ޚަބަރު

ކިތާބީ އެއްވެސް ހެއްކެއްގައި ރައީސްގެ ސިޓީފުޅު ހިމަނާފައެއް ނެތް: ބަންޑާރަ ނައިބް


ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގަ، ރާއްޖެއިން ހުށައެޅިގޮތަށް، ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން)އިން ކުރެއްވި ހުކުމުގެ އެއްވެސް ހިސާބެއްގައި ކިތާބީ ހެއްކެެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހިމަނާފައި ނުވާކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ޗާގޯސް މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބަންޑާރަ ނައިބު ރިފްއަތުވަނީ މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވެ ވަޑައިގެންފައެވެ. މައްސަލަ ކުރިއަށް ގެންދިއުމަށް އިދިކޮޅު މެމްބަރުން ވަނީ އިހުތިޖާޖުކުރައްވައި، ނިޒާމީ ނުކުތާ ނަންގަވައި އެކި ސުވާލުތަކާއި ނުރުހުން ބަންޑާރަ ނައިބަށް އަމާޒު ކުރައްވާފައެވެ.

ދެފަހަރެއްގެ މަތީން ޖަލްސާވެސް މެދުކަނޑާލައި މަޝްވަރާތަކަށްފަހު މިމައްސަލަ ކުރިއަށް ގެންދިއުމަށް ކުރެވުނު މަސައްކަތުން ބަންޑާރަ ނައިބް ވަނީ މިމައްސަލާގައި ޖަވާބުދާރީވެ ވަޑައިގެންފައެވެ. ބަންޑާރަ ނައިބް ވިދާޅުވީ ދެކުނުގެ އީއީޒެޑްގެ މައްސަލައާއި ރާއްޖޭގެ އައުޓަރ ކޮންޓިނެންޓަލް ޝެލްފްގެ މައްސަލާގައިވެސް ރާއްޖެއިން ނަގާފައިވާ ގާނޫނީ ސްޓޭންޑް ބަދަލު ނުކުރާނެކަމަށް ރައީސްގެ ސިޓީގައި ކަޅާއި ހުދުން ލިއުއްވާފައި އޮތްކަމަށެވެ.

"އިޓްލޮސްގެ މައްސަލަ ސާބިތު ކުރުމަށް އިޓްލޮސްގެ ފަނޑިޔާރުން ފާހަގަކޮށްފައިވާ އެއްވެސް ކިތާބީ ހެއްކެއްގެ ތެރޭގައި ރައީސް ފޮނުވި ސިޓީ ނުހިމެނޭކަން ފާހަގަ ކުރަން. ދެކުނުގެ އީއީޒެޑްގެ މައްސަލައާއި ރާއްޖޭގެ އައުޓަރކޮންޓިނެންޓަލް ޝެލްފްގެ މައްސަލާގައިވެސް ރާއްޖެއިން ނަގާފައިވާ ގާނޫނީ ސްޓޭންޑް ބަދަލު ނުކުރާނެކަމަށް ރައީސްގެ ސިޓީގަ ކަޅާއި ހުދުން ލިޔެފަ އޮތްކަން ތިޔަ އިއްޒަތްތެރި މެމްބަރުންނަށް ދަންނަވަން." ބަންޑާރަނަ ނައިބް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން ބަންޑާރަ ނައިބުގެ ދިފާޢުގައި ވާހަކަ ދެއްކެވި ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވީ މިމައްސަލައަކީ ސިޔާސީ މަންފާއެއް ހާސިލް ކުރައްވަން ހުށަހެޅުނު މައްސަލައެއްކަމަށެވެ. ކުރިއަށް ރިޔާސީ އިންތިޚާބު އޮތުމާއި، ސިޔާސީ ވާދަވެރިކަން މިހާރު އޮތް ހިސާބުން ރައީސް ސާލިހާއި މިސަރުކާރު ބަލިކަށިކޮށްލުމަށް މިފަދަ ނާތަހުޒީބު މައްސަލަ ހުށަހެޅުއްވުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ. މިބަހުސްގައި ވާހަކަ ދެއްކެވި މެމްބަރުން ސީދާ މައްސަލަައަށް ވާހަކަ ދެއްކެވުމަށްވުރެ ބޮޑަށް ރިޢާޔަތް ކުރައްވާފައިވަނީ ސިޔާސީ މަސްރަހުގައި ހިނގާ ސިސާސީ ކަންތައްތަކަށްކަން ފާހަގަކޮށްލެވެއެވެ.

މިމައްސަލަގާއި ޖަވާބުދާރީވެ ވަޑައިގަންނަވަމުން ބަންޑާރަ ނައިބް ވިދާޅުވީ ސިޔާސީ މަސައްކަތުގައި ހަތުރުން މިތުރުންނަށްވެ މިތުރުން ހަތުރުންނަށް ވުމަކީ ދުނިޔޭގެ ތަބައީ އުސޫލަށް ވެދާނެކަމަށެވެ. އެހެންނަމަވެސް، ގާނޫނީ މަސައްކަތަކީ ތަފާތު މަސައްކަތެއް ކަމަށާއި، ގާނޫނު މާނަކުރުމަކީ ކޮންމެ މީހަކު ހިތުހުރި ގޮތަކަށް ކުރާން އޮންނަ ކަމެއް ނޫންކަމަށް ރިފްއަތު ވިދާޅުވިއެވެ. ބަންޑާރަ ނައިބް ވިދާޅުވީ މި މައްސަލާގައި ކުރީގެ އެއްވެސް ސަރުކާރަކުން ގޮތެއް ނިންމަން ނުކެރުނު ކަމަށެވެ. އަދި މިކަމުގައި ކުރީގެ ބަންޑާރަ ނައިބުން ވެފައިވާ އިހުމާލު ބޮޑުކަމަށް ބަންޑާރަ ނައިބް ވިދާޅުވިއެވެ.

ބަންޑާރަ ނައިބްވަނީ ގާނޫނު އަސާސީ އާއި ޚިލާފްވެފައިވަނީ ކޮން އުސޫލަކުންތޯ ސުވާލު ކުރައްވާފައެވެ. އަދި ސަބަބު ބަޔާން ކޮށްގެން މެނުވީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅޭނެ ކަމަށް ބަޔާން ކޮށްފައި ވާކަމަށް ވިދާޅުވަމުން ރިފްއަތު ވިދާޅުވީ ދެކުނުގެ އީއީޒެޑްގެ މައްސަލާގައި ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް ވަކާލާތު ކުރެއްވި ގޮތާމެދު މަޖިލީހުގެ ރައީސްއާއި މަޖިލިހުގެ 13 މެމްބަރަކު ހިތަށް ފެންނަ ގޮތަކީ ގާނޫނު އަސާސީގައި ބުނާ ސަބަބު ނޫންކަމަށެވެ.