އަތޮޅުތައް

ވާދޫގައި ސޯލާޕެނަލް ހަރުކުރުމުގެ މަޝްރޫޢުއެއް ކުރިއަށް ގެންގޮސްފި


ޔޫ.އެން.ޑީ.ޕީގެ ހިލޭ އެހީގެ ދަށުން ރ. ވާދޫ ކައުންސިލްގައި ކުރިއަށް ގެންދިޔަ ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫޢު ނިންމާލައިފިއެވެ.ގާތްގަނޑަކަށް 700,000 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢު ކުރިއަށް ގެންގޮސްފައި ވަނީ ރ. ވާދޫ ކައުންސިލް އަދި ވާދޫ އެސޯސިއޭޝަން ފޯ ފިއުޗަރ ޑިވެލޮޕްމަންޓް، ވަފްދު ޖަމިއްޔާ ގުޅިގެންނެވެ. މި މަޝްރޫޢުގެ ދަށުން ވާދޫ ކައުންސިލްގެ ފުރާޅުގައި 42 ސޯލާ ޕެނަލް ހަރުކޮށްފައިވާއިރު، މީގެން ޖުމްލަ 10.5 ކިލޯވޮޓުގެ ކަރަންޓް އުފެއްދިގެންދާނެއެވެ. މި މަޝްރޫޢުގެ ދަށުން ދުވާލު ގަޑީގައި ވާދޫ ކައުންސިލުގައި ބޭނުންކުރާ ކަރަންޓު އިރުގެ އަވިން އުފައްދާ ކަރަންޓަށް ބަދަލުކުރެވިފައިވާ ކަމަށް ވާދޫ ކައުންސިލުން ހާމަކުރައްވައެވެ. އަދި ކައުންސިލް އިރާދާއަށް ބޭނުންވާ ކަރަންޓުގެ އިތުރަށް އުފައްދާ ކަރަންޓް ފެނަކަ ކޯޕަރޭޝަންގެ ގްރިޑާއި ގުޅާލާފައިވާ ކަމަށާއި، އެހެންކަމުން ކޮންމެ 20 ދުވަހަކުން އެއް ފީފާގެ ޑީސަލް ފެނަކައަށް ސަލާމަތް ކުރެވިގެންދާނެކަމަށްވެސް ވާދޫ ކައުންސިލުން މަޢުލޫމާތުދެއްވައެވެ. މި މަޝްރޫޢު ހިންގުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ރާއްޖޭއިން ބޭރުން ގެނެއުމުން ފެށިގެން، އެތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތާއި ހަމައަށް ކޮށްފައިވަނީ ވަފްދު ޖަމިއްޔާއާއި ކައުންސިލްގެ އިދާރާ ގުޅިގެންކަމުން، މިކަމަށް ޔޫ.އެން.ޑީ.ޕީން ދެއްވާފައިވާ ބަޖެޓުން އިއާދަކުރަނިވި ހަކަތަ އުފެއްދޭނެ އެންމެ މަތީ މިންވަރަށް އުފެއްދުމަށް ބޭނުންވާތަކެތި ކުޑަ ހަރަދަކުން ހޯދާ، އިންސްޓޯލްކުރެވިފައިވާ ކަމަށް ވާދޫ ކައުންސިލުން މަޢުލޫމާތުދެއްވައެވެ. މިއީ ރާއްޖޭގައި ޔޫ.އެން.ޑީ.ޕީގެ ޖީ.އީ.އެފް ފަންޑުގެ ދަށުން ހިންގުނު އިއާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ގިނައިން ކަރަންޓް އުފެއްދޭ ފުރަތަމަ ޕްރޮޖެކްޓްކަން އެ ޖަމިއްޔާއިން ފާހަގަކުރައްވާފައިވާ ކަމަށްވެސް ވާދޫ ކައުންސިލުން މަޢުލޫމާތުދެއްވައެވެ. img:http://s1.psmnews.mv/images/660x400/14573268754233.jpg|ވާދޫ ކައުންސިލް އިދާރާގައި އަވިން ހަކަތަ އުފެއްދުމުގެ ނިޒާމު ޤާއިމްކުރުން - ފޮޓޯ: ވާދޫ ކައުންސިލް މީގެ އިތުރުން، ވާދޫ ރައްޔިތުންނާއި، ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ސޯލާ ޕެނަލް ހަރުކުރުމުގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި އަދި ޚަރަދުކުޑަކޮށް ކަރަންޓް ބޭނުންކުރާނެގޮތުގެ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިފަދަ މަޝްރޫޢުތައް ހިންގާ މެނޭޖްކުރާނެގޮތާއި، އިންސްޓޯލްކޮށް، މަރާމާތުކޮށް ބަލަހައްޓާނެގޮތުގެ މައުލޫމާތުވެސް މިކަމުގައި އަމަލީގޮތުން ބައިވެރިވި ފަރާތްތަކަށް ދީފައިވެއެވެ.