ޚަބަރު

ތިމަވެށީގެ ދުވަހުގެ ޙަރަކާތްތަކަށް ރައީސް އުކުޅަހަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް


ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އއ. އުކުޅަހަށް ވަޑައިގައިގެންފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރެއްވުމަށް ޤައުމީ ފެންވަރުގައި ހިންގަވާ ޙަރަކާތްތައް މިއަހަރު ކުރިއަށް ގެންދަވަނީ އއ. އުކުޅަހުގައެވެ. މި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް މިއަދު ހަވީރު ވަޑައިގެންނެވުމުން، އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ. އެގޮތުން އެމަނިކުފާނަށް މަރުޙަބާ ދަންނަވަން ގިނަ ޢަދަދެއްގެ ޢާއްމުން ރަށުގެ ބަނދަރު ސަރަޙައްދަށް ދިޔައެވެ.

އުކުޅަހުގައި ބާއްވާ "ބީޓް ޕްލާސްޓިކް ޕޮލިއުޝަން" ފެސްޓިވަލް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވާނެއެވެ. އަދި ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އުކުޅަހުގައި ބާއްވަވާ ރަސްމީ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.


މީގެ އިތުރުންވެސް އުކުޅަހުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލުހޯއްދަވައި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސެވުމުގެ ގޮތުން އެމަނިކުފާނު އއ. އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.