ޚަބަރު

ޙައްޖާޖީން ގެއްލޭ މައްސަލަ ޙައްލުކުރުމަށް ލޮކޭޓިން ޑިވައިސް މިއަހަރު ބޭނުންކުރަނީ


ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު ޙައްޖަށްދާ މީހުންނަށް ލޮކޭޓިން ޑިވައިސްއެއް ދޭނެކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

މި ލޮކޭޓިން ޑިވައިސްއަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް އުޅޭއިރު ޙައްޖުވެރިން ގެއްލޭ މައްސަލަ ޙައްލުކުރުމަށްޓަކައި ފޯރުކޮށްދޭ ޑިވައިސްއެކެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ މި ލޮކޭޓިން ޑިވައިސް ދިނުމަށް ހަމަޖެހިފައިވަނީ އޭގެ ބޭނުން އެންމެ ބޮޑަށް ޖެހޭނެހެން ހީވާ މީހުންނަށް ކަމަށެވެ. އަދި އެމީހުން ދެނެގަތުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި، ޙައްޖަށްދާ މީހުން ސަޢުދީއަށް އެތެރެވާ ހިސާބުން އެ ޑިވައިސް ދޭންޖެހޭ މީހުންނަށް ފޯރުކޮށްދެމުންދާނެކަމަށެވެ.

މި ޑިވައިސްގެ ސަބަބުން ޙަރަމްފުޅުގެ ތެރެއިން ނުވަތަ ޙައްޖުވެރިން ތިބޭ ހޮޓަލުގެ ބޭރުންވެސް ގެއްލިއްޖެނަމަ އެމީހަކު ހުރި ހިސާބެއް ދެނެގަނެ، ޑިވައިސްގެ އެހީގައި އެމީހަކު ހޯދޭނެއެވެ.

ޙައްޖު މޫސުމަކީ އެހެން މަސްތަކާއި އަޅާބަލާއިރު މައްކާގެ ޙަރަމްފުޅުގައިވެސް މީހުން ގިނަ މޫސުމެކެވެ. އެހެންކަމުން މީހުން ވީނުވީ ނޭނގި ގެއްލޭ މައްސަލަތަކަކީ މީގެ ކުރިންވެސް ފެންމަތިވާ މައްސަލަތަކެވެ. ޚާއްސަގޮތެއްގައި ޙައްޖަށް ދާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންކަމުން ގެއްލުމަށްފަހު ނުފެނި ގިނަ ވަގުތުވެސް ހޭދަވައެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ލިބުނު 1000 ކޯޓާގެ ތެރެއިން 600 ކޯޓާ ޙައްޖު ކޯޕަރޭޝަނަށް ވަނީ ދީފައެވެ. އަދި މި ކޯޓާގައި އެ ކޯޕަރޭޝަނުން ޙައްޖަށް ގެންދާނީ ކިއޫ ތަރުތީބުން ޙައްޖުގެ އަގުގެ 75 އިންސައްތަ ދައްކައި، ޖާގަ ކަށަވަރުކޮށްފައިވާ ފަރާތްތަކެވެ. އެ ކޯޕަރޭޝަންގެ ކިއުގައި 4000 އަށްވުރެ ގިނަ މީހުން ތިބަކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވައެވެ.

އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ގެންދާ މީހުންގެ ތެރެއިން 5 އިންސައްތަ ވަނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ޚާއްސަކޮށްފައެވެ.