ޚަބަރު

މިއަހަރުގެ ޢަމީރުލްޙައްޖަކީ ނައިބް ރައީސް ފައިޞަލް ނަސީމް


1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

ކޮންމެ އަހަރެއްގައިވެސް ރާއްޖެއިން ޙައްޖަށްދާ މީހުންގެ ކަންކަން އެންމެ ގާތުން ބެލެހެއްޓެވުމަށްޓަކައި ސަރުކާރުގެ އިސްވެރިއަކު ވަޑައިގަންނަވައެވެ. މިދިޔަ އަހަރު ވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު އަލީއެވެ. އަދި މިދިޔަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްގެ ދެކަނބަލުންވެސް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާފައެވެ.

ދިވެހި ޙައްޖާޖީންގެ އެންމެހާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ހުރިހާ އިންތިޒާމުތަކެއް ވީހާވެސް ފުރިހަމަޔަށް ގެންދިޔުމަށް ބާރު އެޅުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކުވެސް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މި އަހަރުވެސް ޙައްޖުވެރިންނަށް ފަސޭހައިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އަދި ޙައްޖުވެރިންނާއި އާއިލާ މެންބަރުން އެއަރޕޯޓަށް ގެންދިއުމާއި، ލަގެޖް ކަލެޓްކުރުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އުމުރުން ދުވަސްވީ އަދި ބަލިމީހުންނަށް ކުދި ވެހިކަލްތަކުގައި، ބަހާހަމައަށް ގެންގޮސްދިނުމާއި، ޙައްޖުވެރިއާ އާއި ޢާއިލާގެ މީހުން ބަހުގައި ނުވަތަ އޭސީ ފެރީގައި އެއަރޕޯޓަށް ދެވޭގޮތް ހަމަޖެއްސުމާއި، ފުރުމުގެ އެއް ދުވަސް ކުރިން ފޮށިތައް އެއަރޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ. ޙައްޖަށްދާ މީހުންނަށް ޚާއްޞަކޮށް ދަތުރުތައް ހަމަޖެހިފައިވާއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. އަދި ސަރުކާރުން މިހާރު ވަނީ މިނާއާއި އަރަފާތުގައިވެސް ދިވެހި ހައްޖާޖީން އެއް ސަރަހައްދެއްގައި ބެއިތިއްބުމުގެ އިންތިޒާމް ހަމަޖައްސަވާފައެވެ.

މިއަހަރު ރާއްޖެއަށް ލިބުނު 1000 ކޯޓާގެ ތެރެއިން 270 ޖާގަ ދީފައިވަނީ އަމިއްލަ ކުންފުނިތަކަށެވެ. ސަރުކާރުން އަންނަނީ ރާއްޖެއަށް ދެމުން އަންނަ ހައްޖު ކޯޓާގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުން މާދަމާއިން ފެށިގެން ފުރަން ފަށާނެއެވެ.