ސިޔާސީ

ޙުކުމް ތަންފީޒުކުރާ މީހުން ކައިވެނިކުރުމާބެހޭ ޤަވާއިދެއް އެކުލަވާލައިފި


ޙުކުމް ތަންފީޒުކުރާ މީހުން ކައިވެނިކުރުމާބެހޭ ގަވާއިދެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެކުލަވާލާ އާއްމުކޮށްފިއެވެ.

މި ގަވާއިދުގެ މަޤްޞަދަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދުކޮށްފައިވާ މީހުން ކައިވެނިކުރުމުގެ ފުރުޞަތު ދިނުމަށްޓަކާ ކައިވެރނިކުރުމުގެ އިންތިޒާމްތައް ހަމަޖައްސާނެ އުޞޫލުތައް ބަޔާންކުރުންކަމަށް ކަރެކްޝަންއިން ވިދާޅުވެއެވެ.

މި ޤަވާއިދުގެ ދަށުން ކައިވެނިކުރުމުގެ ފުރުޞަތު ދެވޭނީ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގައި ބަންދުކޮށްފައިވާތާ 6 މަސްދުވަސް ވެފައިވާ ޤައިދީންނަށާއި ބަންދުކޮށްފައިވާ މީހުންނަށެވެ. ގޭގައި ބަންދުކޮށްފައި ހުންނަ ޤައިދީއަލަށް އޭނާގެ މައްޗަށް ޙުކުމެއް ކަނޑައެޅި ތާރީޚުން ފެށިގެން މި ޤަވާއިދުގެ ދަށުން ކައިވެނިކުރުމުގެ ފުރުޞަތު ދެވޭނެއެވެ.

ކައިވެނިކުރަނީ ޖަލުގައި ބަންދުކޮށްފައިވާ ދެ މީހުންކަމުގައިވާނަމަ، މި ޤަވާއިދުގެ ދަށުން އެ ދެ މީހުންނަށް ކައިވެނިކުރުމުގެ ފުރުޞަތު ދެވޭނީ، އޭގެ ތެރެއިން އެކަކު ޖަލުން މިނިވަންވުމުންނެވެ. ޙުކުމް ތަންފީޒުކުރާ މީހުން ކައިވެނިކުރުމާ ބެހޭ ޤަވާއިދުގައި ކައިވެންޏަށް އެދި ހުށަހެޅުމާއި، ކައިވެނިކުރުމުގެ އިންތިޒާމް ހަމަޖެއްސުން އަދި ކައިވެނިކޮށްދެވޭ ތަންތަން ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ޤައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާއާ ކައިވެނިކުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދި ހުށަހަޅަންޖެހޭނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ސިޓީއަކުންނެވެ. އަދި ކައިވެނިކުރާ އަންހެނާ މި ސިޓީ ހުށަހަޅާނަމަ، ސިޓީއާއެކު ވަލީވެރިޔާގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުން ހުށަހަޅަންޖެހޭނެއެވެ. އަދި ކައިވެނިކުރާ ފިރިހެނާ ސިޓީ ހުށަހަޅާނަމަ ވަލީވެރިޔާގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުން ކަރެކްޝަންސްއަށް ހުށަހެޅުމުގެ ޒިންމާ އުފުލަންޖެހޭނީ ކައިވެނިކުރާ އަންހެނާއެވެ.

ކައިވެނިކުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުން އެދި ޤައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާ ހުށަހެޅުމުން 7 ދުވަހުގެ ތެރޭގައި އެ ޤައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާ ކައިވެނިކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދޭންވާނެކަމަށް މި ޤަވާއިދުގައި ބުނެފައިވެއެވެ. އަދި ޤައިދީއަކު ނުވަތަ ބަންދުކޮށްފައިވާ މީހަކު ކައިވެނިކުރުމަށް ހިނގާ ޚަރަދު ހަމަޖައްސަން ޖެހޭނީ އެ ޤައިދީއަކު ނުވަތަ ބަންދުކޮށްފައިވާ މީހަކު އަމިއްލައަށެވެ.

މި ޤަވާއިދުގެ ދަށުން ކައިވެނިކުރުމުގެ އިންތިޒާމް ހަމަޖެއްސުުގެ ހުއްދަ ދޭނީ ކޮމިޝަނަރ އޮފް ޕްރިޒަންސް ނުވަތަ ކޮމިޝަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ފަރާތަކުންނެވެ.

ކައިވެނިކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ހުއްދަ ދިނުމުން، ކައިވެނިކުރުމަށް ހަމަޖައްސާފައިވާ ދެ މީހުންގެ ކައިވެނިކުރެވޭނީ ފެމެލީ ކޯޓު ނުވަތަ އެ ޤައިދީއަކު ނުވަތަ ބަންދުކޮށްފައިވާ މިހާ ހުރި ޖަލެއް ޤާއިމުކޮށްފައިވާ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ. އަދި ގޭގައި ބަންދުކޮށްފައި ހުންނަ ޤައިދީއަކު ކައިވެނިކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ހުއްދަ ދިނުމުން، ކައިވެނިކުރުމަށް ހަމަޖައްސާފައިވާ ދެ މީހުންގެ ކައިވެނި ކުރެވޭނީ ފެމެލީ ކޯޓުގައި ނުވަތަ އެ މީހަކު ގޭގައި ބަންދުކޮށްފައިވާ ރަށުގެ މެޖިސްޓްރޭޓް ކޯޓުގައިކަމަށްވެސް މި ޤަވާއިދުގައި ބުނެފައިވެއެވެ.