އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ ޒަޢާމަތުގައި އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި އިތުރުފުޅު ހައްދަވައި، މަޖިލީހުގެ ޙުރުމަތް ކަނޑާފައިވާ ކަން ހާމަވެއްޖެއެވެ. މި ކަން ހާމަކޮށްފައި ވަނީ މަޖިލީހުގެ އިންތިޔާޒުތަކާ ބެހޭ ކޮމިޓީން ހިންގި ޚާއްޞަ ތަހުޤީޤުގެ ރިޕޯޓެއްގައެވެ.
މަޖިލީހުގެ ކޮމިޓީން ތަހުޤީޤު ކޮށްފައި ވަނީ ކޮވިޑް-19ގެ ފުރަބަންދުގެ ތެރޭގައި ގިނަ ޢަދަދެއްގެ މީހުން އެއްވެ އެޅުން މަނާކޮށްފައި އޮތް ދަނޑިވަޅެއްގައި، އެ ފިޔަވަޅުތަކާ ޚިލާފަށް ޖޮންސަން އިސްވެ ހުންނަވައި، ބޮޑުވަޒީރުގެ ގެކޮޅު ޑައުނިންގ ސްޓްރީޓްގައި ޕާޓީތަކެއް ބޭއްވެވި މައްސަލައެވެ.
އެ ކަމާ ގުޅޭ ގޮތުން މަޖިލީހުގައި ސުވާލުކުރުމުން ޖޮންސަން މަޖިލީހުގައި އިތުރުފުޅު ހައްދަވައި، އޮޅުވައިލައްވަން މަސައްކަތް ކުރައްވައި، މަޖިލީޙުގެ ޙުރުމަތް ކަނޑާފައިވާ ކަމުގައި ތަހުޤީޤީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި، މި ކަމުގެ އަދަބެއްގެ ގޮތުގައި އޭނާ 90 ދުވަހަށް ސަސްޕެންޑު ކުރުމުގެ ބާރު ކޮމިޓީއަށް ލިބިގެންވެއެވެ.
މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ކޮމިޓީގެ މުޤައްރިރަކީ އިދިކޮޅު ލޭބަރ ޕާޓީގެ މެންބަރު ހެރިއެޓް ހާރމަނެވެ. ޖޮންސަން ވިދާޅުވީ، ހާރމަން އިސްކޮށް ހުންނަވައި އޭނާއާ ދެކޮޅަށް ކެންގަރޫ ކޯޓެއް ހިންގަމުންދާ ކަމުގައެވެ. އެއީ، ޑިމޮކުރަސީގެ ހަމަތަކާ ޚިލާފަށް ހިންގަމުންދާ ތަހުޤީޤެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ނަމަވެސް، ރިޕޯޓު ނެރުމުގެ ކުރިން ޖޮންސަން ވަނީ މަޖިލީހުގެ މެންބަރު ކަމުގެ މަގާމުން އިސްތިޢުފާ ދެއްވާފައެވެ. އިސްތިޢުފާ އިޢުލާނު ކުރައްވަމުން 58 އަހަރުގެ ޖޮންސަން ވިދާޅުވީ، މަޖިލީހުގައި އޭނާ އިތުރުފުޅު ހެއްދެވި ކަން ހާމަކޮށް މަޖިލީހުން ބޭރުކުރާނެ ކަމަށް ބުނެ އޭނާއާ ދެކޮޅު މެންބަރުން ބިރުދައްކަމުން ދިޔަ ކަމުގައެވެ. އެއީ، އިސްތިޢުފާ ދެއްވި ސަބަބު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މި ކަމުގައި އޭނާ ނިސްބަތްވާ ކޮންޒަރވެޓިވް ޕާޓީގެ މެންބަރުން ވެސް ބައިވެރިވެފައިވާ ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.
"އަޅުގަނޑު މަޖިލީހުގެ މެންބަރު ކަމުގެ މަގާމުގައި އިންނަންޖެހޭ ކަމާއި ނޫން ކަން ކަނޑައެޅުމުގެ ހައްޤަކީ ހާރމަނަށް ލިބިދީފައިވާ ހައްޤެއް ނޫން. އެ ކަން ނިންމާނީ އަޅުގަނޑު ތަމްސީލުކުރާ ޢާންމު ރައްޔިތުން،" އިސްތިޢުފާ ހުށަހަޅުއްވަމުން ޖޮންސަން ވިދާޅުވިއެވެ. އޭނާއާ ދެކޮޅަށް ކޮމިޓީން ނެރެފައި ވަނީ 106 ޞަފުހާގެ ދިގު ރިޕޯޓެއް ކަން ފާހަގަކޮށްލެވެއެވެ.
2019 ވަނަ އަހަރުގެ ޑިސެންބަރު މަހު ބޭއްވި ޢާންމު އިންތިޚާބުގައި ޖޮންސަން ވަނީ އޭނާ ތަމްސީލު ކުރައްވާ އަކްސްބްރިޖާއި ދެކުނު ރުއީސްލިޕްގެ ގޮނޑި ދިފާޢު ކުރައްވާފައެވެ. އަދި، އޭނާގެ ކޮންޒަރވެޓިވް ޕާޓީއިން ވަނީ ލޭބަރ ޕާޓީގެ މައްޗަށް ކުރިހޯދައި އިންތިޚާބު ކާމިޔާބުކޮށްފައެވެ.
ނަމަވެސް، އެ މަގާމުން ޖޮންސަން އިސްތިޢުފާ ދެއްވުމާ އެކު ކޮންޒަރވެޓިވް ޕާޓީއަށް މި ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޖޮންސަން އިސްތިޢުފާ ދެއްވުމާ އެކު އޭނާގެ އަރިސް ބޭފުޅެއް ކަމުގައިވާ ނާޑީން ޑޮރީސް ވެސް ވަނީ މަޖިލީހުގެ ގޮނޑި ދޫކޮށްލައްވާފައެވެ. އަދި، ކޮންޒަރވެޓިވް ޕާޓީއަށް ވަނީ ދެ ބައި-އިލެކްޝަނަކާ ކުރިމަތިލާން ޖެހިފައެވެ.
ޖޮންސަންގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޮވިޑް-19ގެ ބަލިމަޑުކަން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. ކޮވިޑާ އެކު އިޢުލާނުކުރި ފުރަބަންދުގެ ސަބަބުން އެ ޤައުމުގެ އިޤުތިޞާދަށް ބޮޑެތި ލޮޅުންތަކެއް އަރައި، ތަކެތީގެ އަގު އިންތިހާއަށް އުފުލި، ޢާންމު ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހުނެވެ.
އަދި، ފުރަބަންދުގެ ތެރޭގައި ޑައުނިންގ ސްޓްރީޓްގައި އަރިސް ބޭފުޅުން އެއް ކުރައްވައިގެން ޕާޓީތަކެއް ބޭއްވެވި މައްސަލައިގައި އޭނާގެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. "ޕާޓީގޭޓް"ގެ ނަމުން މަޝްހޫރުވެފައިވާ މި މައްސަލައަކީ އޭނާގެ ސަރުކާރު ވެއްޓުމުގެ ފަހަތުގައި އޮތް މައިގަނޑު އެއް ސަބަބު ކަމަށް ބެލެވެއެވެ.
އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަމުގެ މަޤާމަށް ޖޮންސަން އިންތިޚާބުވެ ވަޑައިގަތީ 2001 ވަނަ އަހަރުއެވެ. އަދި، 2008 ވަނަ އަހަރާ ޖެހެންދެން އެ މަގާމު ފުރުއްވުމަށް ފަހު، އޭނާ ވަނީ އިސްތިޢުފާ ދެއްވާ، ލަންޑަނުގެ މޭޔަރު ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާފައެވެ. އެއަށްފަހު މަޖިލީހާ އޭނާ އަލުން ގުޅިވަޑައިގަތީ 2015 ވަނަ އަހަރުއެވެ. އަދި، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ތެރޭސާ މޭގެ ވެރިކަމުގައި ޚާރިޖީ ވަޒީރުގެ މަޤާމު އޭނާ ފުރުއްވިއެވެ.