ސިޔާސީ

އެޗްޑީސީން ހިންމަފުށީ ޖަލުގެ މަސައްކަތް ނިންމައި، ކަރެކްޝަންސްއާ ޙަވާލުކޮށްފި


ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ ފަރާތުން ހިންމަފުށީގައި ތަރައްޤީކުރި ޖަލުގެ މަސައްކަތް ނިންމާލައިފިއެވެ.

އެޗް.ޑީ.ސީގެ ރެޕިޑް ރެސްޕޮންސް، ސީ.އާރް.އާރް ޓީމުގެ ފަރާތުން ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ މާލެ ޖަލު ހިންމަފުށްޓަށް ބަދަލުކުރުމަށް ކުރި މަސައްކަތެކެވެ. މާލެ ޖަލު ހުރި ސަރަޙައްދުގައި ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތް ހަދައި ނިމެން ގާތްވެފައިވާއިރު، އެތަނުގައި ދަރުވަރުންނަށް ކިޔަވައިދޭން ފަށަންވާއިރަށް ޖަލު އެ ސަރަޙައްދުން ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެދުމުގެ މަތިން އެޗް.ޑީ.ސީން ހިންމަފުށީގައި ތަރައްޤީކުރި މި ޖަލު ހަދާފައިވަނީ މީގެ ކުރިން ބޭނުންކޮށް، ވީރާނާވެފައިވާ ބައު ޢިމާރާތެއްގައެވެ. އެތަނުގައި އެޗް.ޑީ.ސީގެ ޓީމުން ވާނީ 4 ބްލޮކް ހިމެނޭ ގޮތަށް ޖަލެއް ޢިމާރާތްކޮށްދީފައެވެ.

މިއިން ކޮންމެ ބްލޮކެއްގައި ގާތްގަނޑަކަށް 16 ޤައިދީން ބައިތިއްބޭނެކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އަދި ޤައިދީން ބޭނުންކުރުމަށް 12 ފާޚާނައިގެ ފާޚާނާ ބަރިއެއް އެތަނުގައި ޢިމާރާތްކޮށްފައިވެއެވެ. އެޗް.ޑީ.ސީން ބުނީ މައި ޢިމާރާތުގެ ސްޓަރްކްޗަރއާއި، ކަރަންޓުގެ މަސައްކަތާއި، ރިނޮވޭޝަނަށް ބޭނުންވާ ހުރިހާ ކަމެއް އެކުންފުނިން ކޮށްފައިވާކަމަށެވެ. އަދި މަސައްކަތްތައް ނިންމާލުމަށްފަހު އެތަން މިހާރު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ޙަވާލުކޮށްފައެވެ.

އެޗް.ޑީ.ސީގެ މައިގަނޑު މަސައްކަތްތަގެ ތެރޭގައި ހުޅުމާލެ ތަރައްޤީކުރުމާއި، ހުޅުމާލެ އަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނުނު ނަމަވެސް، އެކުންފުނީގެ "ބިޔޯންޑް ހުޅުމާލެ" ޕްލޭންގެ ދަށުން އެކުންފުނިން އަންނަނީ އާންމު މުޖުތަމަޢުއަށް ބޭނުންވާ އެހެނިހެން ކަންކަންވެސް ކޮމިއުނިޓީ ރެސްޕޮންސް ޓީމުގެ ދަށުން ކުރަމުންނެވެ.

އެގޮތުން ހިންމަފުށީ ޖަލުގެ މަސައްކަތުގެ އިތުރުން، ފީނުމުގެ ތެރެއިން ޑީކޯވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ޚާއްސަ ޑީކޯ ޗެމްބަރެއް ގދ. ތިނަދޫގައި ޤާއިމުކުރުމުގެ މަސައްކަތްވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ.