ޚަބަރު

"ތިމާވެށި ހިމާޔަތް ކުރުމަށް ބައިނަލްއަޤުއާމީ ފެންވަރުގައިދަނީ އަޑު އުފުލަމުން، މިކަމުން އެހީތެރިކަން ލިބޭ"


މުޅި ދުނިޔެއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްސަލަތަކެވެ. އެކަމަށް އެންމެ ބާރަށް އަޑު އުފުލާ އެންމެ ކުޑަ ގައުމަކީ މި ކުޑަކުޑަ ދިވެހި ރާއްޖެއެވެ. އެއީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާނެ އެއްގައުމަކަށް މިގައުމުވުމުންނެވެ.

އަޅުގަނޑުމެންގެ މި ޖަޒީރާ ކުދި ރަށްތައް މި ދަނީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ތަހައްމަލުކުރަމުންނެވެ. މި ފަސްގަނޑުގައި ދިވެހިން ނޫޅޭ ދުވެހެއް އަންނާކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. ނަމަވެސް މޫސުމީ ބަދަލުތަކުގެ ކަންކަން މި ފެންނަނީ އިންތިހާއަށް ބޮޑުވަމުންދާތަނެވެ. އެ އަސަރުތަކާއެކު އުޅުން މިއަދު މި ވަނީ ދިރިއުޅުމުގެ ބަޔަކަށްވެސްވެފައެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ކުރިމަތިވާ އެއް މައްސަލައަކީ ރަށް ގިރުމެވެ. މި ކަމަށް ސަރުކާރުން އެތައް ހޭދައެއް ކުރަމުންއަންނައިރު، މޫސުމީ ބަދަލުތަކާއެކު މިކަންކަން އިތުރު ވަމުން އަންނާނެކަމަށް ތިމާވެށީގެ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބުން މޫސުން ކުރިއަށް ލަފާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ކުއްލި ކުއްލިއަށް މޫސުން ގޯސްވެ، ރަށްރަށަށް އުދައަރައި، ބޯކޮށް ވާރޭވެހި ރަށްރަށުގައި ފެންބޮޑުވެ މީހުންގެ މުދަލާއި ތައްކެއްޗަށް ގެއްލުން ލިބޭ އަޑުތަކަކީ މިއަދު އާންމުވަމުން އަންނަ ޚަބަރުތަކެވެ. ރަށް ގިރުމުގެ މައްސަލަތަކަށް އަވަސް ހައްލު ނުހޯދިއްޖެނަމަ ރަށުން ބޮޑު ބައެއް ގެއްލުމުގެ ބިރު ބޮޑުކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާވެސްވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުގެ ވަށައިގެން މިވާ މުރަކައިގެ ފަރުތަކުގެ ދިރުން މިދަނީ ނެތެމުން މިތަންތަން ހިމާޔަތްކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަންއެބަޖެހޭ މޫސުމީ ބަދަލުތަކުގެ ސަބަބުން އަރައިގަތުމަށް ކުރެވޭ އެންމެ މުހިންމު އެއްކަމަކީ ބައިނަލް އަޤުއާމީ ފެންވަރުގައި ބޭއްވޭ މިފަދަ ބައްދަލުވުންތަކުގައި އަޑު އުފުލުން، މި ސަބަބާހުރެ އެތައް ގޮތަކުން މި ގައުމަށް ތިމާވެށި ހިމާޔަތް ކުރުމަށް އެޙީތެރިކަން ލިބެމުންދަނީ" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ތިމާވެށީގެ އެކި ކަންކަމަށް ހައްލު ހޯއްދެއްވުމަށް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރުން އިތުރު ކުރުމަކީވެސް ކުރެވޭ މުހިންމު މަސައްކަތެކެވެ. 2018 ގެ ނިޔަލަށް އިޔާދަ ކުރުވަނިވި ހަކަތައިން އުފައްދަމުން އައިސްފައިވަނީ 16 މެގަ ވޮޓްގެ ކަރަންޓެވެ. މި ފާއިތުވި ހަތަރު އަހަރު މި އަދަދު މިގެ ތިންގުނަ އަށް ވަނީ އުފުލިފައެވެ. އެގޮތުން 36.5 މެގަވޮޓްގެ ކަރަންޓް އިޔާދަ ކުރުވަނިވި ހަކަތައިން އުފެއްދެއެވެ. އަދި ޕްރައިވެޓް ސެކްޓަރ ތަކާއެކު 53 މެގަވޮޓްގެ ކަރަންޓް އުފެއްދެއެވެ. މިއީ ތިމާވެށީގެ ކަންކަން ހައްލުކުރުމަށް ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކުނީގެ މައްސަލައަކީވެސް ތިމާވެށީގެ ރޮނގުން ރާއްޖެއަށް ދިމާވެފައި އޮތް ބޮޑު މައްސަލައެވެ. މިކަން ހައްލު ކުރެއްވުމަށް ވޭތުވެދިޔަ ހަތަރު އަހަރު ސަރުކާރުން ގިނަ މަސައްކަތްތައް ވަނީ ކުރައްވާފައެވެ. އޭގެތެރޭގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ޤާއިމްކޮށް ކުނި ވަކިކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތުގެ ތެރެއިން 12 ބާވަތެއް އެތެރެކުރުން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް މުޅި ރާއްޖެއަށް ދިމާވެފައި އޮތް މި މައްސަލައަށް އެންމެ އެދެވޭ ހައްލެއް ނުގެނެވޭކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

"ކުނީގެ މައްސަލަ އަކީ މިހާތަނަށް ހައްލު ކުރަން އެންމެ ބޮޑު ހޭދައެއްކޮށް ހައްލު ކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވާ އެއް މައްސަލަ. އެހެންނަމަވެސް އާންމުން ހޭލުންތެރިކޮށް ކުންޏާބެހޭ ޤަވާއިދުތައް އިސްލާޙުކޮށް ރާއްޖޭގެ ތިން ސަރަހައްދުގައި ކުނި ނައްތާލާ މަރުކަޒުތައް ޤާއިމްކޮށް އެކަމަށް އެދެވޭ ހައްލެއް ގެނެވޭތޯ މިދަނީ މަސައްކަތް ކުރައްވަމުން". އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާ ވިދާޅުވިއެެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކޮންމެ އަތޮޅެއްގައި ތިމާވެށީގެ ގޮތުން މުހިންމު ސަރަހައްދުތައް ދެނެގަނެ އެތަންތަން ހިމާޔަތް ކުރުމަކީވެސް ސަރުކާރުން ތިމާވެށި ހިމާޔަތް ކުރުމަށް ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތެެކެވެ. އެގޮތުން މިހާތަނަށް އައިއިރު، ރާއްޖޭގެ 9 އަތޮޅެއްގައި އެސަރަހައްދުތައް ކަނޑައަޅައި ޤާނޫނަކުން ބާރު ލިބޭގޮތަށް ވަނީ ހިމާޔަތްކުރައްވާފައެވެ.

"އެއްވެސް ސަރުކާރަކުން ނުކުރާވަރަށް މި މަސައްކަތްވެސް ކުރެވިއްޖެ، ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ސަރަހަދުތަކުގެ ޖުމްލައަކީ 79 ސަރަހަދު. އޭގެތެރެއިން ދެބައިކުޅަ އެއްބައި ހިމާޔަތްކޮށްފައިވަނި މިސަރުކާރުން. އަދި އިތުރު ސަރަހައްދުތައްވެސް އެބަހުރި ހިމާޔަތް ކުރަންޖެހޭ ތިމާވެށި ހިމާޔަތް ކުރުމަށް ކުރަންޖެހޭ މިފަދަ ކަންކަން ކުރާނެ" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ހުރިހާ އެންމެންވެސް ކުރިމަތިލާން ޖެހޭހިސާބަށް ކަންކަން އައިސްފައިވާއިރު، ތިމާ އުފައްދާ ކުނިވެސް ވީހާ މަދުން އުފެއްދުމަކީވެސް މުހިންމު ކަމެކެވެ. ކަރަންޓް ވީހާވެސް މަދުން ބޭނުން ކުރުމާ ޕްލާސްޓިކުން ވެށްޓަށް ގެއްލުން ލިބޭ އަމަލުތަކުން ދުރު ނުވެއްޖެނަމަ މޫސުމީ ބަދަލު ތަކުން ކުރާ އަސަރު ކުޑަކުރުމަށް އެޅޭ ހުރަހަކަށް ވެދާނެއެވެ. އަދި މިކަންކަމަށް މިހާރު ފަރުވާ ކުޑަކޮށްފިނަމަ ފަހުން މިކަންކަމުން ކުރިމަތިވާ ގެއްލުމުގެ އަސަރުވެސް ބޮޑުވެދާނެއެވެ.