ޚަބަރު

ކުއްލި ޙާލަތުގައި ބޭނުންކުރާ އިންޖީނުގޭގެ މަސައްކަތް ނިންމާލައިފި


މާލެ ސަރަހައްދުގެ ކަރަންޓު ފޯރުކޮށް ދިނުމުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ބޭނުންކުރާނެ އިމަރޖެންސީ އިންޖީނުގޭގެ މަސައްކަތް ނިންމާލައިފިއެވެ.

މިއިންޖީނުގެ ތައްޔާރުކޮށްފައިވަނީ ހުޅުމާލޭ ބައު އިންޖީނުގޭގައެވެ. ސްޓެލްކޯއިން ބުނީ މި އިންޖީނުގޭގެ ޕަވާ ޕްލާންޓަކީ 20.2 މެގަވޮޓްގެ ކެޕޭސިޓީގެ ޕަވަރޕްލާންޓެއް ކަމަށެވެ. އަދި މިއާއިއެކު ގްރޭޓާމާލޭގެ ޕަވަރ ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމައި ބޭނުން ކުރެވޭ ހާލަތަށް ގެނެވުނު މިއިންޖީނުގެ ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތުގައި ނޫސްވެރިންނާއި ވާހަކަ ދައްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ މި ޕަވާ ޕްލާންޓާއެކު، ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރެވި، އޯވާލޯޑްވެގެން ކަރަންޓު ނުކެނޑޭނެ ކަމުގައި ޔަގީންކަން ލިބިފައިވާކަމަށެވެ. އަދި މާލެ ސަރަހައްދުގެ ކަރަންޓު ދިނުމުގައި އިމަރޖެންސީ ހާލަތެއް ދިމާވެއްޖެނަމަ މިއިންޖީނުގެއިން ކަރަންޓް ފޯރުކޮށް ދެއްވާނެކަމަށް ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ބުނީ މިމަސައްކަތަކީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފްގެ ސީދާ ބެއްލެވުމުގެ ދަށުން އަދި އެ ކުންފުނީގެ އަތޮޅުތެރޭގައި އާއި ގްރޭޓާ މާލޭގެ އިންޖީނުގެތަކުގައި ތިބި އެންމެ ގާބިލް މުވައްޒަފުން ހިމަނައިގެން އެކުލަވާލި ޓީމަކުން ކޮށްފައިވާ ބުރަ އަދި އަވަސް މަސައްކަތެއް ކަމަށެވެ.

މިއީ ސްޓެލްކޯގެ ތާރީޚުގައިވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އިންޖީނުތަކެއް އެއްފަހަރާ ކަމިޝަންކޮށް ނިންމާލެވުނު ފަހަރު ކަމަށް އެކުންފުނިން ބުނެއެވެ.