އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)ގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދް އަލް-ނަހްޔާން ރަޝިޔާއަށް ވަޑައިގަންނަވައި، އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އިތުރުން ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ޕުޓިން ކުރައްވަމުން ގެންދަވާ ހަނގުރާމައާ ގުޅޭ ގޮތުން ޝައިޚް މުޙައްމަދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އެ ހަނގުރާމައާ ގުޅޭ ގޮތުން ޔޫ.އޭ.އީއިން ގެންގުޅެމުން ދަނީ މެދުމިނުގެ ސިޔާސަތެކެވެ. އެއްވެސް ޤައުމަކަށް ފާޅުގައި ތާޢީދުކޮށްފައެއް ނެތެވެ. އަދި، އެއްވެސް ޤައުމަކަށް އަސްކަރީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދީފައެއް ނެތެވެ. ނަމަވެސް، ޝައިޚް މުޙައްމަދަކީ ހަނގުރާމައާ ދެކޮޅު ބޭފުޅެކެވެ. އަދި، ޕުޓިންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އޭނާ ވަނީ އެ ކަން ހާމަކުރައްވާފައެވެ.
ޕުޓިންގެ ހަނގުރާމައާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޝައިޚް މުޙައްމަދު ވިދާޅުވީ ހުރިހާ ކަމެއްގައި ވެސް ސުލްޙަ އިސްކުރަން ޖެހޭ ކަމުގައެވެ. އަދި، ރަޝިޔާއާއި ޔޫކްރެއިން ސުލްޙަ ކުރުވަން ޔޫ.އޭ.އީއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައެވެ. ހަނގުރާމަ ހުއްޓައިލުމަށް ވެސް އޭނާ ވަނީ ބާރު އަޅުއްވާފައެވެ.
"ހަނގުރާމަ ހުއްޓައިލާ ދެ ޤައުމުގެ ދެމެދުގައި މަޝްވަރާކޮށްގެން ސުލްޙަ ގާއިމުކުރަން ކުރަމުންދާ ހުރިހާ މަސައްކަތަކަށް ޔޫ.އޭ.އީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ. މުޅި ދުނިޔޭގެ ސުލްޙައަށް މަސައްކަތް ކުރުމަކީ ޔޫ.އޭ.އީގެ އަމާޒު،" ޝައިޚް މުޙައްމަދު ވިދާޅުވިއެވެ.
ޝައިޚް މުޙައްމަދާ އެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވަނީ އޭނާއަށް ޝުކުރު ދަންނަވާފައެވެ. އަދި، ޔޫ.އޭ.އީއަކީ ރަޝިޔާގެ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައި ޕުޓިން ސިފަ ކުރެއްވިއެވެ. ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު އަސީރުން ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ޔޫ.އޭ.އީއިން ދަނީ އިސް ދައުރެއް އަދާ ކުރަމުންނެވެ.
2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ޕުޓިން ފެއްޓެވި ހަނގުރާމައާ ގުޅިގެން ހުޅަނގުން އިސްވެ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ. ނަމަވެސް، ޔޫ.އޭ.އީއިން މި ކަމުގައި ބައިވެރިވެފައެއް ނުވެއެވެ. އަދި، ހަނގުރާމަ ފެށި ފަހުން ވެސް ރަޝިޔާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް މެދުކަނޑައިލާފައި ނުވާ ޤައުމުތަކުގެ ތެރޭގައި ޔޫ.އޭ.އީ ހިމެނެއެވެ.
މި ކަމާ ގުޅިގެން ހުޅަނގުން ޔޫ.އޭ.އީއާ ޖައްސައިލާފައިވާ ކަން ފާހަގަ ކުރެވެއެވެ. ރަޝިޔާގެ ކުލީ ސިފައިންގެ ޖަމާޢަތް ކަމުގައިވާ ވެގްނަރ ގުރޫޕަށް ޔޫ.އޭ.އީގެ ސަރުކާރުން ޚަރަދު ކުރާ ކަމަށް އެމެރިކާއިން 2020 ވަނަ އަހަރުގެ ނޮވެންބަރު މަހު ނެރުނު ރިޕޯޓެއްގައި ތުހުމަތުކޮށްފައިވާ ކަން ވެސް ފާހަގަ ކުރެވެއެވެ. ނަމަވެސް، ޔޫ.އޭ.އީއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.