ޚަބަރު

ކޮމެޓީތައް އެކުލަވާލަން ދޫދެވެން އޮތް އެންމެ ބޮޑަކަށް މިތިބީ ދޫދީގެން: އެމްޑީޕީގެ ޕީޖީ


ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް އެކުލަވާލައި ކޮމެޓީތަކުގައި ހުރި މުހިންމު މަސައްކަތްތައް ފެށުމަށްޓަކައި، މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން އެދުނު ގޮތަށް ކޮމެޓީތައް އެކުލަވާލަން ދެވެން އޮތް އެންމެ ބޮޑަކަށް ދޫދެއްވާފައިވާކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަތަކާއި ގުޅިގެން މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މަޖިލީހުގެ މަސައްކަތް ހުއްޓުމަކަށް އައީ އެމްޑީޕީގެ 12 މެމްބަރަކު ޕާޓީ ބަދަލު ކުރުމާއި ގުޅިގެން ކޮމެޓީތައް އެކުލަވާލުމަށް ޕާޓީތަކުގެ މެދުގައި އެއްބަސްނުވެވިގެންނެވެ.

މަޖިލީހުގެ މަސައްކަތް ހުއްޓިފައިވާތީ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ތަރުޖަމާން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ވިދާޅުވީ، ކޮމެޓީތައް އެކުލަވާ ނުލެވި ވަނީ މަޖިލީހުގެ ރިޔާސަތުން އެކަމަށް ޖާގަ ދެއްވަން ބޭނުން ނުވާތީކަމަށެވެ. އެންމެފަހުން ބޭއްވުނު ސިޔާސީ ޕާޓީތަކުގެ ބައްދަލުވުމުގައި ކޮމެޓީތައް އެކުލަވާލުމަށް އެމްޑީޕީން ދޫ ދޭންޖެހޭ އެންމެ ބޮޑަށް ދޫދީ ކޮމެޓީތައް އެކުލަވާލަން އެއްބާރުލުން ދީފައިވާކަމަށް މެންބަރު ވިދާޅުވިއެވެ.

"ޢާންމު ކޮމެޓީއަށް އިދިކޮޅު ފަރާތްތަކުން ބޭނުންފުޅުވީ، ހުރިހާ ޕާޓީއެއްގެ މެމްބަރުން ތަމްސީލު ވާގޮތަށް އެކޮމެޓީ އެކުލަވާލަން. އެކަމަށްވެސް އެބަސްވެ ވަޑައިގެންނެވި. އެހެން ނަމަވެސް އެނގި ވަޑައިގެންނަވާނެ 241 ކޮމެޓީ އެކަނި ޤާނޫނު އަސާސީ ބުނާގޮތުން ހުރިހާ ޕާޓީއެއް ތަމްސީލްވާ ގޮތަށް އެކުލަވާލަންޖެހެނީ" މުޙައްމަދު ޢަބްދުﷲ ޝަފީޤް ވިދާޅުވިއެވެ.

މެމްބަރު ޝަފީގު ވިދާޅުވީ، ޤާނޫނު އަސާސީގައި މިގޮތަށް ކަނޑައަޅާފައި ވީނަމަވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، އިދިކޮޅު ފަރާތްތަކުގެ ހުށަހެޅުމާއި އެކީގައި ކޮމެޓީތައް އެކުލަވާލުމަށް އެއްބާރުލުން ދެއްވާފައިވާކަމަށެވެ. މިބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ހިމެނޭ އެކި ކޮމެޓީތަކުގައި މުޤައްރިރުކަން ކުރައްވާ ބޭފުޅުން ވަނީ ކޮމެޓީޓީތަކުގައި ރައްޔިތުންނާާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއްހުރެ ކުރިއަށް ނުދާތީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

"އަޅުގަނޑު ޤަބޫލުކުރާގޮތުން އަޅުގަނޑުގެ ކޮމެޓީއަކީ ދާއިމީ، ކޮމެޓީއެއް ގަވާއިދު އޮންނަ ގޮތުން ދާއިމީ ކޮމެޓީތައް ކުރިއަށްދާންޖެހޭ. އަޅުގަނޑުގެ ކޮމެޓީ ސަސްޕެންޑް ކުރެވޭ ގޮތަށް އަދި އެހެން ކޮމެޓީތައްވެސް ސަސްޕެންޑްކުރުމަކީ މުޅި އުސޫލާއި ޚިލާފްކަމެއް." ހިއުމަންރައިޓް ކޮމެޓީގެ މުޤައްރިރު ޖީހާން ވިދާޅުވިއެވެ.

މެމްބަރ ޖީހާންގެ އިތުރުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒު ވިދާޅުވީ، މަޖިލީހުގެ ތަޅުމުގެ މަސައްކަތް ހުއްޓުވާލާފައިވާގޮތަށް ކޮމެޓީތަކުގައި ތަޅު އަޅުވައިގެން ކޮމެޓީތަކަށް ނުވަދެވޭނެހެން ހަދާފައިވަނީ މަސައްކަތް ހުއްޓުވާފައިވާތީ އެކަމާ ކަންބޮޑުވާކަމަށެވެ. އަދި މިއީ ޑިމޮކްރަސީއާއި ބީރައްޓިހި ޢަމަލުތަކެއް ކަމަށް ނާޝިޒު ވިދާޅުވިއެވެ.

"އަޅުގަނޑު ހިތައް އަރާ ދެންމި އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ ތަޅެއް ގެންގޮސް މިބޭފުޅާއާއި ހަވާލު ކުރަންވީއޭ. ބޮޑު ތަޅު، ތަޅު އަޅުގަނޑުމެންނަކަށް ނޭގޭ ދެން އެބޭފުޅާއެއްކޮށް އުޅުއްވާ ހުރިހާ ބޭފުޅުން މިވިދާޅުވަނީ ކޮންމެެވެސް ބޮޑު ތަޅެއްގެ ވާހަކަ. ޑެޑްލޮކެއްގެ ވާހަކަ. މިއީ އަޅުގަނޑުމެންނަށް އަންޑަސްޓޭންޑްވާ ކަމެއްނޫން. އަޅުގަނޑުގެ އިލްތިމާސަކީ ޤާނޫނީ އިމުގެ ތެރެެއަށް އަޅުގަނޑު މެންގެ ޕާޓީގެ ރައީސް ވެންނެވުން." މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުޤައްރިރު ނާޝިދު ވިދާޅުވިއެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީން މިހެން ވިދާޅުވިއިރު، މަޖިލީހުގެ އިދިކޮޅު މެމްބަރުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިހާރު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެވޭނީ، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އިސްވެ ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންގޮސްގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަޤާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވަކިކުރައްވަން މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލާގައި ބަހުސް ކުރެއްވުމަށް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކުރައްވާފައެވެ.