ޚަބަރު

267 ބައިވެރިންނާއެކު އިންޓަރ ސްކޫލް ލަވަ މުބާރާތް 2023 ފަށައިފި


267 ބައިވެރިންނާއެކު އިންޓަރ ސްކޫލް ލަވަ މުބާރާތް 2023 ފަށައިފިއެވެ.

އިންޓަރ ސްކޫލް ލަވަ މުބާރާތަކީ ލަވައާއި މިއުޒިކްގެ ފަންނުން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ މުބާރާތެވެ. މިއީ ރާއްޖޭގެ ވަކިން ޚާއްސަކޮށް ސްކޫލްތަކުގެ މެދުގައި އެއް ޒަމާނެއްގައި ބޭއްވުނު އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ އެއް މުބާރާތްވެސްމެއެވެ. މި މުބާރާތުން ލަވަޔައާއި މިއުޒިކްގެ ފަންނަށް އަލިގަދަ އެތައް ތަރިންނެއް ވަނީ ނެރެދީފައެވެ.

8 އަހަރުގެ މެދުކެނޑުމަކަށްފަހު ސްކޫލް ކުދިންގެ ލަވަ މުބާރާތް އަލުން ފަށާފައިވާއިރު، މިފަހަރުގެ މުބާރާތް ކުރިއަށް މިގެންދަނީ 267 ބައިވެރިންނާއެކުއެވެ. މިއަހަރުގެ ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭހެން 32 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.

މުބާރާތް ކުރިއަށްދާނީ 6 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ.

އުމުރުފުރާތަކާއި ކުދިން ބެހިފައިވާ ޢަދަދު:

• 6 އަހަރުން ދަށް: 31 ކުދިން
• 9 އަހަރުން ދަށް: 56 ކުދިން
• 11 އަހަރުން ދަށް: 59 ކުދިން
• 13 އަހަރުން ދަށް: 47 ކުދިން
• 16 އަހަރުން ދަށް: 55 ކުދިން
• 19 އަހަރުން ދަށް: 19 ކުދިން

މިފަހަރުގެ މުބާރާތުގައި 71 އަމިއްލަ ރާގެއް އިވިގެންދާނެއެވެ. މުބާރާތުގައި ވާދަކުރާ ސްކޫލް ކުދިންގެ ހުށަހެޅުންތައް މިއަދުން ފެށިގެން މިމަހުގެ 20 އާއި ހަމައަށް ކޮންމެ ދުވަހަކުވެސް ދެ ދަންފަޅިއަކަށް ބަހާލައިގެން ޕީ.އެސް.އެމްގެ ޔެސް ޓީވީއިން ގެނެސްދޭނެއެވެ.

އެގޮތުން ހަވީރު ދަންފަޅީގެ ހުށަހެޅުންތައް ހަވީރު 4 އިން 6 އަކަށް އަދި ރޭގަނޑު ދަންފަޅީގެ ހުށަހެޅުންތައް 8 އިން 11:30 އަށް ގެނެސްދޭނެއެވެ. އަދި މުބާރާތުގެ ފައިނަލް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ ހޮނިހިރު ދުވަހުގައެވެ.

މުބާރާތުގައި ކުދިންގެ ހުށަހެޅުންތަކަށް އިންސާފުކުރާނީ 7 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ. މި ޕެނަލްގައި ހިމެނޭ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި މިވަގުތުވެސް ފިޔަޖަހަމުން އަންނަ އަދި އެތައް ދިވެހިންނެއްގެ ލޯބި ހޯދާފައިވާ ފަންނާނުންނާއި، މިއުޒީޝަނުން ހިމެނިފައިވެއެވެ.

މީގެ ތެރޭގައި މީގެކުރިންވެސް ލަވަ މުބާރާތްތަކުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވާ ބޭފުޅުންނާއި، ދިވެހި ބަހާއި އަދަބިއްޔާތު ވަކިން ޚާއްސަކޮށް ޅެންވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނެއެވެ.

މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލް:

• ކާނަލް ޢަލީ މަނިކު (ދާރީ)
• އާދަމް ނަޞީރު އިބްރާހީމް
• ޝިފާ ތަޢުފީޤު
• މުޙައްމަދު ޢާމިރު އަޙްމަދު (ފަރެސް)
• މަރްޔަމް އުނޫޘާ
• މުޙައްމަދު ޝުހައިލް
• ފާޠިމަތު ފެޒްލީން

މިއަހަރުގެ މުބާރާތް މި ގެނެސްދެނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ޕަބްލިކް ސަރވިސް މީޑިއާ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގުޅިގެންނެވެ.

"އިންޓަރ ސްކޫލް ލަވަ މުބާރާތަކީ" ސްކޫލް ކުދިންގެ މެދުގައި ޒަމާނުއްސުރެ ވަރަށް ވާދަވެރިކަމާއެކު ބާއްވަމުން އަންނަ މުބާރާތެކެވެ. 1988 ވަނަ އަހަރު ފެށި މި މުބާރާތަކީ ލަވަކިޔުމުގެ ހުނަރު އާލާކުރުމާއެކު، މި ފަންނުގައި ހަރަކާތްތެރިވާނެ ކުދިން އުފެއްދުމުގެ މަޤްޞަދުގައި ރާއްޖޭގައި ބާއްވަމުން އަންނަ މިފަދަ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތް އެންމެފަހުން ބާއްވާފައިވަނީ 2015 ވަނަ އަހަރުގައެވެ.