ޚަބަރު

އެންމެބޮޑު އިސްކަމެއްދެއްވަނީ އަންހެނުން ބާރުވެރިކުރުމަށް- ރައީސް


އަންހެނުންގެ ތަރައްޤީއާއި ކުރިއެރުމަށް އެޅިފައި ހުރި ހުރަސްތައް ނައްތާލުމަށްޓަކައި ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގައި، ކަމާބެހޭ އިދާރާތަކުންނާއި، ޢާންމު ފަރުދުންވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.



ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި ސަރުކާރުން މިއަދު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަމަކީ، އަންހެނުންގެ ޙައްޤުތައް ހޯއްދަވައިދެއްވާ، އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހަށް ކަނޑައެޅިފައިވާ ޝިޢާރުންވެސް މިކަމަށް ބައިނަލްއަޤްވާމީ ގޮތުން ދޭ ސަމާލުކަން ރަމްޒުކޮށްދޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.  2030އާ ހަމައަށް ޖިންސުގެ ހަމަހަމަކަން ކަށަވަރު ކުރުމާއި، އަންހެނުންނާއި، އަންހެން ކުދިން ބާރުވެރިކުރުވުމުގެ ލަނޑުދަނޑި ކާމިޔާބު ކުރުމަށް، މި ޝިޢާރުން ބާރުއަޅާއިރު، މިރޮނގުން ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.  

އަންހެނުން ވަޒީފާ އަދާކުރުމުގައި ހުރި ހުރަސްތައް ނައްތާލުމަށާއި، މަސައްކަތުގެ މާޙައުލުންނާއި، މުޖުތަމަޢުގެ ތެރެއިން އަންހެނުންނަށް ކުރާ އަނިޔާއާއި، ގެވެށި އަނިޔާއާއި ގޯނާއަށް ފުރްޞަތު ނުދިނުމަށް ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތްތަކަށް ހުރިހާ ފަރާތްތަކުން ފުރިހަމަ އެއްބާރުލުން ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ގޮވާލައްވާފައިވެއެވެ.

"ރާއްޖޭގެ އަންހެނުންނަކީ ވަރަށް ކުރިއްސުރެ ތަފާތު އެތައް ޚިދުމަތްތަކެއް ދިވެހި ޤައުމަށާއި މުޖުތަމަޢަށް ކުރަމުން އައިސްފައިވާ ބައެއް. އަދި މިއަދު އަންހެނުންގެ މަސައްކަތްތައް އެތައް ރޮނގަކުން އިތުރުވެ، ފުޅާވެފައިވާކަންފާހަގަކުރަންޖެހޭ. އެހެންކަމުން، ޤައުމު ބިނާކޮށް ބައްޓަންކުރުމުގައި ރާއްޖޭގެ އަންހެނުން އަދާކުރަމުންގެންދާ ދައުރު، މިފަދަ މުނާސަބަތެއްގައި ފާހަގަކުރަންޖެހޭ" ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވަނީ ރާއްޖެ ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުން ގެންދާއިރު، އެކަމުގައި އަންހެން ކަނބަލުންގެ ޙިއްޞާ ނުހަނު ބޮޑުކަމަށެވެ.  އަދި ވަރަށް ހީވާގިކަމާއި މުރާލިކަމާއެކު އެކި މަސައްކަތްތައް ކުރައްވަމުން ގެންދަވާ އަންހެން ކަނބަލުން ތިއްބެވިކަން މިއަދު އަޅުގަނޑުމެން ޚާއްޞަ ގޮތެއްގައި ހަނދާންކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި އަންހެން ކަނބަލުން އަދާކުރައްވަމުން ގެންދަވާ ދައުރު ފާހަގަކުރައްވާ، އެހުރިހާ ކަނބަލުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ޝުކުރުއަދާކުރެއްވިއެވެ.