ޚަބަރު

ހުޅުމާލެ ސާފުކުރުމުގެ ބޮޑު ޙަރަކާތެއް ހޮނިހިރުދުވަހު


ހުޅުމާލެ ސާފުކުރުމުގެ ބޮޑު ޙަރަކާތެއް އަންނަ ހޮނިހިރު ދުވަހު ހިންގަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ނިންމައިފިއެވެ.

ހުޅުމާލެ ސާފުކުރުމުގެ ޙަރަކާތަކީ ދުނިޔޭގެ ތިމާވެށީގެ ދުވާހާ ގުޅުވައިގެން "ދުނިޔެ މަގޭ" ގެ ނަމުގައި ހިންގަން ނިންމައިފައިވާ ޙަރަކާތެކެވެ.

ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން އެޗްޑީސީން ތަޢާރުފުކޮށްފައިވާ "ދުނިޔެ މަގޭ" ކެމްޕޭނަކީ ދުނިޔޭގެ ތިމާވެށްޓަށް ކުރިމަތިވަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރި ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ތަޢާރުފުކޮށްފައިވާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ގިނަ ކަންތައްތަކެއް މުޅި އަހަރަށް ބަހާލައިގެން ރާވާފައިވަކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 7:30 ގައި ޗެނަލް ޕާކު ބީޗު ސަރަޙައްދުން ކަމަށެވެ. އެ ސަރަހައްދުން ފެށިގެން ހުޅުމާލޭގެ ހަތް ސަރަޙައްދެއް ސާފުކުރަން ހަމަޖެހިފައިވެއެވެ. އެއީ ހުޅުމާލެ 1 އަދި ހުޅުމާލެ 2 ގައި މީހުން ދިރިއުޅޭ ސަރަހައްދުތަކެވެ. އެ ސަރަހައްދުތައް ސާފުކުރާނީ ވަކިވަކި ޓީމުތަކަށް މީހުން ބަހާލައިގެންނެވެ. މި ޙަރަކާތުގައި މާލެ ސަރަހައްދުގެ ސްކޫލްތަކާއި ސަރުކާރުގެ ކުންފުނިތައް އަދި މިނިސްޓްރީތަކުން ވެސް ބައިވެރިވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެ ކުންފުނިން ބުނީ، ހުޅުމާލެ އަކީ ތިމާވެށްޓާ ރައްޓެހި ސްމާޓް ސިޓީއަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް މި ކެމްޕެއިންގެ ސަބަބުން އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށެވެ. އެ ކެމްޕޭންގެ ދަށުން އެ ކުންފުނީގެ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ތިމާވެށްޓަށް ގެއްލުން ހުރި ކަންކަން ދެނެގަނެ ރައްކާތެރި މާޙައުލެއް ހޯދައިދެވޭނެ ކަމަށެވެ.

އެ ދުވަހުގެ ހެނދުނު 10:45 ގައި ސާފުކުރުމުގެ ޙަރަކާތް ނިންމާލުން އޮންނާނީ ވޯޓަރ ސްޕޯޓްސް އެކްޓިވިޓީއާ އެކުގައި ކަމަށް އެޗްޑީސީން ބުނެއެވެ.