ޚަބަރު

ޙައްޖުމަހުގެ މަތިވެރި ދުވަސްތައް ހޯދުމަށް ނުބައިކަންކަމުން ދުރުހެލިވޭ: ޚުޠުބާ


ޙައްޖުމަހުގެ މަތިވެރި ދުވަސްތަކުގެ ބޭނުން ހެގޮތުގައި ހިފުމަށްޓަކައި ނުބައިކަންކަމާއި ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ. މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހަސެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ވަނީ މާތްﷲގެ ހަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ރަޖަބުމަހާއި، ޛުލްޤައިދާމަހާއި، ޛުލްޙިއްޖާމަހާއި، މުޙައްރަމް މަސްކަން ފާހަގަކުރައްވާފައެވެ. އޭގެތެރެއިންވެސް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރަކީ ޙައްޖު މަސްކަމަށާއި އެމަހުގެ ފުރަތަމަ 10 ދުވަސް އެންމެ މާތް ދުވަސްތައްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ޙައްޖުމަހުގެ މަތިވެރި ދުވަސްތަކުގައި ފާފަތަކަށް އަރައިގަތުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި ދޮގުހެދުން ފަދަ ނުބައި ޢަމަލުތަކުން ދުރުހެލިވެ ތިބުމަށް ޚުތުބާގައި އިލްތިމާސްކުރެއްވިއެވެ.

"މާތްﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައި ވަނީ ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ. މާތް ﷲ އެ ދަބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢައްބާސް ރަޟިޔައްﷲއަންހު ވިދާލުވެފައިވަނީ މި އާޔަތުގައިވާ ދި ރޭގެ މުރާދަކީ ހައްޖުމަހުގެ ފުރަތަމަ ދިަ ރެއެވެ. މި ދިހަ ދުވަހުގެ މާތްކަން ބަޔާންކޮށްދެއްވައި މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ަލައިހި ވަޞައްލަމަ ހަދީޘް ކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. ދުނިޔޭގެ އެންމެ މާތް ދުވަސްތަކަކީ ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހެވެ" ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވަނީ ޙައްޖުމަހުގެ މާތްވެގެންވާ ދުވަސްތައް ހޯދުމަށް ތެދުވެރި އިޚްލާސްތެރި ތަޢުބާއަކުން ތަޢުބާވެ، ދުވަސްތައް ފެށުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މި ދުވަސްތަކުގައި ރޯދަހިފުމަށާއި، ޚާއްސަކޮށް ޙައްޖުމަހުގެ 9 ވަނަ ދުވަހުގެ ރޯދައިގެން ޘަވާބާއި ދަރުމަ މަތިވެރިވެގެންވާކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.

"ކީރިތި ރަސޫލާ މުހައްމަދު ސައްލައްﷲ ޢަލައިހި ވަޞައްލަމަ ޙަދީޘް ބަސްފުޅުގައި ވަނީ އެދުވަހުގެ ރޯދައަކީ ވޭތުވެދިޔައަހަރާއި އަންނާން އޮތް އަހަރުގެ ފާފަތައް ފުއްސަވާނެ ރޯދައެއްކަމުގައެވެ." ހުކުރު ޚުދުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވަނީ ޙައްޖުމަހުގެ ދުވަސްތަކުގައި ގިނަގިނައިން ތަކުބީރާއި ތަސްބީޙަ ކިޔުމަށާއި، ޞަދަޤާތްކުރުމަށާއި، އުޟްޙިޔާ ކަތިލުމަކީވެސް މި ދުވަސްވަރު ކުރުމަށް ޝަރުޢުގައި ކަނޑައަޅުއްވާފައިވާ ހެޔޮ ޢަމަލެކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރަށް ފަރުޟު ނަމާދުތަކާއި، ސުންނަތުން ސާބިތުވާ ކަންކަން ކުރުމާއި، ކީރިތި ޤުރުއާން ގިނަގިނައިން ކިޔެވުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ.