ޚަބަރު

ރާއްޖޭގައި ޑިޖިޓަލް ޙަލާލް ސިސްޓަމް ތަޢާރަފްކުރުމަކީ އުންމީދެއް: އިސްލާމިކް މިނިސްޓަރ


ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގައި ޑިޖިޓަލް ޙަލާލް ސިސްޓަމް ތަޢާރަފްކުރެވިގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއްކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވީ ޙަލާލް އިކޯ ސިސްޓަމް ޑިވެލޮޕްމަންޓް 2023ގެ ނަމުގައި މިއަދު ކުރިއަށް ގެންދިޔަ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ރާއްޖޭގައި ޑިޖިޓަލް ޙަލާލް ސިސްޓަމް ތަޢާރަފްކުރުމަށްޓަކައި، ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ސެރޫނާއީ އީކޮމާސްއިން ކަމާގުޅޭ ދާއިރާތަކުގެ ބޭފުޅުންނާއެކު ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ވިދާޅުވީ، ރާއްޖޭގައި ޙަލާލް ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރިލް މަހުކަމަށެވެ. އަދި މިހާރު 7 ކުންފުންޏަކުން މި ޚިދުމަތް ލިބިގަންނައިރު އެކްސްޕޯޓްކުރާ މަހުގެ ތަފާތު ބާވަތްތަކުގެ 100 އަށްވުރެ ގިނަ އުފެއްދުންތަކަށް ޙަލާލު ސެޓްފިކެޓް ދޫކުރެވުނުކަމަށެވެ.

މިއީ ކުރިއެރުމެއްކަމުގައިވީނަމަވެސް އުފެއްދުންތަކަށް ރާއްޖޭގެ ޙަލާލް ސެޓްފިކެޓް ދިނުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެކްސްޕޯޓް އަދި އިމްޕޯޓްކުރާ އުފެއްދުންތަކުގައި ހުންނަ ތަކެތި ބަލައި ތަޙްލީލުކުރާނެ ލެބޯޓްރީއެއް ރާއްޖޭގައި ނެތްކަމަށެވެ. އަދި އެފަދަ އުފެއްދުންތަކުގެ ލެބޯޓްރީ ޓެސްޓް ހެދުމަށް، ތަމްރީނު ލިބިފައިވާ ފަންނީ ބޭފުޅުން މަދުކަމަށާއި، ރާއްޖޭގައި ޙަލާލް ސެޓްފިކެޓާމެދު އޮންނަ ހޭލުންތެރިކަން އާންމުގެ ތެރޭގައި މަދުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ޚާއްސަ ޤާނޫނީ އޮނިގަނޑެއް ނެތުންފަދަ ކަންކަމަކީ ހުރި ގޮންޖެހުންތައްކަމުގައި މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވިއެވެ.

މި ގޮންޖެހުންތަކުން އަރައިގަތުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ސެރޫނާއީ އީ ކޮމާސް ގުޅިގެން، ރާއްޖޭގައި ޑިޖިޓަލް ޙަލާލް ނިޒާމެއް ޤައިމްކުރުމާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަޝްވަރާތަކުގެ ތެރޭގައި، ރާއްޖެއަށް އެކްސްޕޯޓްކުރާ ތަކެތި، ޑިޖިޓަލައިޒްޑް ސިސްޓަމަކުން ޓްރެކްކޮށް، ޓެސްޓްކޮށް، މޮނިޓަރ ކުރެވޭނެގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށެވެ. އަދި ލެބޯޓްރީއެއް ޤާއިމްކުރުމުގެ އިތުރުން ސިނާޢަތާގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، ތަމްރީނުތައް ކުރިއަށް ގެންދިޔުމުގެ މަޝްވަރާތައްވެސް ކުރިއަށް ގެންދެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައި.ޑީ.ބީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދެވޭ މި މަސައްކަތްތަކުގެ ދަށުން ކައިރި މުސްތަގުބަލެއްގައި ރާއްޖޭގައި ޑިޖިޓަލް ޙަލާލް ސިސްޓަމް ތަޢާރަފްކުރެވިގެން ދިއުމަކީ އުއްމިދެއްކަމަށް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވިއެވެ.

ސެރޫނާއީ އީ ކޮމާސްއިން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި މިހާރު އޮތް ޙަލާލު ސެޓްފިކެޓް ދިނުމުގެ އުސޫލު އިތުރަށް ދިރާސާކޮށް، ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، ޑިޖިޓަލައިޒްޑް ސިސްޓަމެއްގެ ދަށުން ޙަލާލް ސެޓްފިކެޓްދޫކުރުމުގެ ނިޒާމެއް ތަޢާރަފްކުރުންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.