ދުނިޔޭގެ ވިޔަފާރި

75 އަހަރަށްފަހު ޝެލްއިން ޕާކިސްތާނުގައި ކުރާ ވިޔަފާރި ހުއްޓާލަނީ


75 އަހަރުގެ ދިގު މުއްދަތަކަށްފަހު ހަކަތަ އުފައްދާ އެމެރިކާގެ ކުންފުނި ޝެލްއިން، ޕާކިސްތާނުގައި ކުރާ ވިޔަފާރި ހުއްޓާލަން ނިންމައިފިއެވެ.

ޕާކިސްތާނުގައި ޤާއިމްކޮށްފައިވާ ޝެލް ޕާކިސްތާނު ލިމިޓެޑްގެ ވިޔަފާރި ހުއްޓާލަން ނިންމީ މާލީ ދަތިކަން ކުރިމަތިވެފައިވާ ޕާކިސްތާނުގެ ރުޕީސްގެ އަގު ވެއްޓި އެކްސްޗޭންޖް ރޭޓަށް ބަދަލު އައިސް މިދިޔަ އަހަރުވެސް ވިޔަފާރިއަށް ގެއްލުންވުމުންކަމަށް ހަބަރުތައް ބުނެއެވެ.

ޝެލް ލިމިޓެޑްގެ 77.42 އިންސައްތަ ހިއްސާ ވިއްކާލާ، ޕާކް އެރެބް ޕައިޕްލައިން ކޯގެ 26 އިންސައްތަ މިލްކުވެރިކަންވެސް ވިއްކާލަން ނިންމާފައިވާކަން ކުންފުންޏަށް އަންގާފައިވާކަމަށް ޝެލްއިން ނެރުނު ބަޔާނަކާއި ހަވާލާދީ ހަބަރުތައް ބުނެއެވެ. އަދި މި ވިޔަފާރި ގަންނަން ބައިނަލްއަގުވާމީ ގިނަ ފަރާތްތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ޝެލްގެ ޕާކިސްތާނު ވިޔަފާރި ހުއްޓާލަން ނިންމާފައި މިވަނީ ކުންފުނީގެ ހިއްސާދާރުންނަށް ލިބޭ އާމްދަނީ އިތުރުކޮށް، އެކަށީގެންވާ ވަރަށް ފައިދާ ނުލިބޭ ވިޔަފާރިތައް ހުއްޓާލުމަށް އާ އުސޫލުތަކެއް ތަންފީޒުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޕާކިސްތާނުގެ ވިޔަފާރީގެ އިތުރުން އޮސްޓްރޭލިޔާގައި ހިންގާ ގޭސް މަޝްރޫއަކާއި ޔޫރަޕްގައި ހުންނަ ކުންފުނީގެ ރީޓެއިލް ޔުނިޓެއްވެސް ހުއްޓާލަން ޝެލްއިން ވަނީ ނިންމާފައެވެ.

ޝެލްގެ 75 އަހަރުވީ ޕާކިސްތާނުގެ ވިޔަފާރި ހުއްޓާލިއިރު، 600 ވުރެ ގިނަ ސްޓޭޝަންތައް އެ ގައުމުގައި ހިންގާ ކަމަށް ޝެލްގެ ބަޔާނާ ހަވަލާދީ ހަބަރުތައް ބުނެއެވެ.

މިދިޔަ އަހަރުތަކުގެ ތެރޭގައި ގިނަ ކުންފުނިތަކަކުން ވަނީ ޕާކިސްތާނުގެ ވިޔަފާރި ހުއްޓާލާފައެވެ.

މާލީ ހަލަބޮލިކަން ކުރިމަތިވެފައިވާ ޕާކިސްތާނުގެ ފައިސާ،ރުޕީސްގެ އަގު ވަނީ ތިންބައި ކުޅަ އެއްބަޔަށް ދަށަށްގޮސްފައެވެ. ނަމަވެސް މޫޑީސް އިންވެސްޓަރސް ސާރވިސްއާ ހަވާލާދީ ހަބަރުތައް ބުނާގޮތުން މި ދަތިކަމުން އަރައިގަތުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް،އައިއެމްއެފްގެ އެހީ ޕާކިސްތާނަށް ލިބޭނެ ކަމުގެ އުންމީދު ކުޑައެވެ.