ޚަބަރު

އައްޑޫގައި ޓޫރިޒަމް ޒޯންތައް ތަރައްޤީކުރުމުގެ މަޝްރޫޢު ފަށައިފި


އައްޑޫ ސިޓީގެ ފަސް ސަރަހައްދެއްގައި ޓޫރިޒަމް ތަރައްޤީކުރުމުގެ މަޝްރޫޢު ފަށްޓަވައިފިއެވެ. އައްޑޫގެ ފަސް ސަރަހައްދެއް ޓޫރިޒަމް ޒޯންގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢުގެ ދަށުން ހިތަދޫއާއި ފޭދޫގެ ޓޫރިޒަމް ޒޯންގެ މަޝްރޫޢު ފަށްޓަވައިދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝަހިދާއި، އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއަރޒް ވީ.މުރަވީދަރަންއާއި، އައްޑޫ ސިޓީގެ މޭޔަރު، ޢަލީ ނިޒާރެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްޤީކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. އެ ޢަމާޒަށް ވާސިލްވުމަށް ސަރުކާރުން އަންނަނީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތްކުރައްވަމުންނެވެ. ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީގައި މިހާތަނަށް ފަތުރުވެރިކަން ފުޅާ ނުވެ އޮތުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ރައްޔިތުންގެ އެ ކަންބޮޑުވުމަށް ޙައްލެއް ގެނެސްދެއްވުމުގެ ގޮތުން ސަރުކާރުން ވަނީ އައްޑޫގެ ފަސް ސަރަަހައްދެއް ޓޫރިޒަމް ޒޯންގެ ގޮތުގައި ތަރައްޤީކުރުމަށް ކަނޑައަޅުއްވާފައެވެ. އެއީ ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫގެ އިތުރުން މީދޫއެވެ. އެ ރަށްތަކުގައި ކަނޑައަޅާފައިވާ ޓޫރިޒަމް ތަރައްޤީކުރާ ސަރަހައްދުތައް ސާފުކޮށް މިހާރު ވަނީ ގެސްޓް ހައުސް އާއި ޓޫރިޒަމްގެ އެހެނިހެން ވަސީލަތްތައް ތަރައްޤީކުރަން ފަށާަފައެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތައް ތަރައްޤީކުރުމުގެ މަޝްރޫޢުއާއި ގުޅޭގޮތުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުޢާޢު ވިދާޅުވީ، އައްޑޫ ޓޫރިޒަމް ޒޯންތަރައް ތަރައްޤީކުރުމުގެ މަޤްޞަދަކީ އިންވެސްޓަރުން ޝަޢުގުވެރިކުރުމަށް ޚާއްޞަ ސަރަހައްދުތަކެއް ކަނޑައަޅައި ތަރައްޤީކުރުންކަމަށެވެ. އެގޮތުން ޓޫރިޒަމް ޒޯންގެ ގޮތުގައި ތަރައްޤީކުރަ ހުރިހާ ބިމެއްގެ ޕްލޮޓްތައް މިހާރު އެވޯޑްކޮށްފައިވާކަން ޑެޕިއުޓީ މޭޔަރު ފަހަގަކުރެއްވިއެވެ.

"ގެސްޓްހައުސް ޕްލޮޓްތަކާއެކު ހުރިހާ ސާރވިސްއެއް މިތަނުން ލބިގެންދާނެ. ގެސްޓް ރެސްޓޯރަންޓާއި، ސްޕާއާއި އަދި އެހެނިހެންވެސް ބޭނުންވާ ޚިދުމަތްތަކެއް މިސަރަހައްދުގެ ކޮންމެ ޒޯނަކުން ލިބިގެންދާނެ." އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުޢާޢު ވިދާޅުވިއެވެ.

ޝުޢާޢު ވިދާޅުވީ އައްޑޫ ސިޓީގެ ޓޫރިޒަމް ކުރިނާރާ އޮތުމުގެ ކަންބޮޑުވުމަށް މިހާތަނަށް އެއްވެސް ސަރުކާރަކަށް ހައްލު ގެނެސްދެވިފައި ނުވާކަމަށެވެ. ކުރީ ސަރުކާރުތަކުން އެކަމަށް އެއްބާރުލުން ނުލިބުނުނަމަވެސް، މިސަރުކާރުން އެކަމަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާކަން ޝުޢާޢު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ޓޫރިޒަމް ޒޯންތައް ތަރައްޤީކުރުމަށް އިންވެސްޓަރުން ގެނައުމަށް ސަރުކާރުން އެހީވަމުން އަންނަކަމަށާއި، އައްޑޫ ގަން އެއަރޕޯޓް ތަރައްޤީ މަޝްރޫޢުއަކީ އިންވެސްޓަރުންނަށް ލިބޭ ބޮޑު އުންމީދެއްކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.

"އެއަރޕޯޓާއެކު ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމީ މުސްތަޤްބަލުގައި ލިބޭ ހިތްވަރަކަށް ވެގެންދާނެ. ސިޓީ ހޮޓާ ސްޓައިލަށްވެސް ބައެއް ބިންތައް ހުންނާނެ. ބެޑް ތަރައްޤީކުރުމުގެ މިނިމަމް ޢަދަދު ކޮންމެ ޒޯނަކަށް ޢަދަދެއް ކަނޑައަޅަފައި ހުންނަނެ." އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުޢާޢު ވިދާޅުވިއެވެ.

ޝުޢާޢު ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ތަރައްޤީވަނީ ތަރައްޤީގެ މަޝްރޫޢުތައް އެއްފަހަރާ ކުރިއަށް ގެންގޮސްގެންކަމަށެވެ.

"މިހާރު ތަރައްޤީގެ ހުރިހާކަމެއް އެއްފަހަރާ މި ކުރިއަށްދަނީ. ރޯޑް ޑިވެލޮޕަމްނޓް އެ ކުރިއަށްދަނީ. ކޮންމެ ގޮތެއްވިޔަސް ގެސްޓުންނަށް އައްޑޫ ވިއްކަން ބަލާއިރު މިތާގެ ޗާލުކަން ގެނެވިގެން. އައްޑޫ މަގު ހެދުމާ ޓުރިޒމް ގެނައުމާ ހަންކެނޑެ ޕްރޮޖެކްޓުފަދަ ކަންކަމަކީ މުހިންމު ކަންކަން. ރައްޔިތުން އެދޭ އުއްމީދު މި ހާސިލްވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި." އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުޢާޢު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ޓޫރިޒަމް ޒޯންތައް ތަރައްޤީކުރުމަށް އެތަނުގައި ޒޯންތަކުގެ ކުރެހުންތައް މިހާރު ވަނީ ފާސްކޮށްފައެވެ. އަދި ބައެއް ބިންތަކުގައި މިހާރު ގެސްޓްހައުސް އެޅުމުގެ މަސައްކަތްވެސް ފެށިގެން ކުރިއަށް ދެއެވެ. އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު ވިދާޅުވީ، ޓޫރިޒަމް ޒޯންތަކުން ޕްލޮޓް ލިބިފައިވާ މީހުންނާއި، ކައުންސިލާއި، ސަރުކާރުން ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި އުއްމީދަކީ އަންނަ އަހަރުގެ ތެރޭގައި އެތަންތަނުން ޚިދުމަތް ލިބިގެން ދިއުންކަަމަށްވެސް ޝުޢާޢު ވިދާޅުވިއެވެ.