ޚަބަރު

އެއްކޮށްލި ހިޔާގެ ދެ ފްލެޓު ކުރިން ހުރި ގޮތަށް ބަދަލުކުރަން އިތުރު 7 ދުވަސް


އުސޫލާ ޚިލާފަތް އެއްކޮށްލި ހިޔާ ފުލެޓުގެ ދެ އެޕާޓްމަންޓް، ކުރިން ހުރި ގޮތަށް ބަދަލުކުރުމަށް 7 ދުވަހުގެ މުއްދަތެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން އެޕާޓްމަންޓުގެ ވެރިފަރާތަށް ދީފިއެވެ.

އެޗްޑީސީންވަނީ ހިޔާގެ 2 ފްލެޓު އެއްކޮށްލުމާއި ގުޅިގެން އެޕާޓްމަންޓުގެ ވެރިފަރާތް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެޕާޓްމަންޓް ކުރިން ހުރި ގޮތަށް ބަދަލުކުރަން 10 ދުވަހުގެ މުއްދަތެއް ދީފައެވެ. ނަމަވެސް އެގޮތަށް އެކަން ކޮށްފައި ނުވާތީ އެގްރިމަންޓް ބާތިލު ކުރުމަށް އެޗްޑީސީންވަނީ ނިންމާފައެވެ.

މިއާއެކު އެޕާޓްމަންޓުގެ ވެރިފަރާތުންވަނީ އެމައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި އެޕާޓްމަންޓު ނެގުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދިފައެވެ. އެހެންނަމަވެސް އެޗްޑީސީގެ ނިންމުން ބަދަލު ކުރަން އެދުނު އަމުރު ނުދިނުމަށް ސިވިލް ކޯޓުން ވަނީ ނިންމާފައެވެ.

އެޗްޑީސީން ބުނީ ފުލެޓްތައް ކުރިން ހުރިގޮތަށް ބަދަލުކުރުމަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް ފުލެޓުގެ ވެރިފަރާތުން އެދިފައިވާތީ އެފަރާތުން ހުށަހެޅި ސަބަބުތަކަށް ބެލުމަށްފަހު އިތުރު 7 ދުވަހުގެ ފުރުސަތެއް މިހާރު ދީފައިވާ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ އުސޫލުގައިވާ ގޮތުން ހުއްދައަކާއި ނުލާ ހިޔާ ފްލެޓްގެ އެއްވެސް އެޕާޓްމަންޓަކަށް ބަދަލުނުގެނެވޭނެއެވެ. އަދި އުސޫލާއި ޚިލާފުވެ ބަދަލު ގެނެސްފިނަމަ ބޮޑު އަދަދުން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ހިޔާފްލެޓް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.