ޚަބަރު

އެމްއެމްސީން ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާން ހުޅުވާލައިފި


މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މި އަހަރުވެސް ނޫސް މަޖައްލާ ކެޓަގަރީއާއި، ބްރޯޑްކާސްޓިން ކެޓަގަރީ ހިމެނޭހެން 12 ދާއިރާއަކުން އިނާމަށް ކުރިމަތިލުމަށްވަނީ ހުޅުވާލާފައެވެ.

ނޫސްވެރިކަމުގެ އިނާމަކީ ނޫސްވެރިން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އަދި މި ދާއިރާއިން އިތުރަށް ކުރިއަށްދިއުމަށް ނޫސްވެރިންނަށް ހިތްވަރު ދިނުމުގެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ އެވޯޑެކެވެ.

މި އެވޯޑް ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރު ދިނުމުގެގޮތުން ދޭ ނޫސްވެރިކަމުގެ އިނާމުގެ ކަންކަން ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ގެންދިއުން ހިމެނެއެވެ. އަދި މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކުން ތަބާވާންޖެހޭ ހަމަތަކާއި، އަޚްލާޤީ މިންގަނޑުތަކަށް ތަބާވެ، ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމާއި، ނޫސްވެރިންގެ މެދުގައި އިތުބާރު ދެމެހެއްޓުންވެސް ހިމެނެއެވެ.

މި އިނާމު މިފަހަރު ދިނުމަށް ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި ތަޙްޤީޤީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްޤީއާއި އިޖްތިމާޢީ ދާއިރާ، ސިޔާސީ، ޝަރުޢީ އަދި ޤާނޫނީ، ވިޔަފާރިއާއި އިޤްތިޞާދު، އަދި ކުޅިވަރުގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ފޮޓޯ ޖާރނަލިޒަމް، ވީޑިއޯ ޖާރނަލިޒަމް، ގްރެފިކްސްއާއި އިލެސްޓްރޭޝަންސް، ފީޗަރ، އުންމީދީ ނޫސްވެރިޔާ އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާވެސް ހޮވާނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން އާއްމުކޮށްފައިވާ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުޞޫލުގައިވާގޮތުން، އިނާމު ދެވޭ ދާއިރާތަކުގެ ތެރެއިން އެންމެ އުއްމީދީ ނޫސްވެރިޔާއާއި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ ފިޔަވައި އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާއެއްގައި މަސައްކަތްކުރާ ދިވެހި ނޫސްވެރިންނަށް ފަރުދީގޮތުންނެވެ. "އުންމީދީ ނޫސްވެރިޔާ" އާއި، "އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ" އާއި، "ފީޗަރ" ދާއިރާ ފިޔަވައި ކޮންމެ ނޫސްވެރިއަކަށް ވެސް އިނާމަށް އެދި ހުށަހެޅޭނީ ގިނަވެގެން 1 ދާއިރާއަށެވެ.

އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގައި ހިނގަމުންދާ ދައުރުގެ މެންބަރުންނާއި އިދާރީ މުވައްޒަފެއްގެ މަޤާމުގައި ހުރި ފަރާތަކަށް މި އިނާމަށް ކުރިމަތި ނުލެވޭނެއެވެ. މިއިނާމަށް ކުރިމަތިލާ ނޫސްވެރިންނަކީ ފާއިތުވެދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، މަދުވެގެން ޖުމުލަ 9 މަސްދުވަހު މަސައްކަތްކޮށްފައިވާ ނޫސްވެރިއަކަށް ވާންވާނެއެވެ.

ނޫސްވެރިކަމުގެ ދާއިރާތަކަށް ހުށަހަޅާ ހުށަހެޅުންތައް އިންސާފްވެރިކޮށް އިވެލުއޭޓްކުރުމަށްޓަކައި މަދުވެގެން 7 ފަނޑިޔާރުންގެ މައްޗަށް
އެކުލެވޭ ފަނޑިޔާރުންގެ ޕެނަލްއެއް މީޑިއާ ކައުންސިލުން ފާސްކުރަންވާނެއެވެ. ފަނޑިޔާރުންގެ ފެނަލްގައި ތިއްބަވާނީ އިނާމު ދެވޭ ދާއިރާއާ ގުޅޭ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކެކެވެ.

ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މީޑިއާ ކައުންސިލުން ހުޅުވާލާފައިވަނީ 02 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. އަދި އިނާމަށް ނަން ހުށަހަޅާ ފޯމާއި، އިނާމު ދިނުމުގެ އުޞޫލު މީޑިއާ ކައުންސިލުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް އެކައުންސިލުން ވިދާޅުވެއެވެ.