ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކޮށް އެލަވަންސް ބޮޑުކޮށްފި


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ގިންތިކޮށް އެންމެ މަދުން ދެވޭ އަދަދުގެ ގޮތުގައި 3000 ރުފިޔާ ސަރުކާރުން ކަނޑައަޅުއްވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2011ވަނަ އަހަރުން ފެށިގެން އެލަވަންސެއް ދެއްވަން ފަށްޓަވާފައިވާއިރު މިހާތަނަށް މިއެލަވަންސްގެ ގޮތުގައި ދައުލަތުން ދެއްވަމުން އައިސްފައިވަނީ 2000 ރުފިޔާއެވެ. މިހާރުވަނީ މީގެ އިތުރުން މާލީ އިނާޔަތުގެ ގޮތުގައި އިތުރު 1،000 ރުފިޔާ އިތުރު އިނާޔަތެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އެއާއެކު އެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންނަށް މަދުވެގެން 3،000 ރުފިޔާ މިމަހުން ފެށިގެން ލިބޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެލަވަންސް ދެއްވަން ފެށްޓެވިއިރު ރާއްޖޭގައި ތިބީ އެލަވަންސް ލިބޭ 3،560 މީހުންނެވެ. މިހާރު މިއަދަދުވަނީ 10،701 އަށް އިތުރުވެފައެވެ. މިއަހަރުގެ މިހާތަނަށް 11،371 ފަރާތަކަށް 111 މިލިއަން ރުފިޔާވަނީ މިއެލަވަންސްގެ ގޮތުގައިވަނީ ދެއްވާފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކުރެއްވުމުގެ މަސައްކަތް ކުރައްވަމުންގެންދެވިއިރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުތަކެއް ލިބިވަޑައިގެންނެވި ކަމަށާއި، އިނާޔަތް ބޮޑު ކުރެއްވުމަށް އެމަނިކުފާނު ކެނޑިނޭޅި މަސައްކަތް ކުރެއްވިކަމަށެވެ. އަދި ގޮންޖެހުންތަކާއިއެކުވެސް މިނިންމެވުން އެމަނިކުފާނު ނިންމަވައި، ބޮޑުކުރެއްވި އެލަވެންސްތައް މިމަހުން ފެށިގެން ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކަނޑައެޅި އެލަވެންސް ތަކާއި، ދޭ ކެޓަގަރީތައް:

* ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ އަދި އެހެން މީހެއްގެ އެހީގައި ދިރިއުޅުމުގެ ކަންކަން ހަމަޖައްސަން ޖެހޭ 65 އަހަރުން ދަށުގެ ފަރާތްތަކަށް މަހަކު 2،000 ރުފިޔާ
* ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއި 65 އަހަރުން ދަށުގެ މީހުންގެ ތެރެއިން އަސާސީ ބޭނުންތަކަށް އާންމުކޮށް، ބޭނުން ކުރަން ޖެހޭ ތަކެތި ހޯދުމަށް މަހަކު 1،000 ރުފިޔާ
* އެއްގެއްގައި ދިރިއުޅޭ ނުކުޅެދުން ތެރިކަން ހުންނަ މީހުން 3 މީހުންނަށްވުރެއް ގިނަ ނަމަ މަހަކަށް 1،000 ރުފިޔާގެ އެލަވެންސެއް، މިއިނާޔަތްވެސް ލިބޭނީ 65 އަހަރުން ދަށުގެ މީހުންނަށެވެ.

އިނާޔަތް ބޮޑުކުރުއްވުމުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން 15 އިންސައްތަ މީހުންނަށް ކުރިއަށް އޮތް ތަނުގައި 6،000 ރުފިޔާ ލިބޭނެއެވެ. ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ކެޓަގަރައިޒް ކުރައްވާފައިވާ ގޮތާއި، މިންވަރުވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަ ކުރައްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް:

* ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ 3،045 މީހުން
* ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 2،461 މީހުން
* އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ 1،517 މީހުން
* ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 876 މީހުން
* އެއް ނުކުޅެދުންތެރިކަމަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ 1،986 މީހުން
* ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 125 މީހުން
* އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 63 މީހުން
* އޯޓިޒަމް ހުންނަ 628 މީހުން
* އެއް ނުކުޅެދުންތެރިކަމަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ 1،986 މީހުން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖަޢާކުރައްވައި، އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވަނީ އަންގާރަދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައެވެ.