ޚަބަރު

އެމްއާރުއެމް އުވާލައްވަން ނިންމެވި ނިންމެވުމަށް ޢަމަލުކުރެއްވުން މަޑުޖައްސާލައްވަން ޢަމުރުކުރައްވައިފި


ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ރީފޯމް މޫވްމަންޓް، އެމްއާރުއެމް އުވާލައްވަން އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުމަށް ޢަމަލުކުރެއްވުން މަޑުޖައްސާލެއްވުމަށް ސިވިލް ކޯޓުން ވަގުތީ ޢަމުރެއް ނެރުއްވައިފިއެވެ.

އެމްއާރުއެމް އުވާލައްވަން އިލެކްޝަންސް ކޮމިޝަނުން ނިންމެވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދެއްވުމަށްފަހު މިމަހުގެ 24 ވަނަ ދުވަހުއެވެ.

މިމައްސަލާގައި އެމްއާރުއެމްއިން ވަނީ އިލެކްޝަންސްގެ ނިންމުން ބާތިލުކޮށްދިނުން އެދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޯޓުގައި ދަންނަވައިފައެވެ. އެމްއާރުއެމްއިން ކޯޓުގައި މިގޮތަށް ދެންނެވުމުން ކޯޓުން ވަނީ އިލެކްޝަންސްގެ ނިންމުމަށް ޢަމަލުކުރުން 30 ދުވަހަށް ފަސް ކުރުމުގެ ޢަމުރެއް ނެރުއްވައިފައެވެ.

ގާނޫނުގައި ބުނާ އަދަދު ހަމަނުވެއްޖެނަމަ ކޮމިޝަނުގެ ޖަލްސާއެއް ބާއްވައި ޕާޓީ އުވާލެވޭނެ ކަމަށް ގޤާނޫނުގައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމް އުވާލައްވަން ނިންމެވުމާ ގުޅިގެން އެ ޕާޓީގެ ވެރިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޕާޓީގެ ޒައީމް މައުމޫން ޢަބްދުލްޤައްޔޫމާއި ޕާޓީގެ ރައީސް ފާރިސް މައުމޫން ވަނީ މިއީ ޤާނޫނާ ޚިލާފް ނިންމެވުމެއްކަމަށް ވިދާޅުވެ، އެ ނިންމެވުމާ ދެކޮޅަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލައްވަން ނިންމަވައިފައިވާތީ އެ ޕާޓީގެ ދަރަންޏެއް އޮތްނަމަ، އެކަން އެންގުމަށް ވެސް އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ އިއުލާން ކޔުރައް ވައިފައެވެ.

ނަމަވެސް ސިވިލް ކޯޓުގެ ޢަމަރުކުރެއްވީ އެމްއާރުއެމް އުވާލެއްވުމަށް ނިންމަވައިފައިވާ ނިންމެވުމަށް އަމަލުކުރުން ފަސްކުރެއްވުމަށާއި އެ ނިންމުން ތަންފީޒުކުރެއްވުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުއްވުމަށެވެ.