރިންސް ފަރްޙާން އެ ޤައުމުގެ ރައީސް އިބްރާހީމް ރައީސީއާ ވެސް ބައްދަލު ކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އާމިރުޢަބްދުﷲހިއަންއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ޕްރިންސް ފަރްޙާން ވަނީ ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން އަލުން ގާއިމުކުރުމާ ގުޅިގެން އެ ކަމާ މެދު އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި، ސަރަޙައްދީ ސުލްޙައާއި ހަމަޖެހުން ކުރިއަރުވަން މަސައްކަތް ކުރައްވާނެ ކަމުގައި ދެ ބޭފުޅުން ވިދާޅުވިއެވެ.

"ސަރަޙައްދީ ސަލާމަތާއި ރައްކާތެރި ކަމަކީ އީރާނުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް. އަދި، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަކީ އަސްކަރީ ބާރުވެރިކަން އިތުރުކުރުމުގެ ގޮތުގައި ދެކިގެން ނުވާނެ. އެއީ ވަރަށް ފުޅާ ކޮންސެޕްޓެއް. ސިޔާސީ ގޮތުންނާއި، އިޤުތިޞާދީ ގޮތުންނާއި، ސަޤާފަތާއި ވިޔަފާރީގެ އިތުރުން އިޖުތިމާޢީ ދާއިރާއިން ވެސް ސަރަޙައްދީ ގުޅުންތައް ބަދަހިކުރުން އޭގައި ހިމެނޭ،" އާމިރުޢަބްދުﷲހިއަން ވިދާޅުވިއެވެ.

މީގެ އިތުރުން، ވިޔަފާރިއާއި އިންވެސްޓްމެންޓްގެ އިތުރުން ފަތުރުވެރިކަން ކުރިއަރުވަން ދެ ބޭފުޅުންގެ ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމުގައި ވެސް އާމިރުޢަބްދުﷲހިއަން ވިދާޅުވިއެވެ. ޕްރިންސް ފަރްޙާން ވިދާޅުވީ، އެއް ޤައުމުން އަނެއް ޤައުމުގެ ދާޚިލީ ކަންކަމުގައި ތަދައްޚުލުވުމާ ދެކޮޅަށް މަސައްކަތް ކުރުމާއި، ދާޚިލީ ނިންމުންތަކަށް އިޙުތިރާމު ކުރުމަށް ދެ ބޭފުޅުންގެ މަޝްވަރާގައި އަލިއަޅުއްވައިލެއްވި ކަމުގައެވެ.

"ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއް. އަދި، ނުރައްކާތެރި ހަތިޔާރު އުފައްދައި އިތުރުކުރުމާއި ގެންގުޅުމާ ދެކޮޅަށް ވެސް އަޅުގަނޑުމެން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރިން،" ޕްރިންސް ފަރްޙާން ވިދާޅުވިއެވެ.

ހަތް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު ސިޔާސީ ގުޅުން އަލުން ގާއިމުކޮށްފައި ވަނީ މާރިޗު މަހުގެ 10 ވަނަ ދުވަހުއެވެ. މި ކަމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފައި ވަނީ ޗައިނާއިންނެވެ. ޕްރިންސް ފަރްޙާނާއި އާމިރުޢަބްދުﷲހިއަން އޭޕްރިލް މަހުގެ ތެރޭގައި ވެސް ބައްދަލުކުރެއްވިއެވެ. އަދި، މެދުއިރުމަތީގެ ސުލްޙައާއި ހަމަޖެހުން ޔަގީންކުރަން ގުޅިގެން މަސައްކަތް ކުރަން ދެ ބޭފުޅުން ވަނީ އެއްބަސްވެ ވަޑައިގަންނަވާފައެވެ. އޭގެ ފަހުން ޖޫން މަހުގެ ކުރީކޮޅު ދެކުނު އެފްރިކާގައި ބޭއްވި ބްރިކްސްގެ މެންބަރު ޤައުމުތަކުގެ ބައްދަލުވުމުގެ ހަވާސާގައި ވެސް ދެ ބޭފުޅުން ވަނީ ބައްދަލުކުރައްވާފައެވެ.

ސަޢޫދީ ޚާރިޖީ ވަޒީރަކު އެންމެ ފަހުން ތެހެރާނަށް ދަތުރުފުޅެއް ކުރައްވާފައި ވަނީ 2016 ވަނަ އަހަރުއެވެ. ސަޢޫދީ ޢަރަބިއްޔާއިން އީރާނާ ދެމެދު ގުޅުން ކަނޑައިލާފައި ވަނީ ތެހެރާނުގައި ހުންނަ ސަޢޫދީ ޚާރިޖީ އޮފީސްތަކަށް ޢާންމުންގެ ބަޔަކު ޙަމަލާ ދިނުމާ ގުޅިގެންނެވެ. އެ ހާދިސާ ހިނގާފައި ވަނީ ޝިޔަޢީންގެ ދީނީ ޢިލްމުވެރިއަކަށް ސަޢޫދީ ޢަރަބިއްޔާއިން މަރުގެ އަދަބު ދިނުމާ ގުޅިގެންނެވެ. ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި އަލުން ގުޅުން ގާއިމުކޮށް، ދެ ޤައުމުގައިވާ ޚާރިޖީ އޮފީސްތައް ވެސް މިހާރު ވަނީ އަލުން ހުޅުވާފައެވެ.