ޚަބަރު

އަމީނީ މަގު ސެގްމަންޓް 8 ގެ މަސައްކަތް ފަށައިފި، ފުރަތަމަ ކުރިއަށްދާނީ ގަލޮޅު ޕޮލިސް ޕޯސްޓާއި ހަމައަށް


އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 8 ވަނަ ސެގްމަންޓްގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރް.ޑީ.ސީއިން ފަށައިފިއެވެ.

އަމީނީ މަގުގެ މަސައްކަތް ކުރަމުން އަންނަ އާރްޑީސީން ބުނީ އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ކުރިން ބިލަބޮންްގ ސްކޫލްއިން ފެށިގެން މާފަންނު ސްޓޭޑިއަމްއާ ހަމައަށް މަގު ބަންދުކޮށް، މަސައްކަތް ފަށާގޮތަށް ނިންމިނަމަވެސް ފުރަތަމަަ މަގު ބަންދުކޮށް މަސައްކަތް ކުރިއަށްގެންދާނީ ގަލޮޅު ޕޮލިސް ޕޯސްޓާ ހަމައަށްކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ އެ ސަރަޙައްދަކީ ގިނަ ސްކޫލްތަކާއި އޮފީސްތައް ހުންނަ ސަރަހައްދަކަށްވުމުން ލުއިފަސޭހަ ކުރުމުގެ ގޮތުންކަމަށްވެސް އެ ކޯރޕަރޭޝަނުން ބުނެއެވެ.

މަގު ހެދުމުގެ މަަސައްކަތުގެ ދަށުން ފުރަތަމަ ކުރަމުން އަންނަނީ ގައުތައް ނެގުމުގެ މަސައްކަތެވެ. އަދި އެއަށްފަހު ބިމު އަޑީގައި އަޅާފައިވާ ކޭބަލްތަކާއި ހޮޅިތައް ލެވެލްކުރުމުގެ މަސައްކަތްތައް ކުރާނެއެވެ. މާލޭގެ ހުރިހާ އަވަށްތަކެއް ގުޅުވައިދޭ މައި އެއް މަގުކަމަށްވާ އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން މިހާރު މިވަނީ 7 ސެގްމަންޓްގެ މަސައްކަތް ނިންމާ އާއްމުންނަށް ބޭނުންކުރަން ހުޅުވާލާފައެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދު ތަރައްޤީކުރުން ހިމެނެއެވެ. މި މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކުންފުންޏާ ޙަވާލުކުރެއްވީ 84.4 މިލިޔަން ރުފިޔާއަށެވެ.

އަމީނީ މަަގުގެ މަސައްކަތް ކުރަމުން އަންނަނީ އެމަގުގައި ހުރި ބޮޑެތި ގަސްތައް ކަނޑާ އެތަަނުން ނަގައިގެންނެވެ. އެހެންކަމުން އަލުން އެ މަގު ފެހި ކުރުމަށްޓަކައިވެސް މިހާރު ވަނީ މަސައްކަތް ފަށާފައެވެ.

މިގޮތުން މަގުގައި މަސައްކަތް ނިންމާފައި އޮތް ސަރަޙައްދުގައި ވަނީ ގަސް އިންދާފައެވެ. މި ގަސްތަކަކީ އަމީނީމަގުގައި އިންދުމަށް އެންމެ އެކަށީގެންވާ ގަސްތަކެއްކަމަށާއި މުޅި އަމީނީ މަގުގައި ހިޔާ ދޭ ގަސްތައް އިންދުމުގެ މަސައްކަތް ކޮންމެ ސެގްމަންޓެއް ނިންމާލާފައި ކުރިއަށް ގެންދަން އާރްޑީސީން ވަނީ ނިންމާފައެވެ.