ޚަބަރު

ރޯވި ބޯޓުން ދަތުރުކުރި 10 މީހުން ބ. ކަމަދޫއަށް ގެންގޮސްފި


މާލެއިން ފުރައިގެން ރ. ރަސްގެތީމަށް ދަރުކުރަމުންދަނިކޮށް ރޯވި "ހޮރައިޒިއާ 2" ބޯޓުން ދަތުރުކުރި ހުރިހާ މީހުން ރައްކާތެރިކަމާއެކު ބ. ކަމަދޫއަށް ގެންގޮސްފިއެވެ.

އެމް.އެން.ޑީ.އެފްއިން ވިދާޅުވީ، މި ބޯޓުގައި އަލިފާން ރޯވެފައި ވަނީ ބ. އަތޮޅު ފޯ ސީޒަން ރިސޯޓް (ލަނޑާ ގިރާވަރު) އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުންކަމަށެވެ. މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 19:16 ހާއިރުކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

މި ބޯޓުން ދަތުރުކުރި 10 މީހުން މިހާރު ފޯ ސީޒަން ރިސޯޓްގެ ލޯންޗަކަށް ނަގާފައިވާކަމަށާއި، މިރޭ 20:25 ހާއިރު އެ އެންމެން ބ. ކަމަދޫއަށް ގެންގޮސްފައިވާކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ. އަދި އެ އެންމެންގެ ޙާލުވެސް ރަނގަޅުކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

މި ޙާދިސާގައި ރޯވި ބޯޓު ވަނީ އަޑިއަށްގޮސްފައެވެ. ބޯޓުގައި ހުރި މުދާތައް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުންވެސް ވަނީ ދަންނަވާފައެވެ.

މިހާދިސާގައި އެމް.އެެން.ޑީ.އެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އެދިލެއްވުމަކަށް ފޯ ސީޒަން ރިސޯޓުން ދެއްވި އަވަސް އެހީތެރިކަން އެމް.އެން.ޑީ.އެފްއިން ވަނީ ފާހަގަކުރައްވާފައެވެ.