ސިއްހަތު

ރާއްޖޭގެ އާބާދީ: ހުންނަންޖެހޭ މިންވަރަށްވުރެ %84 މީހުން ބަރު


ރާއްޖޭގެ އާބާދީގައި ހަށިގަނޑުގެ ބަރުދަން ހުންނަން ޖެހޭ މިންވަރަށްވުރެ 84 އިންސައްތަ މީހުން ބަރުކަމަށް ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ރާއްޖޭގެ އާބާދީގެ ތެރެއިން ބަރުދަން ހުންނަންޖެހޭ މިންވަރު ހުންނަންޖެހޭ މިންވަރުގައި ނެތް އާބާދީ އިތުރުވެފައިވާއިރު، ތަފާސްހިސާބުން ފެންނަން އޮތް ޙަޤީޤަތަކީ، ދުޅަހެޔޮ ދިރިއުޅުމުގެ އާދަކާދަތަކާ ދުރުހެލި އާބާދީ ކަންބޮޑުވާ މިންވަރަށް އިތުރުކަމެވެ.

މިނިސްޓްރީ އޮފް ހެލްތާއި، ޑައިބިޓީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިވަޑައިގެން އެކުލަވައިލައްވައިފައިވާ "ހަކުރުބަލި އަދި ދިރިއުޅުމުގެ އާދަކާދައާ ގުޅިގެން ދިވެހިރާއްޖޭގައި ފެންނަ ހިރާސްތައް" ރިޕޯޓު އެކުލަވައިލައްވައިފައިވަނީ 2022 ވަނަ އަހަރުގެ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅުވައިގެންނެވެ.

މި ރިޕޯޓުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ޢާއްމުންގެ މަޢުލޫމާތު ހިމަނުއްވައިފައިވެއެވެ. މިރިޕޯޓުން ހާމަވެފައިވާ ގޮތުގައި ރާއްޖޭގެ އާބާދީގެ ތެރެއިން ހަށިގަނޑުގެ ބަރުދަން ހުންނަޖެހޭ މިންވަރުގައި ހުރީ ހަމައެކަނި 16 އިންސައްތަ މީހުންނެވެ. އަދި ބާކީ 84 އިންސައްތަ މީހުންގެ ބަރުދަން ހުރީ ހުންނަންޖެހޭ މިންވަރަށްވުރެ ބަރުކޮށް، އަދި ފަލަ ބައްޔަށް މަގުފަހިވާގޮތަށެވެ. މީގެ ތެރެއިން 22.3 އިންސައްތަ މީހުންނަކީ، ކަންބޮޑުވާ މިންވަރުގައި ބަރުދަން ހުންނަ މީހުންކަމަށް މި ރިޕޯޓުގައި ވަނީ ހާމަވެފައެވެ.

އާބާދީގެ ބޮޑުބައެއް ބަރުދަން ބަރު، ނުވަތަ ފަލަބައްޔަށް ވަނީ ހުށައެޅިފައެވެ. ބަރުދަން ހުންނަންޖެހޭ މިންގަނޑަށްވުރެ ބަރު ނުވަތަ ފަލަބަލި ޖެހިފައިވާ މީހުންގެ ތެރެއިން 82.6 އިންސައްތަ މީހުންނަކީ އަންހެނުންކަމަށާއި، 76.6 އިންސައްތަ މީހުންނަކީ ފިރިހެނުންކަމަށް މި ރިޕޯޓުން ވަނީ ހާމަވެފައެވެ.

އާބާދީގެ ބޮޑު ބައެއް، ބަރުދަން ހުންނަންޖެހޭ މިންވަރަށްވުރެ ބަރުދަން އިތުރުވެފައިވާއިރު، ދުޅަހެޔޮކަންމަތީ ތިބުމަށް ކަސްރަތުކުރުމާއި، ރަނގަޅުކާނާ ބޭނުންކުރާ އާބާދީވެސް ކަންބޮޑުވާ ނިސްބަތުން މަދުކަން، މިރިޕޯޓުގައި ވަނީ ފާހަގަކުރައްވައިފައެވެ.

ޑައިބިޓީސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން، މިރިޕޯޓު އެކުލަވާލުމަށް ކުރިއަށްގެންދިޔަ ސްކްރީނިންގގައި ކަސްރަތުކުރާކަމަށް ބަލާފައިވަނީ ހަފްތާއަކު މަދުވެގެން 3 ދުވަހު ކަސްރަތުކުރާނަމައެވެ. މި މިންގަނޑުން ބަލާއިރު ސްކްރީންކުރި މީހުންގެ ތެރެއިން ކަސްރަތު ކުރާކަމަށް 35.9 އިންސައްތަ މީހުން ވަނީ ބުނެފައެވެ. އެއީ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުންނެވެ.

ކަސްތަރުކުރުމާ ދުރުހެލިވެފައިވާ އާބާދީގެ ގިނަބަޔަކު މިންހެޔޮ ކާނާއާވެސް ވަރަށް ދުރުކަން ވަނީ ފާހަގަވެފައެވެ. އެގޮތުން ކޮންމެ ދުވަހަކު ތަރުކާރީ އާއި މޭވާ ބޭނުންކުރާ ކަމަށް ބުނެފައިވަނީ 40 އިންސައްތަ މީހުންނެވެ. ޢުމުރުފުރައިގެ ތަފާސްހިސާބުތަކަށް ބަލާއިރު ކެއުމުގައި މޭވާއާއި ތަރުކާރީ ބޭނުންކުރާ މީހުންގެ ޢަދަދު އެންމެ ދަށީ ހަގު ޢުމުރުގެ މީހުންގެ ތެރޭގައެވެ.

ޞިއްޙީ ގޮތުން ކަންބޮޑުވާ އެތައް ކަމެއް ހުރިއިރު، މި ރިޕޯޓުގައި ވަނީ އެކަންކަން ބަދަލުކުރުމަށް އެޅިދާނެ ފިޔަވަޅުތައްވެސް ފާހަގަކުރައްވައިފައެވެ.

އެގޮތުން އަތޮޅުތަކުގެ ޕްރައިމަރީ ހެލްތު ކެއަރ ނިޒާމް ވަރުގަދަކުރުމާއި، ޑައިޓިޝާނުން ފަދަ އެލައިޑް ހެލްތު ފްރޮފެޝަނަލްސްއަށް އާސަންދައިގެ ދަށުން ޚިދުމަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ބޭނުންވާ ޚިދުމަތްތައް އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމްކުރުމާއި ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑު މީހުންނަށް "ލައިފްސްޓައިލް އިންޓަވެންޝަން ޕްރޮގްރާމް" ކުރިއަށް ގެންދިއުމުގެ މުހިއްމުކަން ވަނީ ފާހަގަކުރައްވައިފައެވެ.