1444 ވަނަ އަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ތެރެއިން ހައްޖު ކޯޕަރޭޝަން ފުރަތަމަ ފުރި މީހުން މިހާރު ތިބީ މައްކާގައި ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ މި މީހުން ފުރަތަމަ އުމުރާ ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
އިއްޔެ ރާއްޖެއިން އެންމެ ފުރަތަމަ ހައްޖަށް ފުރީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުންގެ ތެރެއިން 295 މީހުންނެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުން ދެން ފުރާނީ މިމަހުގެ 16ވާ ހުކުރު 19ވާ ހޯމަދުވަހުއެވެ.
މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާއެވެ. މީގެތެރެއިން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ 3 ކުންފުނިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުޞަތެވެ. ދެންހުރި ފުރުޞަތުތައް ދިނީ ޙައްޖު ކޯޕަރޭޝަނަށެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަދީފައިވާ 3 ގުރޫޕްގެ ތެރެއިން ސިސިލްފަރު ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ 90 މީހުން މިއަދުވަނީ ފުރާފައެވެ. ހަރަމައިން ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ 87 މީހުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. މަނާސިކް ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ 85 މީހުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށް އެ ގުރޫޕުން މައުލޫމާތުދެއެވެ.
މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، ނައިބު ރައީސް ފައިޞަލް ނަސީމްއެވެ. އެގޮތުން ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމުގެ ކުރިން އެމަނިފާނުވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެން އެމީހުންނާ ބައްދަލުކުރައްވާފައެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ޙައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން އުމުރުން ދުވަސްވީ އަދި ބަލިމީހުންނަށް ކުދި ވެހިކަލްތަކުގައި، ބަހާ ހަމައަށް ގެންގޮސްދިނުމާއި، ޙައްޖުވެރިއާ އާއި ޢާއިލާގެ މީހުން ބަހުގައި ނުވަތަ އޭސީ ފެރީގައި އެއަރޕޯޓަށް ދެވޭގޮތް ހަމަޖެއްސުމާއި، ފުރުމުގެ އެއް ދުވަސް ކުރިން ފޮށިތައް އެއަރޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސަވާދެއްވާފައެވެ.
ޙައްޖަށްދާ މީހުންނަށް ޚާއްޞަކޮށް ދަތުރުތައް ހަމަޖެހިފައިވާއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވާފައެވެ.