ޚަބަރު

މަދު ވަޞީލަތްތަކާއެކުވެސް ބ. ބަޔޮސްފިޔަރ ރިޒާވް ބެލެހެއްޓުމަށް ކުރާ މަސައްކަތަށް މިނިސްޓަރުގެ ތަޢުރީފު


މަދު މުވައްޒަފުންނާއެކު އިދާރީ މަސައްކަތް ކުރާނެ އެކަށީގެންވާ އޮފީހެއް ނެތި، ޚިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމުގައި ބ. އަތޮޅު ބަޔޮސްފިޔަރ ރިޒާވް އޮފީހުން ނަމޫނާ ދައްކަމުން އަންނަކަމަށް މިނިސްޓަރ އޮފް އެންވަޔަރުމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އެ އޮފީހުން ކުރަމުންދާ މަސައްކަތަތްތަކާ، ޚިމާޔަތްކޮށް ބަލަހައްޓަމުންދާ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ ޙާލަތު ބައްލަވާލެއްވުމަށްފަހު ޕީ.އެސް.އެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ބ. އަތޮޅުގެ މާހައުލުތަކުގެ ރީތިކަމުންނާއި، މުއްސަނދި ތާރީޚާއި ތަރިކައަށް ރިޢާޔަތްކޮށް 2011 ވަނަ އަހަރު ޔުނެސްކޯއިން ބ. އަތޮޅަކީ ބަޔޮސްފިޔަރ ރިޒާވްއެއްކަމުގައި ވަނީ ކަނޑައަޅާފައެވެ. މިއީ ރާއްޖޭގެ ފުރަތަމަ ބަޔޮސްފިޔަރ ރިޒާވްއެވެ. އަދި މުޅި ދުނިޔޭގެ ފުރަތަމަ ފަހަރަށް ބަޔޮސްފިޔަރ ރިޒާވްއެއްގެ ލަޤަބު މި އަތޮޅަށް ލިބުނެވެ.

ދުނިޔެއިން ނެތި ގޮސްދާނެ ކަމުގެ ބިރު ހީވެފައިވާ ބައެއް ކަނޑުގެ ދިރުންތައް މި އަތޮޅުން ފެނުމަކީ މި މާހައުލުތައް ޚިމާޔަތްކުރުމަށް ބޭނުންވި އެއް ސަބަބެވެ. ވަކިން ޚާއްސަކޮށް ޚިމާޔަތްކޮށް ބަލަހައްޓަމުންދާ އެންމެ މުހިންމު އެއް ސަރަޙައްދަކީ ދުނިޔޭގައިވެސް އެންމެ ގިނައިން އެއް ސަރަޙައްދަކުން އެންމަޑި އަރާ ހަނިފަރު އޮންނަ ފަރެވެ. މިއީ އަޖައިބު ކުރުވަނިވި މަންޒިލެކެވެ. ކޮންމެ ހުޅަނގެއްގައި އެންމަޑިއާ ފެހުރެހި ފެންނަ މި ސަރަޙައްދު ފަތުރުވެރިކަމުގެ ލޯސީޒަންގައި ފަތުރުވެރިން އަރާ ފުރާލައެވެ. މިއީ އަތޮޅުގެ ފަތުރުވެރިކަމަށްވެސް ލިބޭ ބޮޑު ކުރިއެރުމެކެވެ.

ކަނޑައެޅިފައި އޮންނަ އުޞޫލުތަކާ އެއްގޮތަށް، މި ތަންތަން ބަލަހައްޓަނީ ބ. އަތޮޅު ބަޔޮސް ފިޔަރ ރިޒާވްގެ މުވައްޒަފުންނެވެ. މިތަންތަނުގެ ހަލާތު ސީދާ އެސަރަޙައްދަށް ވަޑައިގެން ބައްލަވާލެއްވުމަށްފަހު މިނިސްޓަރ ޝައުނާ ވިދާޅުވީ، ޚިމާޔަތްކޮށް ބަލަހައްޓާ ތަންތަން ބެލެހެއްޓުމުގައި ޝަކުވާއެއް ނެތި އެކަން ކުރަމުން އަންނަނީ މަދު މުވައްޒަފުން ކަމަށާ، އެކަމަށް ޝުކުރު ޙައްޤުކަމަށެވެ. އަދި އެތަންތަން ނުބެލެހެއްޓިގެން މާބޮޑު ޝަކުވާއެއް ކައުންސިލްތަކާ ރިސޯޓްތަކުން ނާންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މަދު ވަޞީލަތްތަކާއެކުވެސް ތިމާވެށީގެ ހިތްގައިމުކަން ލިބިފައިވާ މިތަންތަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމަކީ އެ އޮފީހުގެ މުވައްޒަފުން ކުރަމުންދާ މުހިންމު އަދި އެހާމެ ބުރަ މަސަައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ވަޞީލަތް އިތުރުކޮށް ޚިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުން ފުޅާ ކުރުމަށް ކުރަންޖެހޭކަންކަން އެބަހުރިކަމަށާ، އެކަންކަން ދެނެގަނެ ޙައްލު ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

"އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ މިތަންތަން ބެލެހެއްޓުމަށް މިކުރާ ހޭދަ އިތުރުކޮށް އިންސާނީ ވަސީލަތް އިތުރު ކުރަންޖެހޭ، އާންމުގެ މެދުގައި މިކަމާ ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމަކީވެސް މިހާރަށްވުރެ ފުޅާކޮށް ކުރަންޖެހޭ ކަންކަން. މިހާރު ހަދާފައި އޮތް ނިޒާމް ރަގަޅު ރައްޔިތުން އެކަން ބަލައިވެސް ގަނޭ ރައްޔިތުންގެ އިތުބާރުވެސް ލިބިފައި އޮތީ. މީގެ 10 އަހަރު ކުރިން އޮތް ގޮތާ މިހާރު އެސަރަހައްދު އޮތްގޮތައް ބަދަލުތަކެއް މިވަނީ ގެނެވިފައި، މިކަންކަން މިހާރަށް ވުރެ ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެވިއްޖެ، އެކަންކަން ހައްލު ކުރެއްވުމަށް މަސައްކަތްކުރައްވާނަން" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ބަޔޮސްފިޔަރ ރިޒާވްގެ ދަށުން ޚިމާޔަތްކޮށް ބަލަހައްޓާ ތަންތަނަކީ ކޮންމެވެސް ކުއްޔެއް ދައްކައިގެން ބޭނުން ކުރެވޭނެ ތަންތަނެވެ. ކުލީގެ ގޮތުގައި ލިބޭ ފައިސާ ޖަމާވާނީ ބ. ބަޔޮސްފިޔަރ ރިޒާވް ކޮންޒަވޭޝަން ފަންޑް ކިޔާ ފަންޑަކަށެވެ. މި ފަންޑު ބޭނުންކޮށްގެން ކައުންސިލްތަކަށް މާލީ މަންފާ ކުރާނެގޮތައް އަތޮޅުގެ ކޮންމެ ރަށެއްގައިވެސް ދެ ރޫމްގެ އެޕާޓްމަންޓް އެއްހަދައި ވަނީ ކުއްޔަށް ދޭންފަށާފައެވެ. މިކަމުގެ ސީދާ ފައިދާ ކައުންސިލްތަކަށް އަންނީ ލިބެމުންނެވެ. މީ ޔުނެސްކޯއިން އިތުރު 10 އަހަރަށް ބަޔޮސް ފިއަރ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅައި އިތުކޮށްދިންއިރު ރަގަޅު ކުރުމަށް ޝަރުތުކޮށްފައިވާކަމެކެވެ.

ޚިމާޔަތްކޮށް ބަލަހައްޓަމުންދާ ތަންތަން ވިއްކައިގެން އަހަރެއްގެ މައްޗައް އެތައް މިލިއަން ރުފިޔާއެއް ނެރެއެވެ. އެހެންނަމަވެސް އެކަށީގެންވާ ވަޞީލަތްތައް ނެތުމަކީ އެ އޮފީހުން ކުރާ އެންމެ ބޮޑު އެއް ޝަކުވާއެވެ. އެތަންތަން ބެލެހެއްޓުމަށް ހުރި ގޮންޖެހުންތައް މިނިސްޓަރ އާ ހިއްސާކޮށް އެކަންކަން ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވާފައިވާކަމަށް ބަޔޮސްފިޔަރ ރިޒާވެގެ އައުޓްރީޗް އޮފިސަރ ޝާފީ ޢަލީ ވިދާޅުވިއެވެ.

"އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ އިމާރާތުގެ ދަތިކަން. ކުޑަކުޑަ އޮފީހެއްގައި މި މަސައްކަތް ކުރަނީ އެތައް ބައިވަރު އެއްޗެހި ގެންގުޅެންޖެހޭ. އެ ހުރިހާ އެއްޗެއް މި ބޭނުން ކުރަނީ އޮފީހުގައި. ކުރިން ގަނެފައި ރައްކާކުރާނެ ތަނެއް ނެތުމުން މަސައްކަތްތަކަށް ލަސްކަމެއް އާދޭ. މިބަލަނީ ދެން މިކަމަށް ލަސްނުވެ ހައްލު ލިބޭނެކަމަށް އަދި މުވައްޒަފުން މަދުވުމަކީވެސް އޮތް ވަރަށް ބޮޑުދަތިކަމެއް" ޝާފީ ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ޝައުނާ ބ. އަތޮޅަށް ކުރެއްވި މި ދަތުރު ފުޅުގައި ޚިމާޔަތްކޮށް ބަލަހައްޓަމުންދާ 3 ސަރަހައްދެއްކަމަށްވާ ހަނިފަރު ސަރަޙައްދާ ޕިކްނިކް އައިލެންޑްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ މެންދޫ އާ ހޯރައަރާ އޮޅަގިރިއަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި މިރަށްތަކަށް ދިމާވާ ތިމާވެށިގެ މައްސަލަތައް ބައްލަވާ، އެކަންކަން ޙައްލު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ވަނީ ހޯއްދަވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ގުދުރަތީ މުއްސަނދިކަމުން ފުރިފައިވާ ބ. އަތޮޅުގެ އިތުރު ސަރަޙައްދުތައްވެސް ޚިމާޔަތް ކުރަން ވިސްނަވަމުން ގެންދަވާކަމަށެވެ. މިއީ ހަމަގައިމުވެސް އެ އަތޮޅުގެ ފަތުރުވެރިކަމަށް ލިބޭނެ ކުރިއެރުމެއްކަމަށް އަތޮޅުގެ ރައްޔިތުން ޤަބޫލުކުރެއެވެ.