ވިޔަފާރި

އަލުން ބަލުން މާކެޓް: ބޭނުންކޮށްފައި ހުރި ތަކެތި ވިއްކައިގެން 20،000 ރުފިޔާގެ އާމްދަނީއެއް


އަލުން ބަލުން ރީސޭލް މާކެޓަކީ ސޮނެވާ ނަމޫނާއާއި ބ. އަތޮޅުގެ 7 ރަށެއްގެ ބައިވެރިވުމާއެކު އޮކްޓޫބަރު 2022 ގައި ފެށުނު މާކެޓެކެވެ. ނަމަވެސް މިހާރު މި ހަރަކާތް ވަނީ ފުޅާވެފައެވެ. އެގޮތުން ނިމުނު ހަފްތާ ބަންދުގައި މި ހަރަކާތް ބާއްވާފައިވަނީ ނ. އަތޮޅުގެ 6 ރަށެއްގައެވެ. 

ސޮނެވާ ނަމޫނާ އާއި ނ. އަތޮޅުގެ 6 ރަށެއްގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ގުޅިގެން އަލުން ބަލުން ރީސޭލް މާކެޓް ހުކުރު ދުވަހު ވަނީ ބާއްވާފައެވެ. ނ. އަތޮޅުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ރަށްތަކަކީ މަގޫދޫ، ޅޮހި، ކުޑަފަރި، މާފަރު ލަންދޫ އަދި ހޮޅުދޫއެވެ. 

މި މާކެޓްގެ މައިގަނޑު އަމާޒަކީ ރަށްރަށުގައި ތަކެތި އަލުން ބޭނުންކުރާ މިންވަރު އިތުރުކުރުމާއި، ރީޔުސް ކުރުން ނުވަތަ އަލުން ބޭނުންކުރުމުގެ ޘަޤާފަތެއް ޤާއިމުކުރުމާއެކު، ތިމާވެށި ރައްކާކުރުމުގައި މުހިންމު ރޯލެއް ކުޅޭ ބައެއްގެ ގޮތުގައި އަންހެނުން ބާރުވެރިކުރުމެވެ.

މި މަސައްކަތުގެ ދަށުން، އުކާލަން ހަމަޖެހިފައިވާ ތަކެތީގެ ތެރެއިން އަލުން ބޭނުންކުރެވޭ ޒާތުގެ މުދާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ހޯދައި، އެތަކެތި ސާފުކުރަން ޖެހިއްޖެނަމަ ސާފުކޮށް މަރާމާތުކޮށް، މި ޕްރޮގްރާމްގައި ބައިވެރިވާ އަވަށްޓެރި ރަށްރަށަށް ވިއްކަން ފޮނުވައެވެ.

އެއް ރަށެއްގައި އެއްކުރެވޭ ތަކެތި އެހެން ރަށަކަށް ވިއްކުމަށް ފޮނުވުމުން ކުދި ކުދި ރަށްތަކުގައި ކުރިން ބޭނުންކުރެވިފައިވާ ތަކެތި ވިއްކުމަށް ހުންނަ ގޮންޖެހުންތަކުން އަރައިގަނެވޭނެއެވެ. އަލުން ބަލުން މާކެޓްއިން މިހާތަނަށް ވަނީ 20,000 ރުފިޔާ ސާފު ފައިދާ ގޮތުގައި ހޯދާ، 500 އައިޓަމް އަލުން ބޭނުންކޮށް ކުނީގެ ގޮތުގައި އުކާލުމުން ސަލާމަތް ކޮށްފައިކަމަށް ސޮނެވާ ނަމޫނާއިން މައުލޫމާތުދެއެވެ.

މި މާކެޓްގައި ބައިވެރިވާ ރަށްތަކަށް އެތަކެއް ފައިދާތައް ލިބިގެންދާނެކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ. އެގޮތުން، އަލުން ތަކެތި ބޭނުންކުރުމުގެ ސަބަބުން ރަށްރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކަށް އުކާލަން ނުވަތަ އަންދާލަން ގެންދާ ކުނީގެ އަދަދު މަދު ވެގެންދާނެއެވެ. 

މީގެ އިތުރުން، މި ޕްރޮގްރާމްގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ބޭނުންވާ އެކި ލީޑަޝިޕް ހުނަރުތައް ލިބި ބާރުވެރިވާނެއެވެ. އަދި ރަށްތަކުގެ ތެރޭގައި ތަކެތި އަލުން ބޭނުންކުރުމާއި ބޭނުންކުރާ މިންވަރު މަދު ކުރުމާމެދު ހޭލުންތެރިކަން އިތުރުވާނެކަމަށްވެސް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.