ޚަބަރު

ސަޢުދީގެ އިންތިޒާމުތައް ކުރީއަހަރުތަކަށްވުރެ ފުރިހަމަ: ދިވެހި ޙައްޖު މިޝަން


މިއަހަރު ޙައްޖުވެރިންނަށްޓަކައި ސައުދީގައި ހަމަޖައްސާފައިވާ އިންތިޒާމުތައް އެހެން އަހަރުތަކަށްވުރެ ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

ޙައްޖުގެ މަތިވެރިކަން އަދާކުރުމަށް ރާއްޖެއިން ފުރާ 6 ފްލައިޓުގެ ތެރެއިން އެއް ފްލައިޓު ފިޔަވާ އެހެން ހުރިހާ ފްލައިޓެއްގައި ދަތުރުކުރުމަށް ހަމަޖެހިފައިވާ ޙައްޖުވެރިން މިހާރުވަނީ ސަޢުދީއަށް ގޮސްފައެވެ.

މިއަހަރުގެ ޙައްޖުގެ އިންތިޒާމުތަކާއި، ޙައްޖާޖީންގެ ޙާލު އަހުވާލު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވާ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލް ވިދާޅުވީ ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔުމަށް ހަމަޖެހިފައިވާ 1000 މީހުންގެ ތެރެއިން 855 މީހަކު މިވަގުތު ސަޢުދީއަށް ގޮސްފައިވާކަމަށެވެ. އަދި އެހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ހުރިހާ ޙައްޖުވެރިންވެސް މައްކާއަށްގޮސް އަދާކުރާ ފުރަތަމަ ޢުމްރާގެ ހުރިހާކަމެއް ނިމިފައިވާ ކަމަށް ސްޓޭޓް މިނިސްޓަރ އަނީލް ވިދާޅުވިއެވެ.

"އެއަރޕޯޓުން ފެށިގެން ޙައްޖުވެރިންގެ ހުރިހާ ޚިދުމަތެއްވެސް ސަޢުދީ ސަރުކާރުން ވަރަށް ބޮޑަށް ހަމަޖައްސާފައި ހުރިކަން އަޅުގަނޑުމެން ފާހަގަކުރަން. އަދި ކުރީ އަހަރުތަކަށްވުރެ އިންތިޒާމުތައް ވަރަށް ބޮޑަށް ތަރައްޤީކޮށްފައި ހުރީ." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ދިވެހި ޙައްޖުވެރިންނަށްޓަކައި މިނާ، މުޛްދަލިފާ އަދި ޢަރަފާތުގައި ހަމަޖައްސާފައިވާ އިންތިޒާމުތައް ޙައްޖު މިޝަންގެ ފަރާތުން ބައްލަވާފައިވާކަމަށެވެ. އަދި އެސަރަޙައްދުތައް ތައްޔާރުކުރުމުގެ ކަންތައްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ ފާއިތުވި އަހަރު ޙައްޖު މިޝަންއަށް ފާހަގަކުރެވިފައި ހުރި ކަންތައްތައް، ޚާއްސަކޮށް ޚިދުމަތްދޭން ތިބި އޭޖެންޓުންގެ ފަރާތުން ޚިދުމަތް ލިބުމުގައި ދިވެހި ޙައްޖުވެރިންނަށް ދިމާވި ބައެއް ދަތިތަކާއި ގުޅޭގޮތުން ޙައްޖު މިޝަންގެ ފަރާތުން އެޖެންޓުންނާއި މަޝްވަރާކުރައްވައި އެކަންކަން ރަނގަޅުކުރުމަށް ސަރުކާރުގެ ފަރާތުން އެދިވަޑައިގެންފައިވާކަމަށެވެ. އަދި އެފަދަ ކަންކަން ރަނގަޅުކޮށްދެއްވާނެކަމުގެ ޔަގީންކަން އެފަރާތުން ދެއްވާފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރވަނީ ޙައްޖުވެރިންކުރާ ދިގު ދަތުރުގައި ޢާއިލާތަކުގެ ފަރާތުން ޙައްޖުވެރިންނަށް ހިތްވަރު ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ޙައްޖުގެ އިންތިޒާމުތަކުގައި ކޮންމެވެސްވަރެއްގެ ލަސްތަކެއް އުޅެދާނެކަން ޤަބޫލުކޮށް އެފަދަ ކަންކަމުގައި ކެތްތެރިވުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޙައްޖައްދާ ފަރާތްތަކުން ސަޢުދީގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށް ފުރިހަމައަށް ބޯލަނބާ އިޙްތިރާމްކުރުމަށް ޙައްޖުވެރިންނަށްވެސް ސްޓޭޓް މިނިސްޓަރ ނަސޭޙަތްތެރިވެ ވަޑައިގެންނެވިއެވެ.