ޚަބަރު

އުކުޅަހު "ބީޓް ޕްލާސްޓިކް ފެސްޓިވަލް"އަށް ރައީސް ޒިޔާރަތްކުރައްވައިފި


ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރެއްވުމަށް އއ. އުކުޅަހުގައި ބޭއްވެވި "ބީޓް ޕްލާސްޓިކް ފެސްޓިވަލް" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައްލަވާލައްވައިފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ރަސްމީ ޙަރަކާތްތައް މިއަހަރު ރާއްޖޭގައި ބާއްވަނީ އއ. އުކުޅަހުގައެވެ. މި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު އުކުޅަހަށް ކުރައްވާ ދަތުރުފުޅުގައި ވަނީ ހަވީރު ގަޑީގައި ކުރިއަށްދިޔަ "ބީޓް ޕްލާސްޓިކް ފެސްޓިވަލް" ބައްލަވައިލައްވާފައެވެ.

މި ފެސްޓިވަލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ހުރިހާ ސްޓޯލްތަކަށް ވަޑައިގެން ތިމާވެށްޓާ ގުޅޭގޮތުން، އަދި ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން އެކި ސްޓޯލްތަކުން ދެމުންގެންދިޔަ މަޢުލޫމާތުތައް އޮޅުންފިލުއްވައިފައެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް އެތެރެކޮށް، ވިއްކާ ބޭނުންކުރުން، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މި ފެސްޓިވަލްގެ ތެރެއިން ޢާއްމުންނަށް ވަނީ ގިނަ މަޢުލޫމާތުތަކެއް ދެއްވައިފައެވެ.

މިގޮތުން ޕްލާސްޓިކްގެ ސަބަބުން ވެށްޓަށާއި، ސިއްޙަތަށް ލިބޭ ގެއްލުންތަކާއި، އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުވެސް ޢާއްމުންނަށް ވަނީ ބުނެދީފައެވެ. ހަމައެއާއެކު، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބަދަލުގައި ބޭނުންކުރެވޭނެ އެކިއެކި ބާވަތްތައް "ބީޓް ޕްލާސްޓިކް ފެސްޓިވަލް"ގެ ތެރެއިން ޢާއްމުންނަށްވަނީ ދައްކާލާފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި އއ. އުކުޅަހު ކައުންސިލް ގުޅިގެން، އެކި އެންޖީއޯތަކާއި، ސަރުކާރުގެ މުވައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ މިފެސްޓިވަލްގެ ސަބަބުން އަންނާނެ ބަދަލު، ސްތޯލްތަކުގެ ބައެއް ބައިވެރިން ވަނީ ޕީއެސްއެމް ނިއުސްއާއި ޙިއްޞާކުރައްވާފައެވެ.

"އަޅުގަނޑުގެ ސްޓޯލްގަ މިދައްކާލަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިގް ބަދަލުގައި ބޭނުންކުރެވޭނެ ބައެއް ތަކެތި. އެގޮތުން ކުޑަކުދިންގެ ނެޕީއާއި، އަންހެނުންގެ ސެނިޓަރީ ނެޕްކިންގސް. އަދި ކާތަކެތި އެޅުމަށް ބޭނުންކުރާ، ސްޓައިރޮފޯމް ފަދަ ފޮށީގެ ބަދަކުގައި ބޭނުންކުރާނެ ޒަމާނީ އާޓްއާއެކު ހުރި ތަށިބަރިތައް. މިފަދަ ތަކެއްޗާއި މެދު ޢާއްމުންގެ ހޭލުންތެރިކަން އިތުރުވާކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ." ސްޓޯލްގައި ހުރި ޒުވާނަކު ބުންޏެވެ.

"ޓެކްނޮލޮޖީގެ އެހީގައި ތިމާވެށި ޙިމާޔަތް މަސައްކަތްކުރުމަށް ވަރަށް ގިނަ ފުރުސަތުތަކެއްވަނީ ހޯދިފައި. އެކަންކަން ރާއްޖެެއަށްވެސް ގެނެވިދާނެ. އޭގެތެރެއިންވެސް ދިރިއުޅުމުގެ އެކިކަންކަމާއިވެސް މިކަން ގުޅުވިދާނެ. އެގޮތުން އަޅުގަނޑުގެ ސްޓޯލްއިން މިދައްކައިދެނީ މިފަދަ ގޮތަކަށް ކޮފީ މީރުކުރާނެ ގޮތެއް." އިތުރު ބައިވެރިއަކު ބުންޏެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް އއ. އުކުޅަހުގައި އެކި ޙަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

އެގޮތުން އުކުޅަހުގައި ރުކުގެ މުޅިން އައު ޖީލެއް އުފެއްދުމަށް، ރުއް އިންދުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ސްކޫލް ކުދިންނާއި އުކުޅަހުގައި ހުރި ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް ޕްލާސްޓިކްގެ ނުރައްކަލާއި އަދި އޭގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ސެމިނަރއެއްވަނީ ކުރިއަށްގެންގޮސްފައެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 5 ވަނަ ދުވަހެވެ. 1972 ވަނަ އަހަރު ރަސްމީކޮށް އދ.ގެ ފަރާތުން ފާހަގަކުރަން ފެށި މިދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި އަދި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ލިބޭ ގެއްލުމާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުވުމެވެ.