ޚަބަރު

އެމްއެންޔޫ ޖޮބް ފެސިޓިވަލްއަށް ބޮޑު ތަރުޚީބެއް


ކުރީ އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ޖޮބް ފެސިޓިވަލަށް ބޮޑު ތަރުޚީބެއް ލިބެމުންދާކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއްޖެއެވެ. "އެމް.އެން.ޔޫ ފަހި ފުރުޞަތު"ގެ ނަމުގައި ބާއްވާ މި ޖޮބް ފެސްޓިވަލް ފަށާފައިވަނީ އިއްޔެއެވެ.

މި ޖޮބް ފެސްޓިވަލްއަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކުގެ މަޢުލޫމާތުދީ، އެ ވަޒީފާތަކަށް މީހުން ހޯދުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. އަދި މިއީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، އެކި ދާއިރާތަކުން ކިޔަވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވައިދޭން ކުރިއަށްގެންދާ ހަރަކާތެކެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމް ހިމެނޭހެން 32 ފަރާތަކުން މި ޖޮބް ފެސްޓިވަލްގައި ވަނީ ބައިވެރިވެފައެވެ. ހޮނިހިރު ދުވަހު ފެށި މި ޖޮބް ފެސްޓިވަލް މިއަދުވެސް ހަވީރު 16:00 އިން ރޭގަނޑު 22:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ތިންވަނަ ފްލޯގައި ކުރިއަށްދާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މާކެޓިން މެނޭޖަރ ސަހުދާ މޫސާ ވިދާޅުވީ، މި ހަރަކާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އެމްއެންޔޫއިން ދަސްވެނިވާ ދަރިވަރުންނަށް ހުރި ވަޒީފާގެ ފުރުޞަތުތައް އަންގައިދިނުންކަމަށެވެ.

ސަހުދާ ވިދާޅުވީ ޖޮބް ފެސްޓިވަލުގެ ފުރަތަމަ ދުވަހު އެކަނިވެސް 1000 އަކަށްވުރެ ގިނަ މީހުން މި ފެސްޓިވަލަށް ޒިޔާރަތްކޮށް ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު އޮޅުން ފިލުވާފައިވާކަމަށެވެ. އަދި އެހެން އަހަރުތަކަށް ވުރެއް މި އަހަރުގެ މި ފެސްޓިވަލްއަށް ވަރަށް ބޮޑު ތަރުޚީބެއް ލިބެމުންދާކަން ސަހުދާ ފާހަގަކުރެއްވިއެވެ.

"ވަރަށް ބޮޑު ތަރުޚީބެއް އެބަ ލިބޭ. ރާއްޖޭގައި މި ވަގުތު މި ދައްކަނީ ހުސް ޖޮބް ފެސްޓިވަލްގެ ވާހަކަ. އޭގެ އެއް އެގްޒާމްޕަލްއެއް އެއީ ދިވެހިރާއްޖޭގެ ހުރިހާ މުވައްސަސާތަކެއް ހެން އެއީ އެމްއެންޑީއެފް ކަމުގައި ވިއަސް ދިރާގު ކަމުގައިވިއަސް ސަރުކާރުގެ އެކި މުއައްސަސާތަކުން ވަނީ ބައިވެރިވެފައި. ޔޫތް މިނިސްޓްރީ، ހޯމް މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ ސަރުކާރުގެ ވަރަށް ގިނަ މުއައްސާތައް ބައިވެރިވި" ސަހުދާ ވިދާޅުވިއެވެ.

މި ފެސްޓިވަލްގައި 6000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތުތާއި އެކަމާއި ގުޅޭ މައުލޫމާތު ލިބެން ހުންނާނެކަމަށް ޤައުމީ ޔުނިވަރސިޓީން މައުލޫމާތުދެއްވައެވެ. މީގެ ތެރޭގައި ފަންނާ ސަޤާފަތުގެ ދާއިރާއާއި، ޔުޓިލިޓީ ކުންފުނިތަކާއި، ކަނޑު ދަތުރުފަތުރުގެ ދާއިރާއާއި އަދިވެސް ގިނަ ދާއިރާތަކެއްގައި ހަރަކާތްތެރިވާ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.

ޕީއެސްއެމް ސްޓޯލްއަށް ބަލާއިރު، އެކި ޑިޕާޓްމަންޓްތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ މައުލޫމާތު ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ޕީއެސްއެމްގެ އެކި ޗެނަލްތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ބައެއް ކަންކަން ތަޖުރިބާ ކޮށްލުމުގެ ފުރުޞަތުތައްވެސް ޕީއެސްއެމްގެ ސްޓޯލްއިން ލިބޭނެއެވެ.

ޕީއެސްއެމްގެ ސްޓޯލްއިން ހުރި ވަޒީފާގެ ފުރުޞަތަކަށް ބަލާއިރު އެސިސްޓެންޓް ޖާނަރލިސްޓް، ވަގުތީ ޖާރނަލިސްޓް، އެސިސްޓެންޓް ޕްރޮޑިއުސަރ، ސީނިއަރ އިންޖީނިއަރ ޓެކްނީޝިއަންގެ އިތުރުން އެސިސްޓަންޓް އިންޖީނިއަރ ޓެކްނީޝިއަން، އެސިސްޓެންޓް އޮންއެއަރ އޮޕަރޭޓަރ، ސީނިއަރ ލޭއައުޓް ޑިޒައިނަރ އަދި ހިއުމަން ރިސޯސް އޮފިސަރގެ މަގާޤުވެސް ހިމެނެއެވެ.

އަދި ކުރިއަތް އޮތް ރިޔާސީ އިންތިޚާބުގެ ކަވަރޭޖުގައި ޕީ.އެސް.އެމްގައި ވަގުތީގޮތުން މަސައްކަތް ކުރާނެ މުވައްޒަފުންވެސް ޕީ.އެސް.އެމްއިން ދަނީ ހޯދަމުންނެވެ.