ޚަބަރު

މަގޫދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާޙުކުރައްވައި، އިންޖީނުގޭގެ އައު އޮފީސް ހުޅުއްވައިދެއްވައިފި


ފ.މަގޫދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢޫގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށް، އެރަށުގައި ފެނަކައިގެ އައު އޮފީހެއް ހުޅުވައިދެއްވައިފިއެވެ.

ފ.މަގޫދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢޫގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށް، ފެނަކައިގެ އައު އޮފީސް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމްކުރުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުގެ ދަށުން، މަގޫދޫގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް އަލްޓެކް މޯލްޑިވްސް އާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރމަހުއެވެ.

މަޝްރޫޢު ނިންމާ މިހާރު މަގޫދޫގެ ހުރިހާ ގޭބީސީއަކަށް ދަނީ ޚިދުމަތް ދެމުންނެވެ. އެގޮތުން 166 ތަނަކަށް ފެނުގެ ޚދުމަތް އަދި 85 ތަނަކަށް ނަރުދަމާ ވަނީ ގުޅާފައެވެ. މި ދެ މަޝްރޫޢުއަށް ދައުލަތުގެ ބަޖެޓުން 31.5 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ

މަގޫދޫގައި ހިންގި މަޝްރޫޢުތައް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކާއި މިހާރު ހިންގަމުން އަންނަ މަޝްރޫޢުތަކުގެ ޢަދަދު 561 އަށް އަރާކަަމަށެވެ. އޭގެ ތެރެއިން 118 މަޝްރޫޢު ނިމިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. އޭގެތެރޭގައި ބަނދަރާއި ޖެޓީ، މަގު އަދި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ކޯޒްވޭފަދަ ޢުމްރާނީ މަޝްރޫޢުތައް ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންނާއި ގާތުން ޚިދުމަތް ލިބޭގޮތަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތާއި އެއްގޮތަށް ހިންގަވާ މި މަޝްރޫޢުތަކަށް އެތައް ބިލިއަން ރުފިޔާއެއް ހަރަދުވެފައިވާކަމަށެވެ.

"ވޭތުވެދިޔަ ސަރުކާރުން ހިންގެވި ސިޔާސީ ފަރާތްތަކުގެ ވިސްނުމަކީ 70 ޕަސެންޓް ދިވެހި ރައްޔިތުން މާލެ ސަރަހައްދަށް ޖަމާކުރުން. އެ ވިސްނުމުގައި ކުޑަރަށެއް ބޮޑު ރަށެއް އާބާދީއަކަށް ނުބަލައި ތަރައްީއެއް ނާންނާނެ އެ ވިސްނުން ހުރި ބަޔަކަށް. އަޅުގަނޑުމެން ޤަބޫލުކުރަނީ 2000 އަހަރުވީ މި ޤައުމު މިތަންމީ އަޅުގަނޑުމެންގެ ވަޒަންކަމަށް. އެ ވިސްނުމުގަ މަޝްރޫޢުތައް މި ހިންގަނީ." އަސްލަމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވި ފެނަކަ އައު އޮފީސް ޢިމާރާތަކީ 1650 އަކަ މީޓަރު ސަރަހައްދެއްގައި ތަރައްޤީކޮށްފައިވާ އޮފީހެކެވެ. މީގެ ކުރިން 3 އިދާރީ މުވައްޒަފުންނާއެކު ޚިދުމަތްދެމުން އައިނަމަވެސް އައު އޮފީހަކީ 30 އިދާރީ މުވައްޒަފުންގެ ޖާގައިގެ އޮފީހެއްކަމަށް ފެނަކައިން ބުންޏެވެ.

އެ އޮފީހަކީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ އޮފީހެކެވެ. އަދި މަގޫދޫ ފެނަކަ އިންޖީނުގެއަކީ އެއަރޕޯޓް މަޝްރޫޢުނިމޭއިރު އެތަނަށް ބޭނުންވާ ކެޕޭސިޓީ ހިމެނޭހެން 50 އަަހަރުގެ މުއްދަތަށް އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ދެވޭ ފެންވަރުގެ އިންޖީނުގެއެއްކަމަށްވެސް ފެނަކައިން ބުންޏެވެ.